Vaahaka: Tikaanaa
image
ވާހަކަ: ޓިކާނާ
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: ޓިކާނާ

(ތިންވަނަ ބައި)
ކަލަންޑަރުން ސަފުހާތައް އުކެމުން ދިޔައެވެ. ހަނީފާއި ސާރާގެ ގުޅުމުގެ މޫ ދެ އާއިލާއަށް ފެތުރިގެން ދިޔައެވެ. ސާރާގެ ފަރިކަމާއި އެއް ވަރަށް އޭނާގެ މިޒާޖާއި އުޅުމުން ހަނީފުގެ އާއިލާގެ ގާތްކަން އިތުރުވަމުން ދިޔައެވެ. ހަމައެގޮތަށް، ހަނީފުގެ މަޑުމައިތިރި ކަމާއި ވިސްނުމުގެ ސީދާކަން ވެގެން ދިޔައީ ސާރާގެ ބައްޕަގެ ހިތް މިލްކުވުމަށް މެދުވެރިވި ކަމަކަށެވެ.

"ކައިވެނީގެ ހުރިހާ ކަމަކާ ބައްޕަމެން ހަވާލު." ހަނީފުގެ ބައްޕަ، އިދުރީސް ސާރާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.
"ބައްޕަމެން ވިސްނައިގެން މި ތިބީ ހަނީމޫނުގެ ކަންކަން އެއީ ސަޕްރައިޒަކަށް ހެދުމަށް. އެކަމާ ހަވާލުވެގެން މި ތިބީ ބައްޕަމެން." ސާރާގެ ބައްޕަ، ފަޔާޒު ވެސް ހިނިތުންވެލިއެވެ.

"މަންމަމެން ބޭނުންވަނީ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ދާން. މިއީ މި އާއިލާގެ ފުރަތަމަ ކައިވެނިވީމަ ވަރަށް ފެންވަރު ރަނގަޅަށް ހުރިހާ ކަމެއް ކުރާން ބޭނުން." ސާރާގެ މަންމަ، ހަސީނާ ބަލައިލީ ސާރާގެ މޫނަށެވެ.

އާއިލީ އެ ބައްދަލުވުން ނިމިގެން ދިޔައީ ކައިވެނީގެ ހުރިހާ ކަމެއް ތަރުތީބުކޮށް އެ ހަފުލާގެ މަންޒަރު ރަނގަޅަށް ކުރަހައިލަމުންނެވެ.
"ކޮން ކުރެހެމެއްގެ ވާހަކައެއް ތި ދައްކަނީ؟" ހަނީފު ސުވާލު އަމާޒުކޮށްލީ ސާރާއަށެވެ.

"މި ދައްކަނީ ހުޅުމާލޭގައި ބައްޕަމެންގެ ދެވަނަ ފިހާރައެއް އަޅަން ބޭނުންވެގެން، އެ އިމާރާތް ކުރަހައިދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންނަށް ބާއްވާ ބަސްދީގަތުމުގެ ކަންކަމުގެ ވާހަކަ. އެ ކަމުގެ އިދާރީ މަސައްކަތްތައް ކުރާން ހެނދުނާ ހުޅުމާލެއަށް ދާން ޖެހޭ ވާހަކަ." ސާރާ އަބުއި ރާގެއްގައި ބުނެލިއެވެ.

ސާރާއާއި ހަނީފު ތިބީ ރެސްޓޯރެންޓުގެ ހިތްގައިމު މާހައުލުގައެވެ.

"ވަރަށް ދެރަ. އަހަރެން ވެސް އެބަ ޖެހޭ މާދަމާ އޮފީސް ދަތުރެއްގައި މާދަމާ ތިލަފުށްޓަށް ދާން." ހަނީފު ނިތް އަރުވައިލަމުން ދެ ލޮލަށް ގޮތެއް ހަދައިލިއެވެ.
"އެދެން މާބޮޑު ކަމެއްނޫނޭ. އަބަދަކު ހަނީއަކަށް ވެސް އަހަރެން ގާތަކު ނުހުރެވޭނެ." ސާރާ ބަލައިލީ ހަނީފުގެ މޫނަށެވެ. "އަހަރެން ބޭބޭއާއެކު ހުޅުމާލެއަށް ހިނގައިދާނަމޭ."

"އޯކޭ ދަމުން އެނގިލައްޗެ." ހަނީފު ސާރާގެ އަތުގައި ހިފައިލިއެވެ.

"ކޮބާ ދެވިއްޖެ؟" ސާރާ ވާހަކަދެއްކީ ފޯނުން ހަނީފާއެވެ. "ބޭބެ ނައިސްގެން ލަސްވަނީ. މިހާރު ގަޑި ޖެހެން ވިއްސަކަށް މިނެޓު ހުރީ ވެސް."
"ހަތެއް ނުޖަހަނީސް އާދެވިއްޖެ." ހަނީފު މަޑުމަޑު ރާގެއްގައި ބުނެލިއެވެ. "ކޮފީ ނިންމައިލައިފަ ފަށަން މި އުޅެނީ. ވަރަށް ބުރަ ދުވަހަކަށްވާނެ."
"އަހަންނަށް ވެސް ނިމޭވަރު ވާނީ ހަވީރު ކަން ނޭނގެ." ސާރާ ވެސް މަޑުމަޑުން ބުނެލިއެވެ. "އޯކޭ ބޭބެ އަތުވެއްޖެ. ދެން މި ނައްޓައިލީ."
"އޯކޭ. ބަލައިގެން އުޅެއްޗެ."

"ހާދަ ފާޑަކަށް؟" ހަނީފުގެ ރާގުން ސާރާއަށް ކަމެއް ދޭހަވި ކަހަލައެވެ.

"ނޭނގެ ރޭގަ ޒާތެއްގެ ހުވަފެނެއް ފެނިގެން މި ހުންނަނީ މުޅި މޫޑު ހަރާބުވެފަ." ހަނީފު ފޫހި ރާގެއްގައި ބުނެލިއެވެ.
"ބިލާހެއް. މި ބުނީ ހުވަފެނަކީ ބިލާހެކޭ. ބިލާހެއްގެ ސަބަބުން މޫޑު ހަރާބުވާ ވަރުގެ މީހެއްތަ ތި؟" ސާރާ ހޭންފެށިއެވެ. "އަހަންނަށް ގުޅިގެން މި އުޅެނީ ނުބައި ނަންބަރަކަށް ކަންނޭނގެ ދޯ!"

"ނޭނގެހަމަ! އަހަންނަށް މި ވިސްނެނީ ވެސް ތިކަމާ." ހަނީފު މަޑުމޮޅި ރާގެއްގައި ބުނެލިއެވެ.
"އަނެއްކާ ރޭގަ ގެއަށް ދިޔަ މަގުމަތީ ޖިންނިއެއްގެ ފަޔަށް އެރުނީތަ؟" ސާރާ ހޭންފެށިއެވެ.

"އޭ އޯކޭ. ދެން ބާއްވާ. ހަތްގަޑި ތިރީހަށް ރިޕޯޓުކުރާން ޖެހޭ. މިހާރު ވިހިވަނީ. އޯކޭ. ޓޭކް ކެއަރ." ހަނީފު އަވަސްއަވަހަށް ބުނެލިއެވެ.

ފޯނުން ގަޑި ބަލައިލުމަށްފަހު ފޯނު ޖީބަށްލިއެވެ. ހަނީފު މިސްރާބު ޖެހީ ކުންފުނީގެ އޮފީހާ ދިމާއަށެވެ. ފިޔަވަޅުތައް ބަރުހެލިވެފައި ހުރި އިރު، އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މުޅީން ތަފާތު މަންޒަރުތަކެކެވެ. ބަރުހެލިވެފައިވާ ޚިޔާލުތަކެކެވެ. އުނދަގޫ ކުރަމުން ދިޔައީ ރޭގެ މަންޒަރުތަކެވެ. ހުވަފެނުގެ ހަނދާންތަކެވެ. ހަނީފުގެ ފިޔަވަޅުތައް މަޑުވަމުން ދިޔައެވެ. އެހަނދާންތަކުގެ މަންޒަރުތައް ސިކުނޑީގައި ކުޅެވެމުން ދިޔައެވެ.

އެއީ ޗުއްޓީއަކަށް ރަށަށް ގޮސްތިބި ދުވަސްވަރެކެވެ. ހަނީފުގެ ބައްޕައަކީ ފަރުމަސްވެރިކަމަށް މަރުދޭ މީހެކެވެ. ބައްޕަގެ އެދުމަށް މަސްވެރިކަމަށް ނުކުތީ ހަނީފުގެ ބައްޕައާއި ސާރާގެ ބައްޕައާއެކު ދެތިން ރަހުމަތްތެރިންގެ ގުރޫޕެއްގައި ކުޑަކުޑަ ޑިންގީއެއްގައެވެ. އެއީ، ކަޅުފޮއި މޫސުމެވެ. އިރުއޮއްސި ހަގަޑި ބައިވީއިރު، ޑިންގީ އޮތީ މަސްވެރިކަމަށް ނަންކިޔާ ގަލެއްގައި ބަނދެގެންނެވެ. ދޭތެރެ ދޭތެރެއިން ޑިންގީއަށް މަސް އެތެރެކުރަމުން ދިޔައެވެ. ގިނިމަހާއި ފިލޮޅެވެ. ކަނޑުހަލާއި ރަތްމަހެވެ.
"ކޮބާ ސުމެއް ނުކެނޑޭ މީހުން؟" އިދުރީސް މަޖާ ރާގެއްގައި ސުވާލުކޮށްލިއެވެ
.
"މަށަށް ތިނެއް އެތެރެ ކުރެވިއްޖެ." ފަޔާޒު ހީލަމުން ބުނެލިއެވެ.
"ސުމެއް ނުކެނޑިގެން އުޅޭ ވަރެއް ނުވެއޭ އަދި؟" ހަނީފު ޖޯޝުގައި ބުނެލިއެވެ.
"މިހާރު މިއީ މަސްވެރިކަމުގެ ވަގުތު. މި ވަގުތު ނުވިކަމެއް ނުވާނެ." އިދުރީސް ހަނީފާ ދިމާކޮށްލިއެވެ.
"އަދި އާކޮޅުވީމައޭ. އިދުރީސްބޭ މެންގެ އެންކޮޅު މޮޅީ ކަންނޭނގެ. ހަނީފުމެންގެ އެންކޮޅުގެ ރަހަ މަސްތަކަށް ނޭނގޭތީ ކަންނޭނގެ ކަމެއް ނުވެގެން ތި އުޅެނީ." ހަނީފު ރަހުމަތްތެރި، އާދިލް ހަނީފާ ދިމާކޮށްލިއެވެ.

އެއާއެކު އެންމެންގެ އެކުގައި ހޭންފެށިއެވެ. ބާރުބާރަށެވެ.
"މަބުނީ ވިލާކޮޅެއް އެބަ ދައްކާ. މޫސުން ކިހިނެއްބާ އޮތީ؟" ފަޔާޒު އުޑުމައްޗަށް ބަލައިލިއެވެ.
"އޮއިކަޅެއް." އާދިލް ހީލިއެވެ. "ގޯހެއް ނުވާނެ."
"ސަމާލުވުމަށް ގޮވައިފަ އޮތީ!" އިދުރީސް ކަންބޮޑުވިއެވެ.
"ދެކުނަށާއި އުތުރަށް އެލަރޓް ނެރެފަ އޮތީ!" އާދިލް ޖޯޝުގައި ބުނެލިއެވެ. "މި ސަރަހައްދަކަށް ނެތް. އެހެން ނޫނަސް އަހަރުމެން މިތިބީ ރަށާ ވަރަށް ކައިރީ. މިއީ އާއްމުކޮށް ރިސޯޓަށް ލޯންޗުތައް ދަތުރުކޮށް އުޅޭ މަގެއް. ބޭބެމެން މާ ބޮޑަށް ތި ހާސްވަނީ."

"ހާހެއް ނުވޭ. ގޯހެއްވީމަ އޮންނާނީ ނޫސްތަކުގެ ސުރުޚީގަ. ކުށްވެރިވާނީ އަނިޔާ ލިބޭ މީހާ. މީސްމީޑިއާގަ އޮންނާނީ މަސްކެއުން." ފަޔާޒު ބުނެލިއެވެ.
"އެބުނާހެން. އަހަރެން ހިތަށް އަރާ ދިވެހީންނަށް ތަންކޮޅެއް ތަހުޒީބުކޮށް ވިސްނަން ނޭގެނީބާއޭ. ނޫނީ ހަމަ އެއީ ދިވެހިންގެ ޖާހިލުކަން ބާވައޭ." އިދުރީސް ވެސް ފަޔާޒާ ބައިވެރިވެލިއެވެ.

"އަސްލު ވާގޮތަކީ ބައެއް މީހުންނަކީ ކުރާނެ ކަމެއް ނެތިފަ ހުހަށް ތިބޭ މީހުން. އެމީހުން ވަގުތުގެ ބޭނުންކުރާނީ މީސްމީޑިއާ ހޭވުމުގަ. ދެން އަނެއް ބަޔަކީ ހަޖަމުގަ މައްސަލަ އުޅޭ މީހުން." ހަނީފު ވެސް އޭނާ ޚިޔާލުފާޅުކުރިއެވެ.

"ހަޖަމުގެ މައްސަލައެއް ނޫން އެ." ފަޔާޒު ހަނީފުގެ ވާހަކައާ ޚިޔާލު ތަފާތުވިއެވެ. "އެއީ ހަމަ ނުލަފާކަން. ދެރަކަމެއް ދިމާވެގެން ކުރާން ޖެހޭ ހަޖަމެއް އޮވޭތަ؟ ކީއްވާނީ ހަމުދަރުދީގެ ބަހެއް ބުނެލިއްޔާ!"

"ހެޔޮކޮށް ތިބުނީ." އިދުރީސް ފަޔާޒާ އެއްބައިވިއެވެ. "މައްސަލައަކީ ނުބެހޭ ކަންކަމާ ވެސް ބެހުން. އެ ސަގާފަތަކަށް ވުން. ދެރަވާން ޖެހޭ ހާލަތުގައި ވެސް ޖެއްސުންކުރުން."

"މަށަށް ހީވަނީ މަސްބާނަން އައިސްގެން ނޫންހެން ތި އުޅެނީ." އާދިލް އެންމެންނާ ދިމާކޮށްލިއެވެ. "މި ޑިންގީ ގަނޑުގަ ތިބެގެން ތި ވާހަކަ ދެއްކިޔަސް ވާނެކަމެއް އޮވޭތަ؟ ފަޔާޒުބޭމެން ވެސް ތި ތަޅަނީ ފެންނެތްތާ ބަކަ ހަމަ. ތިވާނީ ހޮޅިވާހަކައަށް."

ކުއްލިއަކަށް ވައިބާރުވިއެވެ. ޑިންގީ ވެސް ދެ ފަރާތަށް ހަލުވާން ފެށިއެވެ.
"ގައިމު ބުނާނެ އޮއިކަޅޭކޭ." އިދުރީސް، އާދިލާ ދިމާއަށް ބުނެލިއެވެ.
"އާން. ވެހޭނެހެން ހީވަނީ. ވިލާކޮޅުގެ ރޯޅި އެ އަންނަންފެށީ. ހީވަނީ ވަރަށް ގަދަވާނެހެން. ކިހިނެއް ހަދަންވީ؟ މަޑުކޮށްލަންވީތަ؟ ނޫނީ ނައްޓައިލަންވީތަ؟ މީގަ ނެވިގޭޝަންގަ ވެސް މައްސަލަ ޖެހިފަ ހުރީ." އާދިލް ލަފައަކަށް އެދުނެވެ.
"އަދި ޓައްޕެއް ވެސް ނުފުރޭ. މި އޮތީ ބައްތިއެއްނު." އިދުރީސް ބުނެލިއެވެ.
"އެކަމަކު ކަނޑު މިހާ ގަދަވެއްޖެއްޔާ ކިހިނެއްވާނީ؟" ފަޔާޒު ސުވާލުކޮށްލިއެވެ.
"ހިނގާ ނައްޓައިލަމާ." ހަނީފު ވެސް ބޭނުންވީ ރަށަށް ދާށެވެ.

"އޯކޭ ނަގިލި ނަގަމާ. ހަނީފު ދޭބަލަ ނަގިލި ނަގަން." އާދިލް ގޮތެއް ނިންމިއެވެ. "ފަޔާޒުބޭ ދޭބަލަ ހަނީފަށް އަލިކޮށްލަ ދޭން. އެންމެން ބަލައިގެން އުޅޭތި. ވައިގަދަވި ވަރަކަށް ހަލުވާލެއް ބޮޑުވާން. ވަރަށް ބާނި އެބަހުރި."

ކަނޑުގެ ރާޅުތައް ހީވަނީ ކެކިއަރާހެންނެވެ. ޑިންގީ ވެސް ހީވަނީ ބަނޑުން ޖަހައިލަފާނެހެންނެވެ. ކޮންމެ މީހަކު ވެސް އިނީ ޑިންގީގައި އެމީހަކަށް ހިފެހެއްޓޭ ތަނެއްގައި ބާރަށް ހިފަހައްޓައިގެންނެވެ. ވައިބާރުކަމުން ލޯ ހުޅުވާލެވެނީ ކިރިޔާއެވެ. ވަށައިގެންވަނީ ކަނު އަނދިރިކަމެވެ. ތަނެއް ދޮރެއް ވަކިވާވަރެއް ނުވެއެވެ.

"އަލިކޮށްލަބަލަ." ހަނީފު ނަގިލީގެ ވަލަށް ދަމަން އޮވެ ބާރަށް ގޮވާލިއެވެ.
ފަޔާޒު އެއް އަތުން ޑިންގީގައި ހިފަހައްޓަމުން އަނެއް އަތުން ޓޯޗު ދިއްލައިލިއެވެ. ކުއްލިއަކަށް ވާރޭވެހިގަތެވެ. ބޮޑުތިކި ވާރެއެވެ. ހީވަނީ މަތިން އޮއްގާ އަކިރި އުކާހެންނެވެ. ފެންތިއްކެއް ޖެހޭ ކޮންމެ ތަނަކުން ދިލަ ނަގަމުންދިޔައެވެ.

"ކިހިނެއް ތިހެދީ؟" އާދިލް ބާރަށް ގޮވާލިއެވެ.
"އަތުން ދޫވީ. ހިފަހައްޓައިލެވޭ ވަރެއް ނޫން." ފަޔާޒު ވެސް ބާރަށް ބުނެލިއެވެ.

ފަޔާޒުގެ އަތުގައި އޮތް ޓޯޗު އަތުން ދޫވެގެން މޫދަށް ވެއްޓުނީއެވެ. އެއާއެކު މޫދުގެ ތެރެއިން ހިމަ ރޮނގެއްގެ ގޮތުގައި ޓޯޗު އަޑިއަށްދާ މަންޒަރު ފެންނަމުން ދިޔައެވެ.
"ދެން އެ ނުލިބޭނެ. އެހެން ބައްތިއެއް ވެސް ނޯންނާނެ." އާދިލް ކަންބޮޑުވިއެވެ. "ހަނީ އަށް އަދިވެސް ތި ނުނެގޭތަ؟"

"އާން. ވަރަށް ދޫ އަޅައިފަ އޮތީމަ. ހީވަނީ މިހާރު ނެގެނީހެން. ފައި ހަރުލާ ވަރެއް ވެސް ނޫން. މި ވަރަށް ހަލުވަންޏާ މީގަ ހުރެވޭތަ؟ ތަނެއް ދޮރެއް ވެސް ނުފެނޭ ވިއްޔާ." ހަނީފު ބާރަށް ބުނެލިއެވެ.
"ދަރިފުޅާ ބަލައިގެން އުޅޭތި. ނަގިލި ނަގާއިރު ސަމާލުވާތި." އިދުރީސް ބާރަށް ގޮވައިލިއެވެ.

"އޯކޭ. ނެގިއްޖެ. ނައްޓައިލާ!" ހަނީފު ބާރަށް ގޮވައިލިއެވެ.

"ތި އަންނަނީ ރިސޯޓުން އަންނަނ ލޯންޗެއް ކަންނޭނގެ." ފަޔާޒު ބާރަށް ހަޅޭއްލަވައިގަތެވެ.

ދުއްވާފައި އައި ލޯންޗުގެ އަލިގަނޑު ފެނުނީ ފަޔާޒަށެވެ. އޭނާ ބާރަށް ހަޅޭއްލަވާގަތެވެ. އެންމެން ފަހަތް ބަލައިލިއެވެ. އޭރު ލޯންޗާއި ޑިންގީއާ ދެމެދުގައި ދިހަވަރަކަށް ފޫޓު ވެސް ނުހުންނާނެއެވެ. ލޯންޗު އައި ބާރުމިނުގައި އައިސް ޑިންގީގައި ޖެހުނެވެ. ބާރު އަޑުފަށް ގަނޑަކާއެކު ހަނީފަށް ހޭލެވުނީ އެހައި ހިސާބުންނެވެ
.
ހަނީފު ދެފަރާތަށް ބޯހޫރައިލެވުނެވެ. އޭރު އޭނާއަށް ހުރެވުނީ އޭނާގެ އޮފީސް ދޮރުމަތީގައެވެ.
"އަހަންނަށް ފެންނަ ހުވަފެން އާއްމުކޮށް ދިމާވާނީ އޭގެ އިދިކޮޅަށް." ހަނީފު އަމިއްލައަށް އިވޭ ވަރަށް ބުނެލިއެވެ. "އެހެންވީމަ ކަނޑުމަތީގެ ހާދިސާއެއް ނުހިނގާނެ ކަންނޭނގެ."


(ނުނިމޭ)
ހިޔާލު