Dhaurun Beyrun Ithuru Jalsa eh Baahvanee
image
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމި، ޗުއްޓީ އަށް ގޮސްފައި ވަނިކޮށް ދައުރުން ބޭރުން ބާއްވާ ދެ ވަނަ ޖަލްސާ މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފުރަތަމަ ދައުރު ނިމިފައި ވަނިކޮށް މި މަހުގެ 12 ވަނަ ދުވަހު ވެސް ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިފަ އެވެ. އެއީ ސަރުކާރުން ބޭނުންވެގެން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީ މެމްބަރުން ހުށަހެޅުމުން ބޭއްވި ޖަލްސާ އެކެވެ.

އެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވާނަމަ ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދެ ވަނަ ޖަލްސާއެއް ބޭއްވީ ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް މަޖިލީހުން ބުނެ އެވެ. އަދި އެ ޖަލްސާ އަށް ފަހު ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަން ޖެހޭނަމަ އެކަން ކުރައްވާނީ ވެސް ޕީޖީ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ބުނެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ބޮޑު ބަދަލެއް، ގިނަ ބާރުތަކެއް!

ޓެރަރިޒަމްގެ ގާނޫނަށް ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ ބަދަލުތައް ގެނައިމާއި އެކު އެފަދަ އަމަލުތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ އެވެ.

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްގައި ވަނީ މިހާރުގެ ގާނޫނުގައި ޓެރަރިޒަމް މާނަ ކޮށްފައިވާ ވަރަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަ ކޮށްފަ އެވެ. އެއާއި އެކު އެފަދަ ކަންކަން ހުއްޓުވުމަށް މިހާރަށް ވުރެ ބޮޑެތި، ގިނަ ބާރުތައް ދީފައި ވެއެވެ.

ސަރުކާރުން ގެންނަން ހުށަހަޅާ އިސްލާހުގައި ޓެރަރިޒަމް މާނަކޮށްފައި ވަނީ ވަކި ސިޔާސީ އަދި ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށްޓަކައި، އެ ނޫން ވެސް ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި މީހުންނަށް ގެއްލުން ދިނުމަށް އަމަލެއް ހިންގުމަކީ ޓެރަރިޒަމްގެ ގޮތުގަ އެވެ.

އެ އިސްލާހުގެ ދަށުން ފުލުހުންނަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި އެފަދަ ކަންކަން ކުރާ މީހުން ކޯޓު އަމުރަކާއި ނުލާ ހައްޔަރު ކުރުމުގެ ބާރާއި، އެފަދަ މީހުން ކޯޓަށް ނުގެންގޮސް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ހިމެނެ އެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް، ކޯޓް އަމުރެއް ނެތި ފުލުހުންނަށް އަމިއްލަ ތަންތަނަށް ވަދެވޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައި ވެއެވެ.

އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި، އެފަދަ ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލު ފާޅުކުރުމަކީ ވެސް ކުށެއްގެ ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އަދި ޓެރަރިސްޓް ޖަމާއަތެއް ކުރިއެރުވުމަށް ނުވަތަ އެފަދަ ޖަމާއަތަކަށް އެއްވެސް މަންފާއެއް ލިބޭފަދަ ބައްދަލުވުންތައް ބާއްވައި، އެ ފަދަ ކަންކަން ރާވާ އިންތިޒާމު ކޮށް، އެފަދަ ކަމަކަށް އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށް ކަނޑައެޅުމަށް އެ ބިލުގައި ހިމަނާފައި ވެއެވެ.

ޓެރަރިސްޓް ޖަމާއަތަކަށް ސަޕޯޓް ކުރުމުގެ ގޮތުން ނުވަތަ އެފަދަ ޖަމާއަތެއްގެ މީހެއްކަން ދޭހަވާނެ ފަދަ އަންނައުނު ލުމަކީ ވެސް ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ބުނެފައި ވެއެވެ. އަދި އިސްލާހުގައި ބުނެފައިވާގޮތުން، އެ ފަދަ ކުށެއް ކޮށްފިނަމަ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެ މީހެއްގެ މައްޗަށް އަންނާނެ އެވެ.

ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް، ވަކި ގޮތަކަށް ކުރުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އޭގެ އިތުރުން އާންމުންގެ ސިއްހަތާއި، ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމުގެ އިތުރުން މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުންދީ، އަސާސީ ހިދުމަތެއް މެދުކަނޑުވާލުމަކީ ވެސް ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ބުނެ އެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގައި މިހާރު ވެސް އޮންނަ ގޮތަށް އެފަދަ ކުށްތަކުގެ އަދަބަކީ 20-25 އަހަރާއި ދެމެދު ޖަލަށް ލުން ކަމަށް އަލަށް އެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުގައި ވެސް ބުނެ އެވެ.

މެމްބަރުންގެ ހިޔާލު ތަފާތު، އެމްޑީޕީން ސަރުކާރާ މަޝްވަރާ ކުރަނީ!

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ފަރާތުން މަޝްވަރާ ކުރަން އެދިއްޖެ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އާޒިމް ސީއެންއެމްއަށް މިއަދު ވިދާޅުވީ ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ)އާ ބައްދަލުކުރުމަށް ޕީޖީގެ ފަރާތުން އެދިލައްވާފައިވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މެންބަރުންގެ ކަންބޮޑުވުންތަކެއް ބިލުގައި އެބަހުރި ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށް އާޒިމް ސިފަ ކުރެއްވީ އަސާސީ ބައެއް ހައްގުތައް ހަނިވެގެން ދިއުމެވެ.

"އޭޖީ ވިދާޅުވެފައި އޮތީ ވަގުތު ދެއްވާނެ ކަމަށް ފުލުހުންނާއި އެކުގައި މަޝްވަރާ ކުރުމަށް،" އަލީ އާޒިމް ވިދާޅުވި އެވެ.
ޓެރަރިޒަމް މަޖިލިސް
ހިޔާލު