REPORT: Andhiri dhaulaiy huttuvumah terrorism qaanoon islaahu kurun muhimmu
image
އެމްއެންޑީއެފުން ހިންގި އޮޕަރޭޝަނެއްގައި މާލެ ތެރެ ޕެޓްރޯލް ކުރަނީ-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

އަނދިރި ދައުލަތް ހުއްޓުވުމަށް ޓެރަރިޒަމް ގާނޫނު އިސްލާހު ކުރުން މުހިއްމު!

މަރުތައް ބަލާ ކޮމިޝަނުގެ ރައީސް މިދިޔަ ހަފްތާގައި ހިއްސާކޮށްފައި ވަނީ ދިވެހިން ސިއްސުވާލި ހަގީގަތްތަކެކެވެ. އަލްގައިދާގެ ގޮތްޕެއް މާލޭގައި ހަރަކާތްތެރިވާ މައުލޫމާތެވެ. ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާމައަށް ދިވެހި ވިޔަފާރިތަކުން ފައިސާ ދޭ ވާހަކަ އެވެ. އަދި ﷲ ނޫން ކަލަކު ވޮޑިގެންނުވާ ކަމަށް ހެކިވަމުން ދިޔައިރު ވެސް ނޫސްވެރިޔާ އަހުމަދު ރިލްވާން ކަރު ބުރިކޮށްލައި މަރާލާފައިވާ ކަމުގެ ވާހަކަ އެވެ.
މަރުތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ހިއްސާ ކުރެއްވި އެ ވާހަކަތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާތެރިކަން އޮތް މިންވަރު ހާމަވެއްޖެ އެވެ. ފަރުދާގެ ނިވަލުގައި ތިބެ، އަނދިރި ދައުލަތެއް ބިނާކުރަމުންދާ ކަމުގެ ބިރުވެރި އިންޒާރު ހޮނު ގުގުރިއެއް ފަދައިން ދިވެހިން ކަންފަތްތަކަށް އިވިއްޖެ އެވެ.

އެކަމަކު ކަންބޮޑުވާންޖެހުނީ ޓެރަރިސްޓުން ހުއްޓުވަން އޮތް ބޮޑު ހުރަހެއްގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުންނެވެ. އެހެން ވިދާޅުވުމަށްފަހު ރައީސް ސޯލިހު ވަނީ އެކަން އިސްލާހު ކުރެއްވޭނެ މަގުތަކެއް ވެސް ދައްކަވައިފަ އެވެ. އެއީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކެކެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އޮއްޓަރު ހުރިކަން ހާމަވަނީ މިހާތަނަށް ވެސް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ހުކުމް ކޮށްފައި ނުވާތީ އެވެ. ސީރިޔާގައި ހަނގުރާމަކޮށް އެނބުރި ރާއްޖެ އައިސްފައިވާ ފަރާތްތަކާއި ޕާކިސްތާނުގައި ހަނގުރާމަ ކުރުމަށްފަހު ރާއްޖެ އައިސްފައިވާ ދިވެހިންނަށް ދައުލަތުން ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ކުށް ސާބިތުވެ ނުވެ ސަލާމަތް ވަނީ އެވެ.

މީގެ ފަސް އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވުޖޫދަށް އައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ސިޔާސީ ބޭނުންތަކުގަ އެވެ.

އެހެންކަމުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް މަސައްކަތް ކުރާއިރު ހުށަހަޅާފައިވާ ބަދަލުތަކަށް ވިސްނާލުމަކީ މުހިންމު ކަމެކެވެ.

ކޯޓް އަމުރަކާ ނުލާ ހައްޔަރުކުރުމާއި، ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓުމުގެ ބާރު

މިއީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ފުލުހުންނަށް ދީފައި އޮންނަ ބާރެކެވެ. އެއީ މިފަދަ ބޮޑެތި މައްސަލަތައް ތަހުގީގު ކުރާއިރު ފުރިހަމައަށް ހެކި ހޯދުމަށް ދެވޭ ފުރުސަތެކެވެ. އަދި ފޭސްބުކް ނުވަތަ ޓުވިޓާ ފަދަ ބައިނަލްއަގްވާމީ ކުންފުނިތަކުން ހޯދަންޖެހޭ މައުލޫމާތުތައް ވެސް ހުރެ އެވެ. އަދި ރާއްޖޭގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުން ހެކި ބޭރަށް ފޮނުވައިގެން ތަހުލީލު ވެސް ކުރަންޖެހެ އެވެ.

ރިހިބިލިޓޭޓް ކުރުމަށް ބާރުވެރިކުރުވުން

ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި ހިޔާލުގެ ގުރޫޕްތަކާއި ގުޅިގެން ހަރަކާތްތެރިވުމަށްފަހު އެނބުރި ގައުމަށް އަންނަ ފަރާތްތަކުގެ ފަރާތުން މުޖުތަމައުސަލާމަތްކުރުމުގެ ގޮތުން ރިހިބިލިޓޭޓް ކުރުން ލާޒިމް ކުރުމަކީ މުހިންމު ކަމެކެވެ. އަދި ސީރިޔާގައި މިހާރު ތިބި ދިވެހިންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭތީ އެފަދަ ފަރާތްތައް ރިހިބިލިޓޭޓްކޮށް މުޖުތަމައުއަށް ނެރުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ.

ރިހެބިލިޓޭޝަން ހިންގުމަކީ ކޮންބައެއްގެ ޒިންމާއެއްކަން އިސްލާހުން ސާފެއް ނުވެ އެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މިކަމުގެ ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކަށް ދީފައިވެ އެވެ. ނަމަވެސް ރިހިބިލިޓޭޝަންގެ މަސައްކަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ދާހިލީ ކަންކަމުގައި ހޯމް މިނިސްޓްރީގެ ޒިންމާއެއްގެ ގޮތުގައި މަތިކޮށްފައިވާ ކަމެކެވެ.

ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން މަނާކުރުން

އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ވެސް މިފަދަ އިސްލާހުތައް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުތަކަށް ގެނެސްފައިވެ އެވެ. މިކަމުގެ ސަބަބުން ސީރިޔާ ފަދަ ނުރައްކާތެރި މާހައުލުތަކުގައި ހިނަގމުންދާ ހަމަނުޖެހުންތަކުގައު ބައިވެރިވުމަށް ދަތުރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަގު ފަސޭހަވެ އެވެ.

އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަން ލާޒިމްކޮށްފައިވުން

ކައުންޓަ ޓެރަރިޒަމްގެ ދާއިރާގައި އިންޓެލިޖެންސް މައުލޫމާތު އެއް އިދާރާއާ އަނެއް އިދާރާ ދެމެދު ހިއްސާ ކުރުން މުހިންމެވެ.

ގާނޫނަށް މިހާރު ހުށަހަޅާފައިވާ ގޮތުން އެމް.އެންޑީއެފާއި ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން އަކީ "އިންޓެލިޖެންސް އިދާރާތައް" ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މިކަމުގެ ސަބަބުން ޒިންމާ އަދާ ކުރާނެ ފަރާތްތަކާއި އެކި އިދާރާތަކުގެ ގާނޫނީ ޒިންމާ އޮޅުންބޮޅުންވުން އެކަށީގެންވެ އެވެ.

އެގޮތުން އެމްއެންޑީއެފްއަކީ ޤައުމީ ދިފާއީ ބާރަށްވެފައި ދެން ބަޔާންކޮށްފައިވަނީ ތަންފީޒީ އިދާރާތަކެއް ކަމުން މިއީ ފުށު އެރުންތަކެއް ހުންނާނެކަމެއް ކަމުގައި ބެލެވެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންޓެލިޖެންސްގެ ދާއިރާއަކީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ދާއިރާއަކަށް ވުމުން މިފަދަ ގާނުނެއްގައި މިކަން ހިމަނާފައި ވުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދެ އެވެ.

ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ފަރާތްތައް

ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ކުއްލި ހާލަތްތަކުގައި އެމްއެންޑީއެފް އަށް އިސް ރޯލެއް އަދާކުރެވޭ ގޮތަށް ބައްޓަން ކޮށްފައިވެ އެވެ. އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކަނޑައަޅާފައިވާ ގޮތައް ބަލާއިރު ގައުމުގެ އެތެރޭގެ ކަންމުގައި ސިފައިންނަކީ ތަންފީޒީ އިދާރާތަކަށް ސަޕޯޓް ދިނުމަށް މަސައްކަތްކުރާ ބައެއްކަން ފާހަގަ ކުރެވެ އެވެ. މިހާރު އޮތްގޮތުން ނުރައްކާތެރި ހާލަތްތަކުގައި ހަރަކާތްތެރިވާއިރު ފުލުހުންނާއި ސިފައިންގެ ދެމެދުގައި ކޯޑިނޭޓްކުރުމުގެ ހަރުދަނާ ނިޒާމެއް ނެތް ނަމަ އިތުރު ދަތިކަން ފާހަގަ ވެގެންދާނެކަމަށް ބެލެ ވެއެވެ.
ހިޔާލު