Mi sarahahdhuga sihhee dhaairaa ah emme ginain heydha kuraa gaumakee Raajje!
image
ހެލްތު މިނިސްޓަރު އަމީން-- ފޮޓޯ: ހެލްތު މިނިސްޓްރީ
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ދެކުނު އިރުމަތީ އޭޝިއާގައި ސިއްހީ ދާއިރާއަށް ސަރުކާރުން އެންމެ ގިނައިން ހޭދަކުރާ ގައުމަކީ ރާއްޖެ: ދިރާސާ

ދެހާސް ސަތާރަވަނަ އަހަރު ރާއްޖޭގެ ސިއްހީ ކަންކަމަށް ހަ ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދުވި ކަމަށާއި ރާއްޖެއަކީ މި ސަރަހައްދުގައި ސިއްހީ ކަންކަމަށް އެންމެ ގިނައިން ހޭދަ ކުރަ ގައުމު ކަމަށް "މޯލްޑިވްސް ނެޝަނަލް ހެލްތު އެކައުންޓްސް 17-2015" ރިޕޯޓުން ދައްކައިފި އެވެ.
މިއަދު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި "މޯލްޑިވްސް ނެޝަނަލް ހެލްތު އެކައުންޓްސް 17-2015" ރިޕޯޓު އިފްތިތާހުކޮށްފައި ވާއިރު އެ ރިޕޯޓުގެ ނަތީޖާތަކުން ދައްކާ ގޮތުގައި ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 77 އިންސައްތަ އަކީ ސަރުކާރުން ސިއްހަތަށް ކޮށްފައިވާ ހަރަދުތަކެވެ.

އޭގެ އިތުރުން ސިއްހީ ހަރަދުތަކުގެ 60 އިންސައްތަ ޑޮކްޓަރަށް ދެއްކުމަށް ހޭދަކުރެވިފައި ވާއިރު އެޑްމިޓް ކުރުމަށް ހޭދަވެފައި ވަނީ 19 އިންސައްތަ އެވެ.

އޭގެ އިތުރުން 2017 ވަނަ އަހަރުގައި ސަރުކާރުގެ ބަޖެޓުގެ 32.3 އިންސައްތަ ހޭދަކުރެވިފައި ވަނީ ސިއްޙީ ދާއިރާ އަށެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ސަރުކާރު ބަޖެޓުން ސިއްހަތަށް ހޭދަކުރެވިފައިވާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ދިވެހިރާއްޖެ އެވެ.

"މި ހަ ބިލިއަން ރުފިޔާ ސިއްހީ ނިޒާމުގެ ތެރެއަށް ދިޔައިރު އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެންނަށް މިއަދު ވެސް ފިނޭންސް މިނިސްޓަރުގެ އަރިހުގައި ކޮންމެ ދުވަހަކު ކުރާ ޝަކުވާއަކީ އަޅުގަނޑުމެންނަށް އިތުރަށް ފައިސާ ހޯދަދޭށޭ، އިތުރަށް ކަންކަން ފަހިކޮށްލަދޭށޭ، އޭރުންނޭ ނިޒާމު ފުރިހަމަ ވާނީ،" އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ރިޕޯޓްގެ ހޯދުންތަކުގެ އަލީގައި ސިއްހީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

އެ ރިޕޯޓަކީ ރާއްޖޭގެ ސިއްހީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްހީ ވަސީލަތްތައް ބެހިގެންދާ ގޮތް ދެނެގަތުމަށްޓަކައި އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުން ކުރަމުން ގެންދާ ހާއްސަ ފްރޭމްވާކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ އެ ރިޕޯޓަކީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން އެފަދަ ރިޕޯޓެއް އެކުލަވާލައި ޝާއިއު ކުރި ތިންވަނަ ފަހަރެވެ.

ހިޔާލު

No name entered

ސުބުޙާނަﷲ މިޢީ ބޮޑޫދިރާސާއެއް ކުރަންޖެހޭ ކަމެއް
މިއީ ތިބޭފުޅުން އުފާކުރަންޖެހެ ކަމެއް ކަމަކަށް ނުދެކެން