Bodu khiyaanai: 60 rah nu agugai vihkki, Baeh meehun athun faisaa ves nunagaa!
image
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ބޮޑު ހިޔާނާތް: 60ރަށް ނުއަގުގައި ވިއްކިއިރު ބައެއް މީހުން އަތުން ފައިސާވެސް ނުނަގާ!

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންޓޮ ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލް އޮފީހުން ކުރި ތަހުގީގުތަކަށްވުރެވެސް ބޮޑަށް ހިޔާނާތުގެ ގެއްލުން ބޮޑު ކަމަށެވެ. އެގޮތުން ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރު (3 ބިލިއަނަށްވުރެ ގިނަ ރުފިޔާ) އަށް އަރާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީގެ މައްސަލައިގަ އެސެޓް ރިކަވަރީ ކޮމެޓީން ކުރަނީ ވަރަށް ބުރަ މަސައްކަތެއް. ބައެއް ރަށްރަށް އެބަހުރި އެގްރީމަންޓަކާއި ނުލައި، ފައިސާއެއް ނުނަގާ ކާކަށްކަން ދިނީ ނޭނގޭ ވެސް އެބަ އުޅޭ 9 ނޫނީ 10 ވަރަކަށް ރަށް،" ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ އެ މައްސަލާގައި ދެ ރަށް އެއްމީހަކަށް ދީފައިވާއިރު ދެމީހަކަށް އެއް ރަށްވެސް ދީފައި އެބަހުރި ކަމަށެވެ. ރައީސް ސިފަކުރެއްވީ އެމްއެމްޕީއާރްސީ މައްސަލައަކީ "ބޮޑު އޮޅުން ބޮޅުމެއް" ކަމަށެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ ކުރަނީ:

މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މައްސަލާގައި މިހާރު ދައުވާކޮށް ޝަރީއަތް ކުރެވެމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކަމަށްވީ ނަމަވެސް ވަރަށް އަވަހަށް އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާނެ ކަމަށެވެ.

"އަޅުގަނޑަށް އިއްޔެ މައުލޫމާތު ލިބުނީ މި މަހުގެ ފަހު ހަފްތާގެ ތެރޭގައި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ކޮމެޓީން ފޮނުވާނެ ކަމަށް. އަދި އެ ފައިސާ ލިބުނު މީހުންގެ ލިސްޓު ބަލާ އޭގެ ތަފްސީލަށް ގޮސް އޭގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރާނެ ،" ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް 3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ރައީސް ވިދާޅުވިއިރު އޭސީސީއާ އޮޑިޓު ރިޕޯޓުތަކުގައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ މައުލޫމާތު ފުރަތަމަ ފަހަރަށް އާއްމު ކުރައްވަމުން ރައީސް ވިދާޅުވީ، އޮޑިޓްތަކުން ފެންނަން އޮތް އަދަދުތަކަށް ވުރެން ވެސް އެ ޚިޔާނާތުން ދައުލަތަށް ވި ގެއްލުން މާ ބޮޑު ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ހޯދި ހޯދުންތަކުން ފެންނަން އޮތީ ތިން ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން (އޭސީސީ) އާއި އޮޑިޓް ރިޕޯޓްތަކުގައިވާ ގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުން ދައުލަތަށް ގެއްލުންވީ 1.4 ބިލިއަން ރުފިޔާ އެވެ.

ރައީސް ވިދާޅުވީ ދައުލަތަށް ގެއްލުނު ކަމަށް ނިންމާފައި ވަނީ 91 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެ 91 މިލިއަން ޑޮލަރު އުނިކުރުމުން ވެސް 128 މިލިއަން ޑޮލަރު ސަރުކާރަށް ލިބެންޖެހޭ ނުވަތަ ދައްކަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޔާލު