Avin libey gehlumun loluge fenunves gehlidhaane
image
"ފޮޓޯ ކެރެޓިޓިސް" ނުވަތަ ސަންބާން--
މިއުނާ ހަސަން
0 ކޮމެންޓް
 

އަވިން ލިބޭ ގެއްލުމުން ލޮލުގެ ފެނުން ވެސް ގެއްލިދާނެ

އިރުގެ ހޫނުގަދަ އަވިން ގައިގެ ހަންގަނޑަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ކޮންމެ މީހަކުވެސް އިސްކަން ދެއެވެ.
އެހެން ނަމަވެސް، އިންސާނުންގެ ނާޒުކު ލޮލަށް އަލްޓްރާވައިލެޓް (ޔޫވީ) ދޯދިތަކުން ލިބޭ ގެއްލުމުން ސަލާމަތް ވުމަށް މަސައްކަތް ކުރަނީ މަދު މީހެކެވެ.

އެމެރިކާގައި ހުންނަ ލޮލޮގެ އިންސްޓިޓިއުޓަކުން 2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އަވީގައި ހުންނަ ރޭޑިއޭޝަން، ލޮލުގައި ހުންނަ މުހިންމު ޕްރޮޓީނެއް ހަލާކުކޮށްލަ އެވެ. އޭގެ ސަބަބުން ކެޓެރެކްޓްއޭ ކިއުނު ލޮލުގެ ފެނުމަށް ބަދަލު އަންނަ، ބައްޔެއް ޖެހުމުގެ މަގު ފަހި ވެއެވެ.

އެމެރިކާގެ އެކަޑަމީ އޮފް އޮފްތޮމޮލޮޖީ ކްލިނިކްގެ ތަރުޖަމާނު އަދި އޮފްތޮމޮލޮޖިސްޓެއް ކަމަށްވާ ޑރ. ރިބޭކާ ޓޭލާ ވިދާޅުވީ "ލޯ ރައްކާތެރި ނުކުރާ ނަމަ، އަހަރުމެންގެ ލޮލަށް ނުފެންނަ އަލްޓްރާވައިލެޓް ރޭޑިއޭޝަން ވަރަށް ފަސޭހައިން ލޮލަށް ގެއްލުންދޭނެ، ލޮލަކީ އޭގެ ޒާތުގަ ވަރަށް ނާޒުކު ގުނަވަނެއް، އެހެންކަމުން އެ ރޭޑިއޭޝަނަށް ލޯ ވަރަށް ބަލިވާނެ".

"ލޮލުގެ ފަހަތުގައި އިންނަ ރެޓިނާގައިވާ މެކިއުލާ ކިއާ ނާޒުކު ތަންކޮޅެއް ރެޓިނާގެ މެދުގަ އިންނާނެ. ހުރަހެއް ނެތި ރެޓިނާގެ މެދަށް އައްޔެއް އެޅިއްޖެ ނަމަ މެކިއުލާ އިންނާނީ ހުޅުވިފަ. އެހެންވީމާ ހުރަހެއް ނެތި ލޮލުގެ މެދަށް އެޅޭ އަލި ލޭޒަރުގެ އަލިހެން މެކިއުލާގެ ތެރެއަށް ވަދެގެން ދާނެ،" ޓޭލާ އިތުރަށް ވިދާޅުވި އެވެ.

ލޮލާއި ގުޅުން ހުރި އެކި ދިރާސާތަކުން އެނގޭ ގޮތުގައި، އަވީގައި ހުންނަ ނުފެންނަ ޔޫވީ ރޭޑިއޭޝަނުގެ ސަބަބުން މެކިއުލާއަށް ލިބޭ ގެއްލުންތަކާއެކު އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ދަތި ވެއެވެ.

އޭގެ އިތުރުން ވެސް، އިރުގެ ދޯދިތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ލޮލުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. އިރުގެ ހޫނުން "ސަންބާންވެ" ލޮލަށް "ފޮޓޯ ކެރެޓިޓިސް" އޭ ކިއުނު ގެއްލުމެއް ލިބެ އެވެ. "ފޮޓޯ ކެރެޓިޓިސް" އަކީ ކުޑަ ވަގުތު ކޮޅަކަށް ލޮލުގެ ފެނުމަށް އަންނަ ބަލި ކަށި ކަމެއް، ނުވަތަ އެއް ގޮތަކަށް ވެސް ލޮލަށް ނުފެނުމެވެ.

އާއްމު ގޮތެއްގައި، އަވީގައި ގިނައިރު އުޅުމަށް ފަހު އަލި މަޑު ތަނަކަށް މީހާ ވަދެފިނަމަ ވަގުތު ކޮޅަކަށް އެތަނެއްގެ އެތެރެ ނުފެނުމަކީ "ފޮޓޯ ކެރެޓިޓިސް" އެވެ.

އިރުގެ ދޯދިތަކުން ލޯ ރައްކާތެރި ކުރުމަށްޓަކައި، އަވިއައިނާއި ތޮފި ފަދަ ތަކެތި ބޭނުން ކުރުން މުހިންމެވެ. އަދި ހަމަ އެހެންމެ، ރައްކާތެރިކަމެއް ނެތި ގިނަ ވަގުތު އަވީގައި އުޅުން މަދުކުރަން މަސައްކަތް ކުރަންވާނެ އެވެ.
ފޭޑި ސިއްހަތު
ހިޔާލު