Dhiraaguge ehee aai eku technology dhaairaage haassa programm eh
image
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ދެމެދު ކުރެވުނު އެއްބަސްވުމުގެ ތެރެއިން-- ފޮޓޯ: ދިރާގު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދިރާގުގެ އެހީއާއެކު ޓެކްނޮލޮޖީ ދާއިރާގެ ހާއްސަ ޕްރޮގްރާމެއް

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ގާލްސް ޓު ކޯޑް" ނަމުގައި ޓްރެއިނިން ސީރީޒެއް ފުވައްމުލަކުގައި މިއަދު ބާއްވަމުން އެބަ ދެއެވެ.
އެ ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ އަށް ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ.

"ގާލްސް ޓު ކޯޑް" ޕްރޮގްރާމް އަމާޒު ކުރެވިފައި ވަނީ އުމުރުން 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ވެބް ޑިވެލޮޕްމަންޓް ނުވަތަ ކޯޑު ކުރުމަށް ޝައުގުވެރިކަން ހުންނަ އަންހެން ކުދިންނަށެވެ.

އެ ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ހޯދުމަށް ފުވައްމުލަކުގެ ހާފިޒް އަހްމަދު ސްކޫލް، މަދަރަސަތުލް ޝައިހް މުހައްމަދު ޖަމާލުއްދީން ސްކޫލާއި ފުވައްމުލަށް ސްކޫލް އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ޕޮރްގްރާމާ ބެހޭ މައުލޫމާތު ހިއްސާ ކުރެވިފައި ވެއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރކޮށް ވެސް 12 ސެޕްޓެމްބަރު 2019 އިން ފެށިގެން ޕްރޮގްރާމްގައި އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައި ވެއެވެ.

ދެ މަސް ދުވަހަށް ކުރިޔަށްދާ އެ ޕްރޮގްރަމުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގަ އެވެ.

އެ ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން އަމިއްލައަށް ވެބްސައިޓެއް ފަރުމާކުރުމަށް ދަސްކޮށްދިނުމުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕް ވެސް ކުރެވޭނެ އެވެ. އެ ޕްރޮގްރާމް ކުރިޔަށް ދަނީ ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީ ގައެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދު ކަމަށާއި، "ގާލްސް ޓު ކޯޑް" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތައާރަފްކުރުން ވަރަށް މުހިންމު ކަމަށެވެ.

ދިރާގުން ބުނީ ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ހާއްސަ އަހައްމިޔަތު ކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށެވެ.

އެ ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށް ފަހު، ސީރީސްގެ އެހެން ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހިންގުމަށް ވަނީ ރޭވިފަ އެވެ.
ހިޔާލު