New Radiant Ah FIFA Ge Varugadha Inzaareh
image
ނިއު ރޭޑިއަންޓުގެ ކުޅުންތެރިންނަށް ކްލަބުގެ ކުރީގެ ކޯޗު ބެނާޑޯ ޓަވަރެސް ފޮޓޯ:-- މުހައްމަދު އަފްރާހު
ސީއެންއެމް
1 ކޮމެންޓް
 

ނިއު ރޭޑިއަންޓަށް ފީފާގެ ވަރުގަދަ އިންޒާރެއް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ދީފި އެވެ.
ފީފާއިން ނިއު ރޭޑިއަންޓަށް އިންޒާރުދީފައިވަނީ އެކްލަބުގެ ކުރީގެ ކޯޗު ބާނާޑޯ ޓަވަރެސްގެ މުސާރައިގެ މައްސަލައިގައެވެ. މި މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހު ކޮޅު ޕްލެއާސް ސްޓެޓަސް ކޮމިޓީން ވަނީ ޓަވަރެސްގެ މުސާރައިގެ ގޮތުގައި 4،000 ޑޮލަރުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި އޭނާއަށް 20،000 ޑޮލަރުގެ އަދަދެއް ދިނުމަށް ނިއު ރޭޑިއަންޓަށް އަނގާފައެވެ. އަދި ހަމަ އެހެންމެ ޖޫރިނަމާގެ ގޮތުގައި ފީފާއަށް ވެސް 8000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެފަހަރު ފީފާއިން ވަނީ އެކްލަބަށް އަނގާފައެވެ.

އެކްލަބުން އެ ފައިސާ ނުދެއްކުމާ ގުޅިގެން ފީފާގެ ޑިސިޕްލިސަނަރީ ކޮމިޓީގެ ޑިޕިއުޓީ ޗެއާމަން، އަލެޖަންޑްރޯ ޕިއޭރާ ސޮއިކޮށް ފޮނުވި ނިންމުމުގައިވާ ގޮތުން ނިއު ރޭޑިއަންޓުން 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އިތުރު އިންޒާރަކާ ނުލާ އެކްލަބާމެދު ފިޔަވަޅު އާޅެނެ އެވެ. ފީފާގެ ޑިސިޕްލިނަރީ ކޮމިީޓިން ނިއު ރޭޑިއަންޓަށް އަންގާފައިވަނީ 22 އޮގަސްޓް 2019 ވަނަ ދުވަހު ނިންމި ނިންމުމާ އެއްގޮތަށް 24،000 ޑޮލަރު ޓަވަރެސް އަށް ދިނުމަށެވެ. މީގެ އިތުރުން ފީފާއަށް ދައްކަން ޖޫރިމަނާގެ ގޮތުގައި 13،000 ޑޮލަރު ދެއްކުމަށެވެ.

މި މައްސަލާގައި ނިއު ރޭޑިއަންޓަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތަކެވެ. މި މުއްދަތު އަންނަ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހަށް ހަމަވާއިރު މި މުއްދަތުގެ ތެރޭގައި ފީފާއިން އަނގާފައިވާ ގޮތަށް ފައިސާ ނުދައްކައިފި ނަމަ އެކްލަބާ މެދު ފިޔަވަޅު އެޅުމަށް ފީފާއިން ވަނީ ނިންމާފައެވެ. ފީފާއިން ވަނީ ނިންމުމާ ހިލާފުވެއްޖަ ނަމަ އިތުރު އިންޒާރަކާ ނުލާ އެކްލަބު ޓްރާންސްފާ ބޭން ކުރަން ނިންމާފައެވެ. ޓްރާންސްފާ ބޭންގެ ސަބަބުން އެކްލަބަށް ރާއްޖޭ އާއި ރާއްޖެއިން ބޭރުގެ ޓްރާންސްފާ ބާޒާރުގައި އެއްވެސް މުއާމަލާތެއް ނުހިންގޭނެ އެވެ. އަދި ކްލަބަށް އެއްވެސް ކުޅުންތެރިއަކު ރަޖިސްޓްރީ ވެސް ނުކުރެވޭނެ އެވެ. ފީފާގެ ނިންމުމުގައިވާ ގޮތުން އެކްލަބުން ނިންމުމާ އެއްގޮތަށް ފައިސާ ޖަމާކޮށް، އެކަން ފީފާއަށް އެނގުމާ ހަމައަށް މި ޓްރާންސްފާ ބޭން ކުރިއަށް ދާނެ އެވެ.

މި މައްސަލާގައި ފީފާއިން ދިވެހި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފް.އޭ.އެމް) އަށް ފޮނުވި ރިޕޯޓުގައި ފީފާއިން ވަނީ 4 އޮކްޓޯބަރުގެ ނިޔަލަށް ނިއު ރޭޑިއަންޓުން ފައިސާ ނުދައްކައިފި ނަމަ ގައުމީ ފެންވަރުގައި ކްލަބާ މެދު ފިޔަވަޅު އެޅުމަށް އެފްއޭއެމަށް އަނގާފައެވެ. އެފަދަ ހާލަތެއްގައި ފީފާގެ ނިންމުމާ އެއްގޮތަށް ދިވެހި ރާއްޖޭގައި، ނިއު ޓްރާންސްފާ ބޭންކޮށް އެކަމުގެ ހެކި ހުށަހެޅުމަށް ފީފާއިން ވަނީ އެފްއޭއެމަށް އަނގާފައެވެ. މި މައްސަލާގައި ފީފާގެ ނިންމުމާ ހިލާފުވެއްޖެ ނަމަ އެފްއޭއެމާ މެދުވެސް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ފީފާއިން އިންޒާރު ދީފައިވެއެވެ. ފިޔަވަޅެއްގެ ގޮތުން މެމްބަރު ކަމުން ވަކި ކުރަން ޖެހިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ހިޔާލު

ރަދީފް

ފިޔަވަޅު އަޅާބަލަ ކަލޭމެން.ތިބެބަލަ އަޅައިގެން.