Dhivehi ufehdhuntheri kamah haassa Fannu Expo ifthithaahu koffi
image
ފަންނު އެކްސްޕޯ އިފްތިތާހު ކުރުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދިވެހި އުފެއްދުންތެރި ކަމަށް ހާއްސަ ފަންނު އެކްސްޕޯ އިފްތިތާހުކޮށްފި

ދިވެހި އުފެއްދުންތެރި ކަމަށް ހާއްސަ "ފަންނު އެކްސްޕޯ 2019" ރޭ އިފްތިތާހުކޮށްފި އެވެ.
ރޭ ނޭޝަނަލް އާޓް ގެލެރީގައި މައުރަޒު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގެންނެވި އެވެ.

ފަންނު އެކްސްޕޯ އަކީ ރާއްޖޭގައި އުފެއްދުންތެރި ކަމަށް ވާދަވެރި ބާޒާރުތައް ހޯދައިދިނުމާއި ހާއްސަކޮށް ޒަމާނުއްސުރެ ރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން ހީނަރުވަމުންދާ އުފެއްދުންތައް ކުރިއެރުވުމަށް ބާއްވާ މައުރަޒެކެވެ.

ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މުއްސަނދި ސަގާފަތެއް އޮތް ރާއްޖޭގައި އެފަދަ އުފެއްދުންތެރި މަސައްކަތްތައް ބީވެގެންދާ ސަބަބު ހޯދަން ޖެހޭ ކަމަށާއި އިކޮނޮމިކް މިނިސްޓްރީން މަސައްކަތްތެރީންނަށް އަމާޒުކޮށްގެން މިފަދަ މައުރަޒެއް ބާއްވާތީ އުފާކުރައްވާ ކަމަށެވެ.

ޖުމްލަ 77 ގިންތިއަކުން ތަކެތި ބައިވެރިކުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އެ މައުރަޒުން ހޮވޭ ފަސް ފަރާތަކަށް އެސްޑީއެފްސީ ބޭންކުން ފަސް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މައުރަޒާއި ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ މައުރަޒުގެ މަގްސަދަކީ ވަނަ ދީފައި ނިންމާލުން ނޫން ކަމަށާއި ފަންނުވެރިންނަށް މާކެޓުތައް ހޯދުމަކޯ މުހިއްމު އަމާޒެއް ކަމަށެވެ.

"މައުރަޒު ބާއްވަނީ ވަނަ ދީފައި ނިންމާލާކަށް ނޫން. މި ކަންތައްތަކަކީ ނަފާ ލިބޭނެ ކަންތައްތަކަށް ހެދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ދަށުގައިވާ އެކި އެކި ޑިޕާޓްމެންޓްތަަކާއި ވިޔަފާރި ކުންފުނިތައް މެދުވެރިކޮށްގެން އެ ފަންނުވެރީންގެ އަތުގައި ހިފައިގެން މާކެޓްތައް ހޯދައި ދީގެން މި އިންޑަސްޓްރީއެއްގެ ގޮތުގައި ފައިތިލަ ހަމަ ކުރެވޭނެ ގޮތެއް ހެދުން،" ފައްޔާޒް ވިދާޅުވި އެވެ.

"ފަންނު އެކްސްޕޯ" ގައި ދެ ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވާދަކުރުމުގެ ބަޔާއި ޑިސްޕްލޭ ކުރުން ނުވަތަ ވިއްކުމުގެ ބައެވެ.

މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 30 އާ ހަމައަށް ހުޅުވާލާފައި ވާއިރު "ފަންނު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 22 އިން 28 ގެ ނިޔަލަށެވެ.
ހިޔާލު