Arsenal molhuviya nudhee Watford inn hifahahtaalaifi
image
އާސެނަލްއާއި ވެޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން--
މިއުނާ ހަސަން
0 ކޮމެންޓް
 

އާސެނަލް މޮޅުވިޔަ ނުދީ ވެޓްފޯޑުން ހިފަހައްޓާލައިފި

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ފުލުގައި އޮތް ވެޓްފޯޑުން އާސެނަލް މޮޅުވިޔަ ނުދީ ހިފަހައްޓާލައިފި އެވެ.
ވެޓްފޯޑުގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗުގައި ވަރުގަދަ ހަމަލާތަކެއް އުފައްދައިގެން ވެޓްފޯޑުން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑް ނެގީ އާސެނަލް އިންނެވެ.

އެގޮތުން އާސެނަލް ވަނީ ފުރަތަމަ ހާފްގައި ވެޓްފޯޑުގެ ގޯލާއި އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ސީޑް ކޮލަސިނެކްގެ އެހީތެރިކަމާއެކު އެމްރިކް އޮބަމެޔާންގް އާސެނަލްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނެވެ.

އާސެނަލްގެ ފުރަތަމަ ލަނޑަށް ފަހުގައި ވެސް ވެޓްފޯޑުގެ ޑިފެންޑަރުންނަށް ވަނީ އާސެނަލްގެ ހަމަލާތައް ދިފާއު ކުރެވޭ ގޮތް ނުވެފަ އެވެ.

އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އައިންސްލޭ މެއިޓްލޭންޑް-ނެއިލްސްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ވެސް އެމްރިކް އޮބަމެޔާންގް އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއަކުން އާސެނަލް ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލްގެ ކުޅުން ދަށްވެ، ވެޓްފޯޑުން އާސެނަލްގެ ފަހަތަށް ބާރު ބޮޑުކުރަން ފެށި އެވެ.

ވެޓްފޯޑަށް އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ޖެރާޑް ޑިއުލޯފްގެ އެހީތެރިކަމާއެކު ޓޮމް ކްލެވާލީ އެވެ.

ވެޓްފޯޑުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮބާޓޯ ޕެރޭރާ އެވެ.

މި ނަތީޖާ އާއެކު ޕްރިމިއާ ލީގު ތާވަލުގެ ހަތްވަނާގައި އާސެނަލް އޮތީ ކުޅުނު ފަސް މެޗުން ހޯދި އަށް ޕޮއިންޓާ އެކުއެވެ. ފުލުގައި އޮތް ވެޓްފޯޑަށް ހޯދިފައި ވަނީ ފަސްމެޗުން ދެ ޕޮއިންޓެވެ.
އާސެނަލް
ހިޔާލު