Israel ge sifain Palestine anhenehge gayah badi jahaa video eh aammu vejje
image
އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހާ ވީޑިއޯގެ ތަންކޮޅެއް-- ފޮޓޯ: ޓްވީޓާ
މިއުނާ ހަސަން
1 ކޮމެންޓް
 

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހާ ވީޑިއޯއެއް އާއްމުވެއްޖެ

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހާ ވީޑިއޯއެއް ޓްވިޓާގައި އާންމުވެއްޖެ އެވެ.
އިއްޔެގެ ވަގުތެއްގައި ޓްވިޓާގައި އާންމުވި ވީޑިއޯއިން ފެންނަނީ ޖޫރުލްސަލާމާއި، ވެސްޓްބޭންކާއި ދޭތެރޭގައި ހަދާފައިވާ ގަލަންޑިއާ ޗެކްޕޮއިންޓް ކައިރީގައި ހުރި އަންހެނެއްގެ ފަޔަށް އިޒްރޭލުގެ ސިފައިން ބަޑިޖަހާ މަންޒަރެވެ.

ބަޑި ޖެހުމުން އެ އަންހެން މީހާ ވެއްޓި ފިރުކެމުން ދުރަށް ދާން ފެށުމުން އިޒްރޭލުގެ ސިފައިންގެ މީހެއް އެމީހާގެ ކައިރިއަށް ދާތަން ފެނެ އެވެ. އެހެން ނަމަވެސް އިތުރަށް ބަޑިޖެހި ކަމެއް، ނުވަތަ ނޫން ކަމެއް އެ ވީޑިއޯއިން ސާފެއް ނުވެ އެވެ.

މެދުއިރުމަތީގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިޒްރޭލުގެ ސިފައިންގެ މީހާ އެ އަންހެން މީހާ ގަޔަށް ބަޑިޖަހަނީ ދުއްވާ އުޅަނދެއްގައި އައިސް ޗެކްޕޮއިންޓް ހުރަސް ކުރުމުން، ހުއްޓުމަށް އިޒްރޭލުގެ ސިފައިން ބުނުމުން ނުހުއްޓާ، ޗެކްޕޮއިންޓް ހުރަސްކޮށް އޭގެ ފަހުގައި، އޭނާ ވަޅިއެއް ނެގުމުންނެވެ.

ފަލަސްތީނުގެ އަންހެން މީހާ ގަޔަށް ބަޑިޖެހުމަށް ފަހުގައި އެވަގުތު އެތަނުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ގުދުސްގެ ހަދަސާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އޭނާ މަރުވެފައި ވަނީ ހޮސްޕޓަލަށް ގެންދިޔަ ފަހުން ކަމަށް ރިޕޯޓްތަށް ބުނެ އެވެ.

އިޒްރޭލުގެ ސިފައިންނަށް ވަޅިން ހަމަލާ ދޭން އުޅޭ ކަމަށް ބުނެ ފަލަސްތީނު މީހުންގެ ގަޔަށް ބަޑި ޖެހުމަކީ އިޒްރޭލުގެ ސިފައިން އަބަދުވެސް ކުރާ ކަމެކެވެ.

އިޒްރޭލުގެ ހަރުކަށި އަމަލުތައް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އަޑު އުފުލާ ޖަމިއްޔާތަކުން ކުށްވެރި ކުރެއެވެ. އެގޮތުން އެފަދަ ޖަމިއްޔާތަކުން އަންނަނީ ކުށަކާ ނުލާ ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުން މަރަމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އިޒްރޭލުގެ ފޯސްތަކުން ރަހުމުކުޑަކޮށް ފަލަސްތީނުގެ ރައްޔިތުން މަރާ ވީޑިއޯތައް ގިނަ އަދަދަކަށް ސޯޝަލް މީޑިއާގައި އަބަދުވެސް ދައުރު ވެއެވެ.
ފަލަސްތީނު
ހިޔާލު

އަޙްމަދު

ޔާ ﷲ މިނުބައި ނުލަފާ ޖައްބާރުންގެ ނިމުން މިއަށް ނުވެރެ ނުބައިކޮށް ގެންދަވާށީ. އާމީން