Raajjey gai Cancer ah khaahsa Hospital eh alhanee
image
ރައީސް ސޯލިހު ހެލްތު މިނިސްޓަރު އަމީންއާ ސަލާމް ކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އަަޅަނީ

ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލަށް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ސިއްހީ ނިޒާމާއި ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ހޮސްޕިޓަލު އަޅާނީ ހުޅުމާލޭގައި ކަމަށެވެ. އަދި އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިމިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް ހުޅުމާލޭގައި ފެށިގެންދާނެ. ގާތްގަނޑަކަށް 18 މަސް ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކޮށްގެން މިތިބީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ދިވެހި ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތައްވެސް އެޅިގެން ދާނެ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު ރާއްޖޭގައި ދޭ ކެންސަރު ފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރީޖަނަލް ކެންސާ ސެންޓަރު (އާރުސީސީ) ގެ ފަންނީ އެހީތެރިކަން ހޯދަން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ސެންޓަރުގެ އެހީ ދިވެހި ސަރުކާރުން ހޯދަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ޖޫން މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރު ކޮށްދިނުމަށް ސޮއި ކުރި އެއްބަސްވުމުގެ ދަށުންނެވެ.

"ބޭސް ފަރުވާއަށް އިންޑިއާއަށް އަންނަ ދިވެހިންގެ މެދުގައި އެންމެ މަގުބޫލީ ކެރެލާ. އެގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ރާއްޖޭގައި ދެވޭ ކެންސަރު ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށް އާރުސީސީގެ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައިވަނީ،" އިންޑިއާގެ ހެލްތު ޑިޕާޓްމަންޓްގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުންޏެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، އާރުސީސީގެ ފަންނީ އެހީތެރި ކަމާއެކު ރާއްޖޭގައި ކެންސަރު ފަރުވާގެ ޕްރޮގްރާމްތައް އިތުރަށް ފުޅާ ކުރެވިގެން ދިޔުމަކީ އެ އެއްބަސްވުމުގެ މައިގަނޑު އަމާޒެވެ.
ހިޔާލު