Sagaafee tharikaige bill thasdheegu kurahvvaifi
image
ހުކުރު މިސްކިތް-- ފޮޓޯ: އަވަސް
0 ކޮމެންޓް
 

ސަގާފީ ތަރިކައިގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ސަގާފީ ތަރިކައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ މިދިޔަ އޮގަސްޓު މަހުގެ 28ވަނަ ދުވަހުއެވެ. މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލު ދިރާސާ ކުރިއިރު ކޮމެޓީން މަރުހަލާއިން ވަނީ ބައެއް ބަދަލުތައް ބިލަށް ގެނެސްފައެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ފާހަގަކުރެއްވީ، މިނިވަން މުއައްސަސާއެއް ހެދުމަށް ބިލްގައި އޮތް އޮތުން އުނި ކުރުމެވެ. އެބައި އުނި ކުރީ ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި މަޝްވަރާކުރުމަށް ފަހު ކަމަށް އަހްމަދު ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުން ވެސް ބިލަށް ވަނީ ދެ އިސްލާހެއް ހުށަހަޅައިފަ އެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވީ ބިލުގެ 53 ވަނަ މާއްދާގެ އަރިމަތީ ސުރުހީ "އަމިއްލަ ދާރުލްއާސާރުތަކާ އާޓް މިއުޒިއަމްތައް" ބަދަލުކުރުމަށެވެ. އަދި އެމާއްދާއަށް (ހ) އާއި (ށ) އިތުރުކުރުމަށް ވެސް އިބްރާހީމް ހުށަހެޅުއްވި އެވެ.

އިބްރާހީމްގެ ހުށަހެޅުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ތާއީދުކޮށްފަ އެވެ. އެ އިސްލާހު ބަލައިގަތުމަށް 71 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

ދެވަނަ އިސްލާހަކަށް އިބްރާހީމް ހުށަހެޅުއްވީ ބިލުގެ 52 ވަނަ މާއްދާއަށް (ބ) އިތުރު ކުރުމަށެވެ. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ މި ހުށަހެޅުމަށް ތާއީދުކޮށްފަ އެވެ. މި އިސްލާހު ބަލައިގަތުމަށް ވެސް 71 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

ހެރިޓޭޖް މިނިސްޓްރީން އެކުލަވައިލައިފައިވާ ތަރިކަ ހިމާޔަތް ކުރުމުގެ ބިލު "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު"ގެ ދަށުން ތަރިކައަށް ގެއްލުން ދޭނަމަ ބޮޑެތި އަދަބުތަކެއް ދެވޭނެ އެވެ. މިގާނޫނުގެ ދަށުން ސަގާފީ ތަރިކަތައް ކަނޑައެޅުމާއި ކަމާ ގުޅޭ ގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުން ވެސް ހިމެނެ އެވެ.
ހިޔާލު