Raajje promote kurumuge road show Germany aai Austria ga kuriyah gendhanee
image
އެމްއެމްޕީއާރްސީއިން ޖަރުމަނުގައި ކުރިއަށް ގެންދާ ރޯޑްޝޯގެ ތެރެއިން-- ފޮޓޯ: އެމްއެމްޕީއާރްސީ
0 ކޮމެންޓް
 

ރާއްޖެ ޕްރޮމޯޓު ކުރުމުގެ ރޯޑްޝޯ ޖަރުމަނާއި އޮސްޓްރިއާގައި ކުރިއަށް ގެންދަނީ

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ސިލްސިލާކޮށް ބާއްވާ "ޖާނީ ޓު ދަ ސަނީ ސައިޑް"ގެ ރޯޑްޝޯ އިވެންޓު ޖރުމަނާއި އޮސްޓްރިއާގައި ފަށައިފި އެވެ.
އެ ހަރަކާތް ކުރިއަށް ގެންދަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފަރާތުންނެވެ. މިހާރު ފަށައިގެން އުޅެނީ އެ ސިލްސިލާގެ ހަވަނަ ރޯޑްޝޯ އެވެ.

އެމްއެމްޕީއާރްސީއިން ބުނީ އެ ރޯޑްޝޯ ކުރިއަށް ދާނީ ޖަރުމަނުގެ ކޮލޯން، ފްރެންކްފާޓް އަދި މިއުނިކްގައި ސެޕްޓެމްބަރު 16 އިން 18 އަށް ކަމަށެވެ. އަދި އޮސްޓްރިއާގެ ވިއެނާގައި އެ ހަރަކާތް އޮންނާނީ ސެޕްޓެމްބަރު 19 ގައެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ އެ ރޯޑްޝޯގެ މަގްސަދަކީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓުކޮށް، އިސްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރްސީއިން ބުނެ އެވެ.

އެ ރޯޑްޝޯގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގައި މަސައްކަތް ކުރާ ފަރާތްތަކުން ޖަރުމަނާއި އޮސްޓްރިއާގެ އޮޕަރޭޓަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރާނެ އެވެ. އެމްއެމްޕީއާރްސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި މަސައްކަތް ކުރާ ހަތް ކުންފުންޏަކުން އެ ރޯޑްޝޯގައި ބައިވެރިވެ އެވެ.

ރޯޑްޝޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ސިޓީއަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެވޭނެ އެވެ. އެ ދަތުރު ސްޕޮންސާކޮށްފައި ވަނީ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޖަރުމަނުންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 7.2 އިންސައްތަ އާއެކު އެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ޖަރުމަނުން ރާއްޖެ އައި ފަތުރުވެރިން އަދަދު ވަނީ 10.4 އިންސައްތަ އިތުރުވެފަ އެވެ.

އޮސްޓްރިއާއިން ވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ޖުލައި މަހުގެ ނިޔަލަށް އެ ގައުމުން ވަނީ 13،415 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 9.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ދެ ގައުމުން ވެސް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެމްއެމްޕީއާރްސީ އިން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަކަރާކްތަކެއް ރާވާފަ އެވެ.
ހިޔާލު