Saudi ah dhin hamalaa thakaa eku theluge agu mahchah
image
ތެޔޮ ޕްލާންޓުން ދުން އަރަނީ--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސައުދީއަށް ދިން ހަމަލާތަކާއެކު ތެލުގެ އަގު މައްޗަށް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ދެ ޕްލާންޓަކަށް ދިން ޑްރޯން ހަމަލާތަކަށް ފަހު ތެލުގެ އަގު މައްޗަށް ހިނގައްޖެ އެވެ.
ހަމަލާތަކަށްފަހު 60 ޑޮލަރުގައި ހުރި ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 71.95 ޑޮލަރަށް އުފުލިފަ އެވެ.

އަބްގައިގް އަދި ޚުރައިސްގެ ޕްލާންޓްތަކުން ތެޔޮ އުފައްދަން ފަށަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވޭއިރު ސައުދީން މިހާރު ވަނީ ތެޔޮ އުފައްދާ މިންވަރު ދެބައިކުޅަ އެއްބައި މަދުކޮށްފަ އެވެ.

ސައުދީން މީގެ ކުރިން ދުވާލަކު ނުވަ މިލިއަން ފީފާ ތެޔޮ ސަޕްލައި ކުރެއެވެ. ހަމަލާތަކަށްފަހު މިހާރު އެ ގައުމުން އުފައްދަނީ ދުވާލަކު ގާތްގަނޑަކަށް 5.7 މިލިއަން ފީފާ ތެލެވެ.

ސައުދީގެ ތެލާއި ބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒް ވިދާޅުވީ ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމުން އެއިން މަދުވާ ބައިގެ ކޮންމެވެސް ވަރެއް އަރާމްކޯގެ ތެލުގެ ސްޓޮކުން ހަމަޖައްސައިދޭނެ ކަމަށެވެ.

ހަމަލާތަކާއި ބެހޭ ގޮތުން އަރާމްކޯގެ ސީއީއޯ އަމިން ނަސީރު ވިދާޅުވީ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި މިހާރު ދެ ޕްލާންޓުގެ ވެސް ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ސައުދީގެ ތެޔޮގެ ޕްލާންޓްތަކަށް ހަމަލާ ދިން ޔަމަނުގެ ހޫތީންގެ ތަރުޖަމާނަކު ވަނީ އެ ހަމަލާގައި 10 ޑްރޯން ފޮނުވާލާފައިވާ ކަމަށް ބުނެފަ އެވެ.

ހޫތީންގެ އަލް މަސީރާ ޓީވީގައި ތަރުޖަމާން ޔަހުޔާ ސާރިޔާ ވަނީ ސައުދީ ޕްލާންޓްތަކަށް އިތުރު ހަމަލާތަކަށް ދޭނެ ކަމަށް ބުނެފަ އެވެ.

ސައުދީގެ އިރުމަތީ ޕްރޮވިންސްގައި އޮންނަ އަބްގައިގުގައި ހުންނަ ތެޔޮ ޕްލާންޓުން ދުނިޔޭގެ ތެލުގެ ހަތް ޕަސެންޓް އުފައްދަ އެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަނީ ޚުރައިސްގަ އެވެ.
ހިޔާލު