UN gai Raajjeyge furihama thaaeedhu Palestine ah libeyne: Foreign Minister
image
އޯ.އައި.ސީގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ޝާހިދު ފުރާވަޑައިގެންނެވުމުގެ ތެރެއިން.
0 ކޮމެންޓް
 

އދ.ގައި ރާއްޖޭގެ ފުރިހަމަ ތާއީދު ފަލަސްތީނަށް ލިބޭނެ: ފޮރިން މިނިސްޓަރު

ކުރިއަށް އޮތް އދ.ގެ އާއްމު މަޖިލީހުގައި ފަލަސްތީނަށް ފުރިހަމަޔަށް ތާއީދުކޮށް، އެ ގައުމުގެ މައްސަލާގައި އާއްމު މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގައި ފަލަސްތީނާއި އެއްކޮޅަށް ވޯޓުލާނެކަން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝާހިދު އެކަން އިއުލާންކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓާ ޝާހިދު ވިދާޅުވީ، ފަލަސްތީނުގެ މައްސަލަގައި ދިވެހިން ތިބީ އެގައުމާއި އެކުގައިކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެކަމަށެވެ.

މުސްލިމް އެހެން ޤައުމުތަކުގެ ހާރިޖީ ވަޒީރުންނެކޭ އެއްފަދައިން މިނިސްޓަރު ޝާހިދު ވެސް ވަނީ، ކުރިއަށް އޮތް އިސްރާއީލުގެ އާއްމު އިންތިހާބު ކާމިޔާބުވެއްޖެނަމަ ފަލަސްތީނުގެ އުރުދުން ވާދީ އާއި އެހެން ބައެއް ސަރަހައްދުތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ކުށްވެރި ކޮށްފަ އެވެ.

އޭގެ އިތުރުން މިނިވަން ދައުލަތެއް ގައިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެކަމަށާއި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން މީހުން އާބާދުކުރުމާ ގުދުސް އަށް ބައެއް ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމަކީ ރާއްޖޭން ދެކޮޅު ހަދާ ކަންކަން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާއި ގުޅިގެން އަޅަން ޖެހޭ ސިޔާސީ އަދި ގާނޫނީ ފިޔަވަޅުތައް އެޅުމަށް، ސައުދީ އަރަބިއްޔާގެ އިސްނެގުމަކަށެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ އަރިހުގައި އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
ހިޔާލު