China ge "Belt and road initiative" ah ehbbaarulun dheynan: Shahidh
image
ފޮރިން މިނިސްޓަރު ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރާއި ސަލާމް ކުރައްވަނީ -- ފޮޓޯ / ފޮރިން މިނިސްޓަރު
0 ކޮމެންޓް
 

ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވް"އަށް ރާއްޖޭގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފި

ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވް" އަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފިއެވެ.
މި ޔަގީންކަން ދިވެހި ސަރުކާރުގެ ފަރާތުން ޗައިނާއަށް ދީފައި މިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާ ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދު ޗައިނާއަށް ވަޑައިގެންނެވީތީ ވަނީ މަރުހަބާ ދަންނަވާފައެވެ.

ފޮރިން ިނިސްޓަރު ޝާހިދުގެ ވަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި ޗައިނާ ސަރުކާރާއި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިގްތިސާދީ އިޖްތިމާއީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ "ވަން ޗައިނާ" ޕޮލިސީ ދަމަހައްޓައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވް" އަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް އަށް އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީީއަށް، ހާއްސަކޮށް ސިނާއީ ތަރައްގީއަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް، ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު ދެންނެވިއެވެ. 

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށެވެ. މިއީ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންފަހުން މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުވެސްމެއެވެ.
ހިޔާލު