Mathee thauleemuge furusathu dhookollaa dharivarunnaa medhu fiyavalhu alhaane gothuge usoolu aammukoffi
image
ދިވެހި ދަރިވަރުންތަކެއް ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި-- ފޮޓޯ: ޓުޑޭ އެމްވީ
0 ކޮމެންޓް
 

މަތީ ތައުލީމުގެ ފުރުސަތު ދޫކޮށްލާ ދަރިވަރުންނާ މެދު ފިޔަވަޅު އަޅާނެ ގޮތުގެ އުސޫލު އާއްމުކޮށްފި

މަތީ ތައުލީމާއި ތަމްރީން ހާސިލް ކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުކޮށް، ދޫކޮށްލާ ދަރިވަރުންނާ މެދު އަމަލު ކުރާން ގޮތުގެ އުސޫލެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފި އެވެ. ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރި އުސޫލުގައިވާ ގޮތުން އެ އުސޫލަކީ މަތީ ތައުލީމާއި ތަމްރީން ހާސިލް ކުރުމަށް ސަރުކާރުން ދޭ ފުރުސަތުގެ ބޭނުން ނުހިފާ ދަރިވަރުންނާ މެދު އަމަލު ކުރާނީ އެ އުސޫލުގައިވާ ގޮތުގެ މަތިންނެވެ. އެފަދަ އުސޫލެއްގެ މަގްސަދަކީ މަތީ ތައުލީމަށް ސަރުކާރުން ފޯރުކޮށްދޭ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ދަރިވަރުންނަށް ބާރު އެޅުމާއި، ފުރުސަތުގެ ބޭނުން ނުހިފުމުން ސަރުކާރާއި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށް، ގިނަ ދަރިވަރުންނަށް އެފަދަ ފުރުސަތު ލިބޭނެ މަގު ފަހި ކުރުމެވެ. އެ އުސޫލުގައި ވަނީ ދަރިވަރުންނާ މެދު އަޅާނެ ފިޔަވަޅުތަކާއި، ފިޔަވަޅު އެޅޭނެ މުއްދަތު ހިމަނާފަ އެވެ. "ފިޔަވަޅު އެޅުމަކީ، އެކިއެކި ސަބަބުތަކާހުރެ، މި މިނިސްޓްރީން އިއުލާނު ކުރާ މަތީ ތައުލީމުގެ ފުރުސަތު ލިބޭ ދަރިވަރުން ފުރުސަތުތަކުން ވަކި މުއްދަތަކަށް މަހުރޫމު ކުރުމާއި ފައިސާ ދައްކަން އެންގުމެވެ،" އުސޫލުގައި ވެއެވެ. އޭގެ އިތުރުން މަތީ ތައުލީމް ހޯދަން ލިބޭ ފުރުސަތުގައި "އެއްވެސް ހަރަދެއް ސަރުކާރުގެ އަދި ބައިލެޓްރަލް އެހީގެ ދަށުން ކޮށްފައިވާނަމަ، އެ ހަރަދެއް އަނބުރާ ދައްކަން ވާނެ" ކަމަށް އުސޫލުގައި ވެއެވެ.ފިޔަވަޅު އަޅާނެ މުއްދަތު ކަނޑައަޅާފައިވަނީ އެކި ކަހަލަ ލޯނު ފުރުސަތުތައް ދޫކޮށްލި ތަފާތު އެކި ސަބަބުގެ މައްޗަށް ރިއާޔަތްކޮށް އެކި މުއްދަތަށެވެ.ފިޔަވަޅު އަޅާނެ ސަބަބުތައް:
  1. ފޯޖުކޮށްފައިވާ ޑޮކިޔުމަންޓް ހުށަހަޅާފައިވާކަން ނުވަތަ މަކަރާއި ހީލަތް ހަދާފައިވާކަން ސާބިތުވުން ނުވަތަ ނާޖާއިޒު ފައިދާއެއް ލިބޭ ފަދަ ގޮތަކަށް ސައްހަ ނޫން މައުލޫމާތު ހިމަނައިގެން އެޕްލިކޭޝަން ހުށަހަޅާފައިވުން.
  2. ކިޔަވާ ނިމުމަށް ފަހު އިގުރާރުގައިވާ ގޮތަށް ހިދުމަތް ކުރުމަށް ރާއްޖެއަށް ނައުން. 
  3. ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައި ވަނިކޮށް މަގުބޫލު އުޒުރަކާ ނުލާ ފުރުސަތު ދޫކޮށްލުން ނުވަތަ ދަރިވަރުގެ އިހުމާލުން ފުރުސަތު ގެއްލުން ނުވަތަ އުސޫލާ އެއް ގޮތަށް އަމަލު ކުރަމުން ނުދިޔުން.
  4. މަތީ ތައުލީމުގެ ފުރުސަތަކަށް ދަރިވަރެއްގެ ނަން ހޮވިއްޖެކަން އެ ދަރިވަރަށް އަންގާތާ 48 ގަޑިއިރު ފަހުން އަދި އެހެން ދަރިވަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ފަހުން ދޫކޮށްލުން ނުވަތަ އެ ދަރިވަރެއްގެ އިހުމާލުން ގެއްލުން.
އޭގެ އިތުރުން ސަރުކާރުން ހަރަދުކޮށްފައި ވަނިކޮށް މަގުބޫލު އުޒުރަކާއެކު ލިޔުމުން ހުއްދަ ހޯދުމަށް ފަހު ފުރުސަތު ދޫކޮށްލާ ނަމަ އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް އުސޫލުގައި ވެއެވެ.ފުރުސަތު ދޫކޮށްލީ މަގުބޫލު އުޒުރެއް މެދުވެރިވެގެން ކަމަށް ކަނޑައަޅާނީ އެކަން ސާބިތު ކުރުމަށް ދަރިވަރުން ހުށަހަޅާ ކަމާ ގުޅުން ހުރި ލިޔުންތަކަށް ބިނާކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އުސޫލުގައިވާ ގޮތުން އެންމެ ގިނަ ދުވަހަށް ޕެނަލްޓީ އަންނާނީ 60 މަސް ދުވަހަށެވެ. އަދި އެންމެ ކުޑަ ޕެނަލްޓީއަކީ ތިން މަސް ދުވަހުގެ ޕެނަލްޓީ އެވެ. 
ހިޔާލު