NCIT in 4.4 million Rufiyaa ge Bodu Corruption eh hingi kan Falhaa araifi
image
އެންސީއައިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އަޝްމަލީ -- ފޮޓޯ / ރާއްޖެ އެމްވީ
0 ކޮމެންޓް
 

އެންސީއައިޓީން 4.4 މިލިއަން ރުފިޔާ ބޮޑު ކޮރަޕްޝަނެއް ހިންގިކަން ފަޅާ އަރައިފި

ޔޫޕީއެސް ސިސްޓަމްތަކެއް ހޯދުމަށް ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީން) ހިންގި 4.4 މިލިއަން ރުފިޔާ މަޝްރޫއަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިޔަ އެންސީއައިޓީގެ ހާއްސަ އޮޑިޓުން ފަޅާ އަރައިފިއެވެ.
މި މަޝްރޫއަކީ އެންސީއައިޓީން 2017ވަނަ އަހަރުގެ ތެރޭގައި ހިންގި މަޝްރޫއެކެވެ. މިކަމާއި ގުޅިގެން އޮޑިޓަރ ޖެނެރަލް އޮފީހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި އެންސީއައިޓީން ބީލަން ތައްޔާރު ކޮށްފައިވަނީ ވަކި ކުންފުންޏެއްގެ މަސްލަހަތަށް އިސްކަން ދީގެން ކަމަށް ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ އެހެން ކުންފުނިތަކަށް ނުލިބޭ ފައިދާއެއް ވަކި ކުންފުންޏަކަށް ދިނުމަށް އެންސީއައިޓީން މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެ މަޝްރޫއުގައި ހިމެނޭ މަސައްކަތުގެ ތެރެއިން ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު މައިކްރޯސޮފްޓު ޕްރޮޑަކްޓުތަކުގެ ސޮފްޓުވެއާ ލައިސަންސް ފޯރުކޮށްދޭން ޖެހޭ މިންވަރާއި ކޮންމެ އަހަރަކު ފައިސާ ދޫކުރަންޖެހޭ މިންވަރު ބަޔާންކޮށްފައިވީ ނަމަވެސް ފަސް އަހަރުގެ ތެރޭގައި ޓްރެއިނިން ދޭންޖެހޭނީ ކިތައް މީހުންނަށް ކަމެއް އެނގެން ނެތް ކަމަށެވެ.

ރިޕޯޓުގައި ބުނީ އެ މަޝްރޫއާ ހަވާލު ކުންފުނިން 2018ވަނަ އަހަރާއި ހަމައަށް 8305 ބާވަތެއްގެ ލައިސަންސް އެންސީއައިޓިއަށް ފޯރު ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިންވެސް އެންސީއައިޓީން ބޭނުން ކޮށްފައިވަނީ 4175 ލައިސަންސް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެންސީއައިޓީން ކުރިއަށް ގެންދިޔަ އެކްޓިވް ޑައިރެކްޓަރީ އަދި އެކްސްޗޭންޖު ސާވާ ޑިޒައިންކޮށް ގާއިމްކުރުމަށް ބޭނުންވާ ހާޑުވެއާ ގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާފައިވަނީ ޓެންޑާ ބޯޑުން އިއުލާނު ކޮށްގެން ކަމަށާއި ނަމަވެސް އެ އިއުލާނަށް ބީލަން ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ބުނެފައިވަނީ އެންމެ ފަރާތަކުން ބިޑު ހުށަހެޅުމުން ދައުލަތުގެ މާލިއްޔަތު ގާނޫނާއި މުޅިން ހިލާފަށް އިތުރު ބިޑަކަށް ހުޅުވާވެސް ނުލައި އެ މަސައްކަތް ކުރުމަށް ހަމައެކަނި ބިޑު ކުރި ފަރާތަށް 4.4 މިލިއަން ރުފިޔާގެ މަޝްރޫއު އެންސީއައިޓީން ހަވާލުކުރި ކަމަށެވެ.

އިތުރަށް ރިޕޯޓުގައި ބުނެފައިވަނީ އެކްޓިވް ޑައިރެކްޓަރީ އަދި އެކްސްޗޭންޖު ސާވާ ޑިޒައިންކޮށް ގާއިމް ކުރުމަށް ބޭނުންވާ ހާޑުވެއާ ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ހަވާލުވި ކުންފުނިން ހާޑުވެއާ ސަޕްލައި ކޮށްދެންޖެހޭ މުއްދަތުގެ ތެރޭގައި އެތަކެތި ސަޕްލައި ކޮށްދިން ނަމަވެސް، އެންސީއައިޓީގެ އިންޓާނަލް އީމެއިލްތަކުން އެނގޭ ގޮތުގައި އެތަކެތި އިންސްޓޯލްކޮށް އެއާގުޅޭ ތަމްރީނު ދީފައިވަނީ މަސައްކަތުގެ މުއްދަތުގެ 85 ދުވަސް ފަހުން ކަމަށެވެ.

އަދި އެ ލަސްވި ލަސްވުމަށް 658،101 ރުފިޔާ، އެތަކެތި ސަޕްލައި ކޮށްދިން ކުންފުންޏަށް މަސައްކަތުގެ ހަމަ އަގު ދިނުމުގެ ކުރިން އުނި ކުރަން ޖެހުނު ނަމަވެސް އެ ކުންފުންޏަށް ފައިސާ ދީފައިވަނީ އެއްވެސް އުނި ކުރުމެއް ނެތި ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުން ދެން ފާހަގަވި އަނެއް ކަމަކީ މި މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ ތެރެއިން ތިން މިލިއަން ރުފިޔާ ދީފައިވާއިރު މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް މަސައްކަތް ނުނިމެނީސް ބާކީ ހުރި ފައިސާވެސް ދީފާ ކަމެވެ. މަސައްކަތް ހަވާލުކުރި ކުންފުންޏާއި އެކު ވެވުނު އެއްބަސްވުމުގައި 8 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ މަސައްކަތް ނިންމާފައިވަނީ 33 ހަފްތާގައި ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެގޮތުން އެއްބަސްވުމުގައި އޮތް ގޮތަށް މަސައްކަތް ނިންމަންޖެހޭ ތާރީހަށް ނުނިންމުގެ ސަބަބުން މަސައްކަތުގެ ހަމަ އަގުގެ ތެރެއިން 15 ޕަސެންޓު ފައިސާ (451،127) ރުފިޔާ އުނިކުރަން ޖެހުނު ނަމަވެސް އެފައިސާވެސް އުނިކޮށްފައި ނުވާ ކަމަށް އެންސީއައިޓީގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެންސީއައިޓީގެ ހާއްސަ އޮޑިޓެއް ކޮށްފައި މިވަނީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އެދިވަޑައިގަތުމަކަށެވެ.
ހިޔާލު