Bar council ge executive committee ah kurimathilaan hulhuvaalaifi
image
ބާ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން--
0 ކޮމެންޓް
 

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހުސްވެފައިވާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ބާ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ 15:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު، ކަމަށް ބާ ޖަމާލުއްދީނަށް ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

އެ ތަކެތި ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށްވެސް ބާ ކައުންސިލުން ބުނެއެވެ. އެމަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުން އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ފެށިގެން މެންދުރުފަހު 15:00އާ ހަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ބާ ކައުންސިލުން ބުނެއެވެ. ހަމައެއާއެކު ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށް ބާ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، މި މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 9:00 ން މެންދުރުފަހު 15:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29ވަނަ ދުވަހުއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް މެންބަރު އިންތިހާބު ކުރުމަށް ނިންމާފައި މިވަނީ އެ ކޮމެޓީއަށް އިންތިހާބުވި އައިޝާ ޝުޖޫނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގަތުމާއި ގުޅިގެން އެކަމަނާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ބާ ކައުންސިލް
ހިޔާލު