Maadhamaa Adeeb ah hukum kuranee
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު-- ފޮޓޯ: ސަން
0 ކޮމެންޓް
 

ފިލަން އުޅުނު މައްސަލާގައި އަދީބަށް ހުކުމް ކުރުން މާދަމާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގް ބޯޓެއްގައި ރާއްޖެއިން ފިއްލަވަން އުޅުނު މައްސަލާގައި މާދަމާ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އަދީބު މަސައްކަތް ކުރެއްވީ ކްރޫ މެމްބަރެއްގެ ގޮތުގައި ބޭރުގެ ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވުމަށެވެ. އެ ބޯޓުގައި ހުރި މީހަކަށް އެއީ އަދީބުކަން އެނގުމުން އެކަން ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފަ އެވެ. އެއާއެކު އިންޑިއާއަށް އެތެރެވިޔަ ނުދީ އޭނާ ހިފެހެއްޓި އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ އޮތް އިރު، އަދީބު ވަނީ ކުށަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ދަށުން ކަމަށެވެ.

ދައުލަތުން ބުނީ އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އަދި ކުށަށް އިއުތިރާފުމުން އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ބުންޏެވެ.

ކުށަށް އިއުތިރާފުވެ ވަޑައިގެންނެވުމުން ގާޒީ ވިދާޅުވީ ފަސް ދުވަހުގެ ތެރޭގައި ހުކުމް ކުރައްވާނެ ކަމަށެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އަދީބުގެ މައްޗަށް އަންނާނީ ތިން މަގާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބު ފިލަން މަސައްކަތް ކުރީ ރާއްޖޭން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން އަށް ދިޔަ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން އޮޅުވާލައިގެންނެވެ. ނަމަވެސް އިންޑިއާ އަށް އެތެރެވުމުގެ ކުރިން އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ޓަގު ހިފަހައްޓާ، ރާއްޖެއާ ހަވާލުކޮށްފަ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ އަދީބު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ. ނަމަވެސް ފަހުން ސްޕްރީމް ކޯޓުން ވަނީ އަދީބުގެ މައްޗަށް ކުރާ މާބިންހުރާ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

އަދީބު ބުނެފައި ވަނީ އޭނާ ފިލަން މަސައްކަތް ކުރީ އެމްއެމްޕީއާރުސީ މައްސަލާގެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރަމުން ދާތީވެ، ނުފޫޒު ގަދަ ފަރާތްތަކަކުން އޭނާ އަށް އިންޒާރުދީ ބިރުދައްކަމުންދާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދީބު ކޯޓުގައި ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އަދީބު މިހާރު ހުންނަވަނީ ޓެގު އެޅުވުމަށްފަހު ގޭ ބަންދުގައެވެ.
ހިޔާލު