REPORT: Nafsaanee bali madukan, nudhahkaa bodu vaahaka eh!
image
ޑިޕްރެޝަން--
މިއުނާ ހަސަން
1 ކޮމެންޓް
 

ނަފްސާނީ ބަލިމަޑުކަން، ނުދައްކާ ބޮޑު ވާހަކައެއް!

ކޮންމެ ދުވަހެއްގެ އިރު އެރުމާއެކު، ހިތްވަރާއެކެ ނިދާ އެނދުން ތެދުވަނީ އެނޫން ގޮތެއް ނެތީމައެވެ. ތެދުވަން ކިތައްމެ ބޭނުން ނުވިޔަސް، އުމުރު ދުވަހު ނިދާލަން ހިތަށް އެރި ނަމަވެސް، އަހަރެން ހޭ ނުލައިފިނަމަ އާއިލާއާއި ހެޔޮއެދޭ ރަށްޓެހިންނަށް ކުރާނެ އަސަރާމެދު ވިސްނާލާފައި ތެދުވުން ނޫން ގޮތެއް ނެތެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެނދުނު އަރާއިރާއެކު ކުޅެންދާން ހޭލާ މީހާ، މިހާރު ހެނދުނު ނިދިން ހޭލަން ޖެހެނީ ގަދަކަމުންނެވެ. ލަހުން ހޭލާތީ، އެއީ ރޭގަނޑު ނިދާލެއް ލަސްވީމައޭ މީހުން ބުނެއެވެ. ރައްދުގައި އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ރޭގަނޑު ހަތަރު ދަމު އެކި ހިޔާލުތަކުން ސިކުނޑި ފުރިގެން ބަނޑުން ވެއެވެ. ނުނިދިގެން އެނދުގައި އެއްކޮޅުން އަނެއްކޮޅަށް ޖެހިލަ ޖެހިލަ އޮންނަކަން އެމީހުންނަށް ކިޔާދޭނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ.

ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކުން އެންމެ ގާތުގައި އުޅޭ ރަށްޓެހިންނަށް ކަމެއް ގޯސްވެއްޖެއޭ ހީވިއަސް، އެންމެ އަޅާލުން ބޭނުންވާ އާއިލާގެ އެއްވެސް މީހަކަށް އަހަންނަށް ވަމުންދިޔަ އުނދަގޫތަކެއް ފާހަގައެއް ނުވިއެވެ. ސަކަރާތް ޖަހާ އަނގަ ގަދަވެގެން އުޅުނު މީހާ، އާއިލީ އެއްވުންތަކުން ނުފެންނަން ފެށުމުން އެންމެން ވެސް ހީކުރީ އަހަރެން އެމީހުން ދެކެ ފޫހިވަނީ ކަމަށެވެ.

ނަފްސާނީ ބަލިތަކަށް އެމީހުން ކިތައްމެ ހޭލުންތެރިވެފައި ވީނަމަވެސް، އާއިލާގެ މީހަކަށް އެފަދަ ކަމެއް ވެދާނެ ކަމަކަށް އެމީހުން ގަބޫލު ކުރާކަށް ބޭނުމެއް ނުވާނެ އެވެ. އެހެންވެ އަހަންނަށް ވަމުންދާ ގޮތް އަމިއްލައަށް އިސްނަގައިގެން އެމީހުންނަށް ކިޔައިދޭކަށް ބޭނުމެއް ނުވެ އެވެ. އަދި ކިޔައިދޭނެހާ ހިތްވަރެއް ވެސް އަހަރެންގެ ހަށިގަނޑަކު ނެތެވެ.

އެއީ ޑިޕްރެޝަނުގެ ކުޑަ މިންވަރެއް ތަހައްމަލު ކުރަން ޖެހިފައިވާ މީހެއްގެ ވޭނީ ވާހަކަތެކެވެ. ރާއްޖޭގައި، ވަކިން ހާއްސަކޮށް ތޮއްޖެހިފައިވާ މި ކުޑަ މާލޭގައި، ޑިޕްރެޝަނާއި ނަފްސާނީ އެތައް ބައްޔެއް ތަހައްމަލު ކުރަމުންދާ ގިނަ ބަޔަކު އެބަ އުޅެއެވެ. އެކަމުގެ ވޭނުގައި ބައެއް މީހުން ދުނިޔެ ދޫކޮށްގޮސްފައި ވާއިރު، މި މުޖުތަމައުގައި އެފަދަ މީހުންނަށް އެހީތެރިކަމެއް ލިބެނީ މަދު ފަހަރަކު އެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އަހަރަކު އަށް ލައްކަ މީހުން ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ، ދުނިޔެދޫކޮށް ދެއެވެ. އެއީ ކޮންމެ 40 ސިކުންތަކުން މީހެކެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

އޭގެ އިތުރުން ވެސް ޑަބްލިއުއެޗްއޯގެ ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 23 އިންސަތަ މީހުން ނުކުޅެދުންތެރިކަމާއި ކުރިމަތިލާން ޖެހެނީ ނަފްސާނީ ބައްޔެއްގެ ސަބަބުންނެވެ. ޑިޕްރެޝަންގެ ސަބަބުން، ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރުމާއި ގާތްވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

ކުޑައިރު ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ކުއްޖާ ބޮޑުވެގެން އެހެން ކުޑަކުއްޖަކަށް އެ ގޯނާ ކުރުން، ނޫނީ އުމުރު ދުވަހަށް މީހުން ދެކެ ބިރުގަތުމާއި، އާދާއިގެ ދިރިއުޅުމެއް ނޫޅެވި އުފާވެރި ކަމުން މަހުރޫމު ވާން މަޖުބޫރުވެ އެވެ. ނޫނީ ކުޑައިރު މައިންބަފައިން ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ކުދިންވެސް ބޮޑުވުމުން ނަފްސާނީ ބަލިމަޑު ކަމުގެ ތެރެއަށް ދެއެވެ. އެކަމަކު ބައެއް ފަހަރު ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ދަނީ ކުޑައިރު ވެސް ރަނގަޅު ދިރިއުޅުމެއް ލިބިފައިވާ މީހުންނެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، އެކަން ދިރާސާ ކުރާ ސްޕެޝަލިސްޓުން ބުނާ ގޮތުގައި، ނަފްސާނީ ބަލިތަކުގެ މައިގަނޑު ބަލިކަމަށްވާ ޑިޕްރެޝަނާއި މީހުން ކުރިމަތިލާން ޖެހޭ އަސްލު ސަބަބު ބުނެދޭން ދައްޗެވެ.

އެހެން ނަމަވެސް ޑިޕްރެޝަނަށް މަގުފަހިވާ ބައެއް ސަބަބުތަކަކުގެ ތެރޭގައި، ސިއްހީ ގޮތުން މީހާއަށް އަންނަ ބަދަލު ހިމެނެ އެވެ. އޭގެ އިތުރުން، ޖިންސީ ގޯނާ އާއި، ޖިސްމާނީ އަނިޔާ އާއި، ބައެއް ފަހަރު ދިރިއުޅުމަށް އަންނަ ބަދަލަކުން ވެސް މީހަކު ޑިޕްރެޝަނަށް ގޮސްދާނެ އެވެ.

ޑިޕްރެޝަނަށް ފަރުވާ ހޯދަން ސައިކޭޓްރިސްޓުން ކައިރިއަށްދާ މީހުންގެ ތެރޭގައި، އާއިލާ މީހަކު ނުވަތަ ލޯބިވާ މީހަކު މަރުވުމުން ޑިޕްރެޝަނަށް ދާ މީހުންނާއި، އާއިލީ ގޮތުން ވާރުތަވެގެން ޑިޕްރެޝަނަށްދާ މީހުން ވެސް ހިމެނެ އެވެ.

ޑިޕްރެޝަނުން މީހާ ރަނގަޅުވުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރެ އެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ ސައިކޭޓްރިސްޓަކަށް ދައްކައި ޑޮކްޓަރުގެ ލަފާގެ މަތިން އެކަމަށް ހާއްސަ އެންޓި ޑެޕްރެޝަން ބޭސް ބޭނުން ކުރުމެވެ.

ބޭހުގެ އިތުރުން، ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ޑިޕްރެޝަނުން ސަލާމަތް ވެވޭނެ ގޮތްތައް ހުންނާނެ ކަމަށް މަޝްހޫރު ސައިކޮލަޖިލްޓް. ޑރ. އައިޝަތް އަލީ ނާޒް ވިދާޅުވި އެވެ.

ޑިޕްރެޝަނަށް ޒުވާނުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި ހިންގި ފޯރަމެއްގައި މައުލޫމާތު ދެއްވަމުން ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ، ފުރަތަމަ ކަމަކަށް ހާއްސަ ރޫޓިންއަކަށް މީހާ ހޭނެން ޖެހޭ ކަމަށެވެ.

އެގޮތުން، ކޮންމެ ދުވަހަކަށް ވެސް ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ކަނޑައަޅައި އެކަންކަން ހާސިލް ކުރަން ގަދައަޅައި މަސައްކަތް ކުރުމާއި، ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް އިސްކަންދިނުމާއި، މީހާއަށް ބޭނުންވާ ނިދި ހަމަކުރުމަށް ރަނގަޅަށް ނިދުމާއި، ނޭދެވޭ ހިޔާލުތަކާއި ޗެލެންޖް ކުރަން މަސައްކަތްކޮށް، ޒިންމާތައް އަދާ ކުރުމަށް އަޒުމް ކަނޑައެޅިދާނެ ކަމަށް ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވި އެވެ.

ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ މަގު ފަހިކޮށްދީ، އެފަދަ މީހުންނަށް އަޅާލުމަކީ އަދުގެ ސަރުކާރުގެ ވައުދެކެވެ. އެގޮތުން އައިޖީއެމްއެޗްގެ މެންޓަލް ހެލްތަށް ހާއްސަ ކްލިނިކް ވަނީ ހުޅުވާފަ އެވެ.

އެ ކްލިނިކުން ކައުންސިލިން ދިނުމާއި އެކި ކަހަލަ ސައިކޯތެރަޕީގެ ހިދުމަތް ލިބެން ހުރިއިރު، ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުމާއި ކުޑަކުދިންގެ ތެރަޕީތައް ވެސް ކްލިނިކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެ އެވެ. ނިސްބަތުން ބޭނުންވާ ވަރަށް ސްޕެޝަލިސްޓުން ހޯދުމުގައި އެ ކްލިނިކަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އެހެންކަމުން، ފަރުވާ ހޯދަން އަންނަ މީހުންގެ މެދުގައި ބާރު ބޮޑުވާ ދުވަސްކޮޅަށް ބޮޑު ވެއިޓްލިސްޓެއް ހަދަން ޖެހެ އެވެ.

އައިޖީއެމްއެޗްގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުގެ ކްލިނިކްތަކުން ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދެ އެވެ. އެ ގޮތުން އޭޑީކޭއިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކު ސީއެންއެމަށް ބުނީ، ބައެއް ބޭސްތައް ރާއްޖެއިން ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް ސައިކޭޓްރިސްޓްގެ އެހީއާއެކު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށެވެ.

އޭނާ ބުނީ، މުޖުތަމައުގައި އަދިވެސް ނަފްސާނީ ބަލިތަކަށް ހޭލުންތެރިވެފައިވާ މީހުން މަދުކަން ފާހަގަވާ ކަމަށެވެ. އެހެން ނަމަވެސް ކުރިއާ އަޅާބަލާއިރު، ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ. އަދި ހަމައެހެންމެ، ރާއްޖޭގައި ހުރެގެން މިހާރު ޑިޕްރެޝަނަށް ފަރުވާ ކުރެވުމަކީ ގިނަބަޔަކަށް، ފަރުވާ ހޯދުމަށް އަލިވެފައިވާ ފަހި މަގެއް ކަމަށެވެ.

"ރާއްޖެއިން މިހާރު ނަފްސާނީ ބަލިތަކަށް ބޭނުން ކުރަން ޖެހޭ ގިނަ ބޭސްތަކާއި، ފަރުވާތައް ލިބޭ. އޭޑީކޭގައި މިނަގާ ސެޝަންތައް ވެސް، އިންޝާﷲ ވަރަށް އިފެކްޓިވް. ޑިޕްރެޝަނަކީ އޭގެ ޒާތުގައި މީހުންނަށް އިތުބާރު ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ބައްޔެއް. އުންމީދު ކުރަން ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މިތިބަ ސައިކޭޓްރިސްޓުންގެ އެހީއާއެކު ގިނަ ބަޔަކަށް ފަރުވާ ލިބެމުންދާނެ ކަމަށް،" އޭނާ ބުންޏެވެ.
ހިޔާލު

ނާނީ

ބޭސް ކާކަށް ނުޖެހޭނެ...