Bidheyseenge massalla hallu kuran Task force eh ekulavaa lanee
image
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ބިދޭސީންގެ މައްސަލަ ހައްކުރަން ސަރުކާރުގެ މަތީ ފެންވަރުގެ ޓާސްކްފޯހެއް އެކުލަވާލަނީ

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް، ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ރައީސް އޮފީހުން ބުނީ ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ގާނޫނާއި ހިލާފަށް ގާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ. އަދި، ގާނޫނާއި ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ޤާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށާ އަދި އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމުގައި މިހާރުގެ ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ގާނޫނީ އޮނިގަނޑަށް ހުށަހެޅިފައިވާ ގޮތަށް ބަދަލު ގެނައުމަށް ކެބިނެޓްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެއިތުރުން ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ސިޔާސަތުގައި ގާނޫނާ ހިލާފަށް ގާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.

ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ދާދިފަހުން އިމިގްރޭޝަނުން ޑީޕޯޓު ދެ ބިދޭސީންގެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އާއްމުން އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޑީޕޯޓު ކޮށްލި ދެމީހުންގެ ތެރެއިން އެއް ބިދޭސީއަކީ މަނީ ލޯންޑްރިންގެ ތުހުމަތުވެސް ކުރެވޭ މީހެކެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާއަށް ގާނޫނުން ލިބިދީފައިވާ ހަމައެކަނި ބާރަކީ އިދާރީ ފިޔަވަޅު އެޅުން ކަމަށެވެ. އެހެންކަމުން އިތުރު ފިޔަވަޅެއް އެޅުމަށް ގާނޫނުން ތަން ނުދޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރައީސް އޮފީސް
ހިޔާލު