Vaahaka: Tikaanaa
image
ވާހަކަ: ޓިކާނާ
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: ޓިކާނާ

(ދެވަނަ ބައި)
ހަނީފު ހިތުގައި ސާރާގެ ސޫރަ ކުރެހުނީ ވެސް ދިޔަރެސް މަތިންނެވެ. އާރަށުގައި އޮތް މަހާސަމާ އަކުންނެވެ. ދުނިޔޭގެ ލިޔުންތެރިންނާއި ފަންނާނުން އެއްތަންވެ އުޅުމަށް 'ހެއި ފެސްޓިވަލުގެ ނަމުގައި' ބޭއްވުނު މަހާސަމާ އަކުންނެވެ. އެ ރަށަށް ހަނީފު ދިޔައީ ރަހުމަތްތެރިންނާއެކު މަޖާކޮށްލާށެވެ. ދުވަހަކު ވެސް ބަލައިލަން ފުރުޞަތު ނުލިބޭ ރަށަކަށްވާތީއެވެ. އެރަށާ މެދު ދައްކާ ވާހަކައިގެ ތެދު ދޮގު ވެސް ޔަގީންކޮށްލާށެވެ. އެއީ ޚާއްޞަ ރަށަކަށްވާތީއެވެ. ކަންކަން ބަދަލުވެގެން ދިޔަ ދަނޑިވަޅެއްކަމުން، ނުލިބި ހުރި ފުރުޞަތުތައް ހޯދެމުން ދިޔަ ދުވަސްވަރެއްގައި ލިބުނު މަދު ފުރުޞަތަކަށް ވާތީއެވެ.

ސާރާ އާރަށަށް ދިޔައީ ޢިލްމީ ދަތުރެއްގައެވެ. އޭނާ މަތީ ތައުލީމަށް ކިޔަވަމުން ދިޔައީ ފަންނުވެރިކަމާއި ލިޔުންތެރިކަމާ ގުޅުން ހުރި ކޯހެއްގައި ކަމަށްވާތީ އެކަމަށް ފެންބޮވައި ގަނެގެންނެވެ. ދުނިޔޭގެ މަޝްހޫރު ލިޔުންތެރިންނާއި ރާއްޖޭގެ މަގުބޫލު ލިޔުންތެރިންނާ ބައްދަލުވުމުގެ މަންސައަކަށް އެކަން ވާތީއެވެ. އޭނާގެ ކުލާހުގެ ދަރިވަރުންނާ އެކުގައެވެ. ޔުނިވަރސިޓީގެ ޚާއްޞަ ފާހެއް އަޅުވައިގެންނެވެ.

މުޅި މަހާސަމާގައި އޮތީ ފަންނެވެ. ފަންނާނުންގެ ހުށަހެޅުންތަކެވެ. ތަފާތު އެކި ބާވަތް ބާވަތުގެ ހުށަހެޅުމެވެ. އާރަށުގެ ހުރިހާ ތަނެއް އެ މަހާސަމާއަށް ޓަކައި ވަނީ ޚާއްޞަ ކޮށްފައެވެ. މުޅި ރަށުގެ އެކި ތަންތަނުގައި ވަނީ ތަފާތު ޖަގަހަތައް ހަދައިފައެވެ. އެކި ނަންނަމު ގައެވެ. ތަފާތު ދާލަތަކުގެ ގޮތުގައެވެ. ކޮންމެ ދާލައަކުން އެ ދާއިރާއެއްގެ ޚާއްޞަ ފަންނާނުންގެ މައުލޫމާތު ލިބެމުންދެއެވެ. އެ ދާއިރާއަކުން ކުރިއަށް ދިޔުމަށް ހުރި ފުރުޞަތުތައް ކިޔައިދެމުން ދިޔައެވެ.

ރަށުގެ އެއްފަރާތުގެ ގޮނޑުދޮށް ޚާއްޞަ ކޮށްފައިވަނީ ޅެންވެރިންނާއި ވާހަކަ ލިޔުންތެރީންނަށެވެ. ދެފަސްބެދޭ ހިސާބުގައި ރޯނުން ގަތާފައި ހުރި ދެ ޖޯލި ހިމެނޭ ދާލައެއް ހުއްޓެވެ. ދެ ޖޯލީގެ ކުރިމަތީގައި މެދުމިނުގެ ރުނބައެއް ހުއްޓެވެ. ރުނބާގެ މަތީގައި ކުޑަ ފިލާކޮޅެއް އޮތެވެ. އޭގެމަތީ ރީތި ތުނޑުކުނަލެއް ފަތުރާލައިފައި އޮތެވެ. ކުނާގެ މެދުގައި "ރިވާޔަތު މޫސާ ވަ ޒުލައިޚާ" ކިޔާ ދިވެހި ވާހަކަ ފޮތެއް އޮތެވެ. އޭގެ މަތީގައި "ދޮންބީފާނު" ވާހަކަފޮތް އޮތެވެ. އެ ފޮތުގެ މަތީގައި ވަނީ ސުވާލު މާކު ޖަހައިފައިވާ ކަރުދާސް ގަނޑެކެވެ. ތިނެސްކަން ބައްޓަމަށް ފަތްޖަހައިލައިފައިވާ ހުދުކުލައިގެ ގަނޑެކެވެ. ކުނާމަތީގައި ހުރީ ހުދުކުލައާއި ރަތްކުލައިގެ ގުލްޝަންޕާ މާތަކެވެ. ބައެއް މާތައް ފޮތްތަކުގެ މަތީގައި އެއްވެސް ތަރުތީބެއް ނެތި އަތުރާލައިފައި ހުއްޓެވެ. ރުނބާގެ އެއް ފަރާތުގައި ތިން އަދަރާދަ ގޮނޑި ހުއްޓެވެ. އެއް ގޮނޑީގައި އިންނެވީ ރާއްޖޭގެ މަޝްހޫރު ވާހަކަލިޔުންތެރި އެކެވެ. އަނެއް ގޮނޑީގައި އިންނެވީ ދުނިޔޭގެ ނަން މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އިއާން އެމްސީ އިވާންއެވެ. މެދު ގޮނޑި ހުރީ ހުހަށެވެ.

މައުލޫމާތު ހިމެނޭ ކަރުދާސްތަކާއި ލުއި ފޮތްތައް ބެހުމުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ބައެއް މުވައްޒަފުންނާއި ޒުވާން ދެތިން އަންހެން ކުދީން އަވަދިނެތި އުޅެމުން ދިޔައެވެ. ދާލައިގެ އެއް ކޮޅުގައި ނަފުސީ ނެގޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުއްޓެވެ. އަނެއްކޮޅުގައި ކުދިކުދި ކުޅިވަރުތަކަށް ޚާއްޞަކޮށްފައިވެއެވެ. ދާލައިގެ މެދުގައި ހިމެނޭ މެހުމާންސަރާއިން ވާހަކަ ލިޔުންތެރީންނާ ބައްދަލުކުރުމަށް ފުރުސަތު ލިބެނީ ގުރުއަތުން ނެގޭ ފަރާތްތަކަށް ވަކި ތަރުތީބަކުންނެވެ. އެތަނުގައި ފަހަރަކު ބައްދަލު ކުރަން ފުރުސަތު ދެނީ ދެ ބައިވެރިންނަށެވެ. ދެ ޖޯލީ ޚާއްޞަ ކުރެވިފައިވަނީ އެ ދެ ބައިވެރިންނަށެވެ. އެ ދާލައިން ފުރުޞަތު ހޯދުމަށް ބޭނުންވާ މީހުންގެ ދެ ސަފު ދުރަށް ދެމިފައި އޮތެވެ.

ދާލައިގައި ހިމެނޭ ކުޅިވަރުތަކުން ނަސީބު ވަޒަންކޮށްލުމަށް ހުޅުވާލެވިފައިވާ ފުރުސަތުން ވާހަކަ ލިޔުންތެރީންނާ ބައްދަލުކޮށްލުމަށް ފުރުސަތު ލިބުނު އެއް ފަރާތަކީ ހަނީފެވެ. އަނެއް ފަރާތަކީ ސާރާއެވެ. ސާރާ ހަނީފަށް ތަޢާރަފުވީ އެ ދާލައިންނެވެ. އެ ޖޯލިންނެވެ. ސާރާއަކީ ވާހަކަ ލިޔުމަށް ލޯބިކުރާ ޒުވާނެކެވެ. ވާހަކަ ކިޔުމަކީ އޭނާގެ އާދައެއްކަން ހަނީފަށް އެނގުނީ އެ ތަނުންނެވެ. ވާހަކަ ލިޔުންތެރީންނާ ސާރާ ވަރަށް ގިނަ ސުވާލު އަމާޒުކުރިއެވެ. ހަނީފު އިނީ ސާރާގެ މޫނަށް ބަލާށެވެ. އޭނާގެ ޝައުޤުވެރިކަމާ މެދު ހައިރާންވެފައެވެ. އެއަށްވުރެ ބޮޑަށް ހަނީފުގެ ހިތުގެ ވިންދު ސާރާގެ ހަރަކާތްތަކަށް ލެނބެމުން ދިޔަކަން އޭނާއަށް ވެސް އިހުސާސް ކުރެވެމުން ދިޔައެވެ. އެ ސާދާ މޫނުން ހަނީފުގެ ވިންދާ ކުޅެލި ކަހަލައެވެ. ބަސްމޮށުމުގެ ފަރިތަކަމުން ހަނީފުގެ ކަންފަތް ސަމާލުކުރުވިއެވެ. ހަނީފަށް ކަޅި ޖަހައިނުލައި ބަލަން އިނދެވުނީ ސާރާގެ ހަރަކާތްތަކަށެވެ.

"އަހަރެން އެއްވެސް ޝައުގެއް ނުހުރޭ ވާހަކަ ލިޔާކަށް. އެކަމަކު މީހަކު ކިޔައިދެންޏާ އަހައިލެވިދާނެ. ވާހަކަ ލިޔަން ވެސް ނޭނގޭނެ." ހަނީފަށް ޖަވާބު ދެވުނީ، ދިވެހި ވާހަކަލިޔުންތެރިޔާ ސުވާލު ދެފަހަރަކު ތަކުރާރު ކޮށްލުމުންނެވެ.

"ތި ދިމާވީ މާރަނގަޅަކަށް. އަހަރުމެން ބޭނުންވަނީ ވާހަކަ ލިޔާ ހިތްވާ މީހަކާ، ލިޔާ ހިތްނުވާ މީހެއްގެ ޖޯޑެއް. އެހެންވީމަ އަހަރެން ދޭނަން ކުޑަކުޑަ މަސައްކަތެއް. މި މަސައްކަތް ކޮށްލެވުނީމަ އަހަރުމެންގެ ފަރާތުން ކުޑަ ހަދިޔާއެއް ވެސް އޮންނާނެ. އަދި ބޭނުންތެރި ބައެއް މައުލޫމާތު ވެސް ދެވޭނެ،" އިނގިރޭސި ވާހަކަ ލިޔުންތެރިޔާ އިވާން، އޭނާގެ ރަސްމީ ބަހުން ވާހަކަދެއްކިއެވެ. "އެންމެ ރަނގަޅު، ސާރާ ދާންވީ ދިޔަރެސް މައްޗަށް، ހަނީފު ކުރަންވީ ކަމަކީ އަހަރުމެން ބުނެދޭ ގޮތަށް ލިޔަންވީ. ސާރާގެ ހަރަކާތްތައް ކިޔައި ދޭނީ ނަހޫ."

ހަނީފު ދާ ހިތްލަން ފެށިއެވެ. އޭނާއަށް ބަލައިލެވުނީ ސާރާއަށެވެ. ސާރާ ހުރީ ދިޔަރެސް މަތީގައެވެ. ވިލު ކުލައިގެ ޕާކިސްތާނު ހެދުމެއްގައެވެ. ދެ އަތުގައި އޮޅައިލެވިފައިވަނީ ހުދުކުލައިގެ ދޯޕައްޓާއެވެ. ދޯޕައްޓާގެ މެދު ވަނީ ސާރާގެ މެދު ބޮލުން ދެފަރާތަށް ސޮހިގެންދާ ގޮތަށެވެ. ސާރާ ހަރަކާތް ކުރަންވީ ގޮތް ބުނެދޭން ހުރީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ނަހުލާއެވެ.

އިވާން، ހަނީފަށް ދެ ތިން އިރުޝާދެއް ދިނެވެ. ހަނީފު ގަލަން ނަގަން ޖެހިލުންވެ އިނދެ ގަލަން ނެގިއެވެ. އޭނާ އެންމެ ކުރަން ބޭނުން ނުވާކަންތައް ކުރާން ޖެހުމުން އަތް ތުރުތުރު އަޅާން ފެށިއެވެ. މީހާ ހާސްވެ ކަންބޮޑުވާން ފެށިއެވެ. އޭނާގެ އިހުސާސްތައް ގަލަމުން ބޭރު ކުރަން މަޖުބޫރުވީމައެވެ.

"ރަސްރަނި ކަމަނާއެވެ. ކަލާގެ ތިޔަ ހިނިތުންވުމުން އަހަރެންގެ ހިތް އުފުރިގެން ހިނގައްޖެއެވެ. ލޫޅާފަތި ފަތި ހަށިގަނޑުގެ ހަރަކާތްތަކުން އަހަރެންގެ ވިންދު އަވަސްކުރުވައިފިއެވެ. ހިތުގެ ބާނީތައް އިތުރުކޮށްފިއެވެ. މޭގައި ނޭނގޭ ރިހުމެއް އުފައްދައިފިއެވެ. ހިތުގެ މަލަކާއެވެ. ކަލާގެ ކޮންމެ ފިޔަވަޅަކުން އަހަންނަށް ދުވަނީ މީރުވަހެވެ. ކަލާގެ ކޮންމެ ނޭވާއެއް އަހަރެންގެ ފުރާނައާ މެހިގެންދެއެވެ. ތިޔަ ތޫނު ކަޅިރަވައިން އަހަރެންގެ ހިތް ޒަޚަމު ވެއްޖެއެވެ. އާއެކެވެ. ތިޔަ ކަޅިރަވައިން ޒަޚަމު ނުވި ހިތަކީ، އެއީ ދުނިޔޭން ވަރަށް ބަދު ނަސީބު ހިތެކެވެ." ހަނީފުގެ ޖުމުލަތައް ސާރާއަށް އިވޭނެހެން ނަހުލާ ކިޔައިދިނެވެ.

އެ ޖުމުލަތައް އިނގިރޭސިބަހުން އިވާންއަށް އިއްވަން ޖެހުނީ ސާރާއަށެވެ. އިވާންގެ ތައުރީފު ހަނީފަށް އޮހިގަތެވެ.

"ރިހުމާއެކު ވިންދެން ނުޖަހާނަމަ، ތަސްވީރަށް ކުލައެއް ނާންނާނެ،" އިވާން ހީލަމުން އިނގިރޭސިބަހުން ބުނެލިއެވެ. "ސާދާކޮށް ބުނުމަށްވުރެ، ފަށުވި އިބާރާތްތަކުން ކުރެވޭ ތައުރީފުން އުފެދޭ އިހްސާސްތަކުގެ އަސަރު ހުންނާނެ. ހިފަހައްޓަމުން ކިޔައިދެވޭނީ ޓިކާނާ އޮވެގެން. ޓިކާނާއަކީ މި ދެންނެވި އިހްސާސްގެ ނަތީޖާ. ވާހަކައިގެ ބޭނުމަކީ އެއީ."

ސާރާ ބަލައިލީ ހަނީފުގެ މޫނަށެވެ. އެ ބެލުމުގައި އެތައް މާނައެއް އެކުލެވޭ ގޮތަށެވެ. ހަނީފު ވެސް ބަލައިލީ ސާރާގެ މޫނަށެވެ. ދެ މީހުން ދެ މީހުންނަށް ކަޅި ޖަހައި ނުލައި ބަލަން ތިބެވުނެވެ. އެ މަންޒަރުގެ ތަސްވީރު ކުރަހައިލީ އިވާންގެ ފޯނުގައެވެ.

"މަރުހަބާ. ފެށުމުގެ މާނައަކީ ކަމެއްގެ ނިމުން. ކޮންމެ ކަމެއް ވެސް ފެށޭނީ ކޮންމެ ވެސް ކަމެއް ނިމުނީމަ." އިވާން ހީލަމުން މާ ބޮނޑިއެއް ދެ މީހުންނަށް ދިއްކޮށްލިއެވެ.

ސާރާއާއި ހަނީފު އެ ތަނުން ނިކުތެވެ. މުޅީން އެހެން ވިސްނުމެއް ބޮލު ތެރެއަށް ޖަމާކޮށްގެންނެވެ. މޭގައި ހުސްކޮށް އޮތް ޖާގަތައް ފުރައިލައިގެންނެވެ.
"އަހަންނެއް ހިޔެއް ނުކުރަން މިހެން ދިމާވެދާނެ ކަމަކަށް. އަސްލު މިހެން ވެސް ވޭތަ؟" ސާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"މި އޮތީ މި ހެން ވެސް ވެފައެއްނު. ކޮންމެ މަހަކަށް ވެސް ގަލެއް އޮވެޔޭ ކިޔައެއްނު. އެ ގާ ހޯދަން ކުރަން ޖެހެނީ އެކި ކަންކަމޭ ވެސް ބުނެއެއްނު. މި ވެދާނެއްނު މީ އަހަރުމެންނަށް އޮތް ގޮތް ކަމަށް." ހަނީފު ސާރާގެ އިސްތަށިގަނޑާ ކުޅެލިއެވެ.

ސާރާއާއި ހަނީފު ތިބީ އެކަހަރިވެލައިގެންނެވެ. މުޅި މާހައުލު ގުގުމަމުން ދަނީ ބޮޑު ބެރުގެ ފޯރިގަދަ ލަވަތަކުންނެވެ.
"އަހަރެން އަންނާކަށް ވެސް ނޫން ހުރީއެއް. ނޭނގޭ ކޮންމެ ވެސް މުހިއްމު ކަމެއް ވާނޭ ހިތަށް އަރައިގެން އައީ ވެސް. އެ މީހުން ޓިކެޓު ކަންތަކާ އުޅުނީ ވެސް،" ހަނީފު ރުއްބުޑުގައި ލެނގިލިއެވެ. "ވަރަށް އުފާވެއްޖެ ސާރާ ކަހަލަ ރަނގަޅު ކުއްޖަކު ލިބުނީތީ. ފަސޭހައިން ގުޅުމެއް އުފެދުނީތީ. އަދި ދެމީހުން ދަސްކުރަން ވަގުތު ވެސް ބޭނުންވާނެ ދޯ."

ސާރާ އޮތީ ވިނަގަނޑު މަތީ ހަމަޖެހިލިއެވެ. ހަނީފުގެ އުނގުގައި ބޯޅައިގެންނެވެ.
"ހަނީފުގެ މޮޅުކަމުން ދޯ މިކަން މިވީ." ސާރާ ހޭން ފެށިއެވެ.
"އާން. ތިޔަ ކަޅި ރަވައިން ޒަހަމު ނުވި ހިތަކީ އެއީ ދުނިޔޭން ވަރަށް ބަދުނަސީބު ހިތެކޭ." ހަނީފު ވެސް ހޭންފެށިއެވެ.

(ނުނިމޭ)
ހިޔާލު