Haggu thah Himaayaiy koh Rakkaa theri kohdheynan: Raees
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރި ކޮށްދޭނަން: ރައީސް

ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދީ، ރައްކާތެރި ކޮށްދޭނެ ކަމުގެ ޔަގީން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިޔާބުގައި ވިދާޅުވީ ޑިމޮކްރެސީގެ އެންމެ ކުރު ތައާރަފަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިހުތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކަށް ނަޒަރު ހިންގާލާއިރި ގައުމުގެ ކަންކަން ކަނޑައެޅުމުގައި، ރައްޔިތުން ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްކަން، ދިވެހި ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ އަސާސީ އެތައް ޙައްޤެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ގައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަންކުރެވިއްޖެއެވެ. ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުންވެސް އިހުސާސް ކުރެވިއްޖެއެވެ. ހަމައެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމުން، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާ ގޮތްވެސް، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އަމަލީ ގޮތުން ތަޖުރިބާކުރެވިއްޖެއެވެ." ރައީސްގެ ހިތާބުގައިވެއެވެ.

އދ. މަޖިލީހުން ިއަހަރުގެ ޑިމޮކްރަސީ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ބައިވެރިވުން" މިއެވެ. ރައީސްގެ ހިތާބުގައި އެ ޝިއާރަށް އަލިއަޅުއްވާލައްވާ ވިދާޅުވީ މިއަހަރުގެ ޝިއާރަކީ، ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި، ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް، ބަސް ބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމަށް ބާރުއަޅާ ޝިއާރެއް ކަމަށެވެ. ޑިމޮކްރެސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެންނާމެދު ހަމަހަމަކަމާއެކު މުއާމަލާތު ކުރުމާއި، އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ ޑިމޮކްރަސީއަކީ ދެމެހެއްޓެނިވި ތަރައްއާއާއި އިންސާނީ ހައްގުތަކާއި ސުލްހަމަސަލަސްކަން ދަމަހައްޓައިދިނުމުގެ އަސާސީ "ބަހާ"އެއް ކަމަށެވެ.

"ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައެވެ. އެހެންކަމުން، ރައްޔިތުންގެ ވެރިކަމަކީ ގާނޫނުގެ ވެރިކަމެވެ. ގައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ، ގާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެވެ. އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވެއެވެ." ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުން ކަމަށެވެ.

"އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށެވެ. ޢަދުލުވެރިކަމާއި ހާމަކަމާއެކު، އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ނަގަހައްޓައިދިނުމަށެވެ. ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ޙައްޤު ރައްކާތެރި ކޮށްދިނުމަށެވެ." ހިތާބުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ޑިމޮކްރެސީއަކީ ކޮންމެ ގައުމަކަށް އަދި ކޮންމެ މުޖްތަމައަކަށްވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ހަމަތަކެއް ކަމަށެވެ. އަދި އެއީ އެބައެއްގެ ސަގާފަތާއި، އެބައެއްގެ އަގީދާއާ ފުށުނާރާ ގޮތަށް، އެ މުޖުތަމައަކަށް ފައްކާކުރެވޭ ހަމަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ އުސޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ސާލިހުގެ ހިތާބުގައި ވިދާޅުވިއެވެ.
ހިޔާލު