Mas kirumuga huri dhathi thah hallu kuran kunfuni thakaa eku mashvaraa kuranee
image
މަސް ދޯންޏެއް-- ފޮޓޯ: ޒުވާން މަސްވެރިޔާ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މަސް ކިރުމާއި އައިސް ހޯދުމުގައި ހުރި ދަތިތައް ހައްލު ކުރަން ކުންފުނިތަކާއެކު މިނިސްޓްރީން މަޝްވަރާ ކުރަނީ

މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދޭން ގުޅުން ހުރި ކުންފުނިތަކާއެކު ވާހަކަދައްކަމުން ދާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލިއެންސް ޑިރެކްޓާ އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.
ޒިޔާދު ސީއެންއެމްއަށް ވިދާޅުވީ މަސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތައް އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށާއި ވަގުތީ ހައްލެއް ހޯދައި ދިނުމަށްޓަކައި ކުންފުނިތަކާ މިހާރު ވެސް ވާހަކަދައްކަމުން ދާ ކަމަށެވެ.

މަސް ކިރޭނެ ގޮތެއް ނެތި އައިސް ލިބުމުގައި ވެސް އެތަކެއް ދަތިތަކެއް ދިމާވެ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަސްވެރިއަކު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މަސްވެރިން މަސް ނުކިރިގެން ގޮތް ހުސްވެފައިވާ ކަމަށާއި އެންސިސް އޮތީ ކުރިޔަށް އޮތް ތިން ދުވަހު ފުލްކޮށް ކަމަށެވެ. މިފްކޯ އިން ކުރިޔަށް އޮތް ފަސް ދުވަހު ވެސް ކިރޭނެ ގޮތެއް ނެތް ކަމަށާއި މާންދޫ އޮތީ މަރުވެފައި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ."ފާއިތުވެދިޔަ 48 ގަޑި އިރު ތެރޭ 1000 ޓަނަށް ވުރެ ގިނަ މަސް ބާނާފައި ވާއިރު 40 އިންސައްތަ މަސް ކިރަން މިޖެހެނީ އެންސިސް އަށް. ފަލަ މަސް ކިލޯ އެއް 16 ރުފިޔާ އަށް. އަދި ކުދި މަސް ކިލޯ އެއް އަށް ރުފިޔާ އަށް ކަން ފާހަގަކޮށްލަން،" މަސްވެރިޔަކު ބުނެފައި ވެއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމާއި މަސްވެރިންނަށް މަސް ކިރޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައި ދިނުމަކީ ސަރުކާރުން ވެފައިވާ ވައުދެކެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި މަހުގެ ސްޓޮކް މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އޭގެ އިތުރުން ދުނިޔޭގެ މާކެޓުގައި މަހުގެ އަގުވެސް ވަނީ ބޮޑުތަނުން ވެއްޓިފަ އެވެ.

މަސް ކިރުމުގައި އާއި އައިސް ހޯދުމުގެ އުނދަގޫތައް ދިމާވަމުން ދަނީ މަހުގެ އަގަށް އައިސްގެން އުޅޭ ބަދަލުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

އެގޮތުން މަހުގެ އަގު ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެން މަސް ބަންދު ކުރުން މަޑު ޖެހުމަކަށް އައިސް، މަސް ރައްކާ ކުރާ ސްޓޯރޭޖުތައް ފުރިފައިވުމުން މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ވެސް ވަނީ ދޯންޏަކުން ދުވާލަކު އެއް ޓަނުގެ މަސް ކިރާ ގޮތަށް ނިންމާފަ އެވެ.

އެކަމަކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަަގު ބޮޑުތަނުން ދަށްވެފައި ވީ ނަމަވެސް މިފްކޯ އިން ދަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލެއް ނުގެނެސް ބާނާ ހުރިހާ މަހެއް ގަންނަމުން ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ މަހުގެ ބާޒާރަށް ބަލާއިރު އޭޕްރިލް މަހު ތައިލެންޑުގައި ކަޅުބިލަމަހެއްގެ ޓަނެއް ލިބެން ހުރީ 23،130 ރުފިޔާއަށެވެ. މެއި މަހު އެ އަގު ވަނީ 19،275 އަށް ވެއްޓިފަ އެވެ. ޖޫން އަދި ޖުލައި މަހު ކަޅުބިލަމަހުގެ ޓަނެއް ލިބެން ހުރީ 15،420 އަަށެވެ. ޖަޕާނުގެ ޓޯކިޔޯގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ވެސް ލޯބޮޑު ކަންނެލީގެ އަގު ވެސް ދަށްވަމުން ދާކަމަށް ފާހަގަކުރެވެ އެވެ. ޖުލައި މަހަށް ބަލާއިރު އެ މަހުގެ ފުރަތަމަ ހަފްތާގައި ލޯބޮޑު ކަންނެލީގެ ކިލޯއެއް 472 ރުފިޔާ އަށް ހުރިއިރު މަސް ނިމުނު އިރު ކިލޯއެއްގެ އަގު އުޅެނީ 221 ރުފިޔާ އަށެވެ.
ހިޔާލު