Bodu alifaan: 4 gadi iruge bura massaikkathun Control koffi
image
ހެންވޭރުގައި މިރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި -- ފޮޓޯ / މުއައްޒިން (ޓެޑް)
0 ކޮމެންޓް
 

ބޮޑު އަލިފާން: ހަތަރުގަޑި އިރުގެ ބުރަ މަސައްކަތުން ކޮންޓްރޯލް ކޮށްފި

މިރޭ ހެންވޭރުގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ މިހާރު އަރަމުން ދަނީ ދުން ކަމަށާއި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

މިރޭ 7:30 އެހާކަށްހާއިރު އެންމެ ފުރަތަމަ އަލިފާން ރޯވީ ހ. ތިލަފުށީ ގޭގައި ހުރި ގުދަނެއްގައެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލްނުވެ އެ އަލިފާންގަނޑި ދިޔައީ އިތުރަށް ބޮޑުވަމުންނެވެ. އެކަމުގެ ސަބަބުން ހަ ގެއަކަށް އަލިފާންގަނޑު ފެތުރުނެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހަތަރު ގަޑިއިރު ފަހުންނެވެ. މި ހާދިސާގައި 49 އަހަރުގެ އައިޝަތު ޝައުނާ ނަމަކަށް ކިޔާ އަންހެނަކު ވަނީ މަރުވެފައެވެ. އަދި ހަމައެއާއެކު ދުމުގެ އަސަރު ކޮށްގެން ގިނަ އަދަދެއްގެ ބަޔަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްޗުގައި ދިޔައީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި އަލިފާނުގެ ހާދިސާ ހިނގި ގެތަކުގައި ދިރިއުޅޭ މީހުން ވަގުތީ ހިޔާއަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ވަގުތީ ހިޔާއެއްގެ ގޮތުގައި ކަނޑައެޅީ ކަލާފާނު ސްކޫލެވެ. އެ ސްކޫލުގައި 300 އެއްހާ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައިން ތިބީ ދިވެހިންނެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވީ ހަތަރު ކެމިކަލް ގުދަނެއްގައި ކަމަށާއި އަލިފާންގަނޑު އެހާ ބޮޑަށް ފެތުރިގެން ދިޔައީ އެހެންވެގެން ކަމަށެވެ. މި ހާދިސާ ހިނގައިގެން އުޅުނު ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އިތުރުން ބައެއް ވަޒީރުންވެސް ވަޑައިގެންނެވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވަގުތީ ހިޔާގައި ތިބި މީހުންގެ ހާލުވެސް ބައްލަވާލައްވާފައެވެ. އަދި ނޫސްވެރިންނާއި ވާހަކަދައްކަމުން ރައީސް ވިދާޅުވީ އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ސަރުކާރުން ކުރާނެ ކަަމަށެވެ.

މި ހާދިސާއާ ގުޅިގެން ވަޒީރުން މަޖިލީހުގެ ކުއްލި ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. އަދި މި ބައްދަލުވުމުގައި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން މުލީއާގޭގައި ބޭއްވި ވަޒީރުން މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވަނީހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ހިޔާލު