Hulhumale preschool bid aa gulhey massala ACC ah ves hushahalhaifi
image
ހުޅުމާލޭގައި ހަދާފައިވާ ގާސިމް ޕްރީސްކޫލް-- ފޮޓޯ: މިހާރު
މިއުނާ ހަސަން
0 ކޮމެންޓް
 

ހުޅުމާލެ ޕްރީސްކޫލުގެ ބިޑާ ގުޅޭ މައްސަލަ އޭސީސީއަށް ވެސް ހުށަހަޅައިފި

އަމިއްލަ ފަރާތަކުން ހުޅުމާލޭގައި ހަދާފައިވާ ގާސިމް ޕްރީސްކޫލްގެ ބިޑިން ޕްރޮސެސްއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފި އެވެ.
ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން އެ މައްސަލަ އޭސީސީއަށް ހުށަހެޅީ އޯގަސްޓް މަހުގެ ފަހުކޮޅު އެވެ.

އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު ސީއެންއެމްއަށް ވިދާޅުވީ، ޕްރީ ސްކޫލު ހަވާލުކުރުމުގެ ބިޑިން ޕްރޮސެސްގައި ކަން ހިނގާފައިވާ ގޮތާ ގުޅޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ އަދި އޮތީ އިވެލުއޭޝަން ސްޓޭޖުގައި ކަމަށް ވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ކޮމްޕިއުޓާ ރޫމާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހުންނަ އެ ޕްރީސްކޫލް ޖެނުއަރީ މަސް ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމުން، މިނިސްޓްރީން ވަނީ ދެ ފަހަރެއްގެ މަތިން ޕްރީސްކޫލް ހިންގާނޭ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.

އެހެން ނަމަވެސް ދެފަހަރު ވެސް މިނިސްޓްރީން ކުރި އިއުލާނަށް ތަރުހީބެއް ނުލިބުމުން ތިންވަނަ ފަހަރަށް އިއުލާން ކުރުމުން ތިން ފަރާތަކުން ކުރިމަތިލި އެވެ.

އެގޮތުން ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަންގެ އިތުރުން މެރިޓައިމް އެކަޑަމީ ނަމަކަށް ކިޔާ ބަޔަކު ކުރިމަތިލި އެވެ. އެކަމަކު މެރިޓައިމް އެކަޑަމީގެ ލިޔެކިއުންތައް ހަމަ ނުވުމުގެ ސަބަބުން އެ ބިޑް ވަނީ ބާތިލްވެފަ އެވެ.

އެ ސްކޫލްގެ ބިޑިންގައި މައްސަލަތަކެއް ހުރުމުން ޖުލައި މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ޝަކުވާ ހުށަހަޅާފައި ވެއެވެ.އެޑިއުކޭޝަނަށް ހުށަހެށި ޝަކުވާގެ ތެރޭގައި އުސޫލާ ހިލާފަށް މިނިސްޓްރީގެ ދެ މުވައްޒަފަކު ބިޑް ކޮމިޓީގައި ތިބުމާއި ބިޑް ގެ ކަންކަން މުވައްޒަފުންނަށް ނޭނގޭ ކަމުގެ ޝަކުވާ ލިބިފައި ވެއެވެ.

ޕްރޮޕޯސަލް ގައި ހިމެނޭ ޓެކްނިކަލް ބިޑާއި ފައިނޭންޝަލް ބިޑްގެ ސިޓީ އުރަތައް ވެސް އުސޫލާ ހިލާފަށް އެތަނުގައި ކެނޑި ކަމުގެ ޝަކުވާ ވެސް ވަނީ މިނިސްޓްރީ އަށް ލިބިފައެވެ.

ޝަކުވާގެ އެ ސިޓީގައި ބިޑްގެ ކުރިޔަށް ހުރި ކަންތައްތައް އިންސާފުވެރި ކަމާއެކީ ކުރިޔަށް ގެންދިޔުމަށްޓަކައި ބިޑް ކޮމިޓީގައި ތިބޭ މެމްބަރުންނަކީ ކޮން ބައެއްކަން ބިޑް ހުށަހެޅި ފަރާތްތަކަށް ހާމަކޮށް ދިނުމަށް އެދިފައި ވެއެވެ.

އޭގެ އިތުރުން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކާމިޔާބުވި ފަރާތްތަކަށް އެކަން ކާމިޔާބުވި ސަބަބާއި ދެންތިބި ފަރާތްތަކަށް އެކަން ނާކާމިޔާބުވި ސަބަބު ހާމަކޮށްދިނުމަށް އެދިލައްވައި އެ މައުލޫމާތު ހާމަކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ސިޓީގައި ހާމަކޮށްފައި ވެއެވެ.

އެކަށީގެންވާ ވަގުތު އޮއްވައި ބިޑް އެވޯޑް ކުރުމުގެ ކަންކަން ނިންމައި ދިނުމަށް ސިޓީގައި އެދިފައި ވެއެވެ.
ހިޔާލު