Male ge plan eh hadhaakah evves sarukaarakah neyngunu: MP Jabir
image
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

މާލޭގެ ޕްލޭނެއް ހަދާކަށް އެއްވެސް ސަރުކާރަކަށް ނޭނގުނު: ޖާބިރު

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގާ ދިޔަ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ ސަލާމަތީ ހާލަތާއި، އެކަށީގެންވާ ވަސީލަތްތައް ނެތް މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ވިދާޅުވީ މާލޭގައި އެއްވެސް ޕްލޭނެއް ނެތް ކަމަށާއި، ވަސީލަތްތައް ހޯދަން ވުޒާރާތަކަށް ދޭ ބަޖެޓަށް ވާ ގޮތް ވޭސް ނޭނގޭ ކަމަށެވެ. އެފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، ދުނިޔޭގެ އެހެން ގައުމުތަކުގައި އިސްތިއުފާ ދޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"މިއީ ސަމާސާ ވާހަކައެއް ނޫން. މި މާލޭގެ ޕްލޭނިން އެއް ހަދާކަށް ނޭނގުނު. އެއްވެސް ސަރުކާރަކަށް. މި މާލޭގައި ރާއްޖޭގެ ހުރިހާ މީހުން ދިރި މި އުޅެނީ. އެކި ތަންތަނުން ގެދޮރު ދޫކޮށްފައި އައިސް، ކުދިންނަށް ކިޔަވައިދީ، ފެސިލިޓީޒް ހުރީ މި މާލޭގައި ކަމަށް ވާތީ މި މާލޭގައި ދިރިއުޅެން މީހުން މި އަންނަނީ. ރާއްޖެ ތެރެ ދޫކޮށް ނުލާހިކު އުއްމީދާއެކީ. ދެން މި މާލެ ރޯވެގެން މި ދަނީ،" ޖާބިރު ވިދާޅުވީ އެވެ.

ޖާބިރު ވަނީ ޑިފެންސް މިނިސްޓްރީއަށް ލިބޭ ބަޖެޓަށް ހަދާ ގޮތާ މެދު ސުވާލު ކުރައްވާ ޑިފެންސް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ކޮބައިތޯ އަޅުގަނޑުމެން ޑިފެންސަށް ދޭ ބަޖެޓު؟ އަލުގަނޑު ބޭނުން އަހާލަން. ކޮބައިތޯ ފެސިލިޓީޒްތައް؟ ކީއްވެގެންތޯ މި މާލޭގެ ހާލަތު މިހެން އޮތް އިރުގައި ވޭތުވެ ދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން އަތުގައި ނެތީ މަތިން އައިސް ފެން ޖަހާލެވޭ ކަހަލަ ބޯޓުގަނޑެއް؟،" ޖާބިރު ވިދާޅުވި އެވެ.

އޭގެ އިތުރުން ސިފައިންގެ އަލިފާން ނިއްވާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ވެސް ދެވިފައި ނުވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ އެހެން ގައުމެއް ނަމަ މިއަދު އިސްތިއުފާ ދޭން ޖެހޭނެ! އިސްތިއުފާ ދޭން ޖެހޭނެ! ކީއްވެގެންތޯ ނުދެވިގެން މި އުޅެނީ؟،" ޖާބިރު ސުވާލުކުރެއްވި އެވެ.

ދައުލަތަށް ޓެކްސް ދައްކާއިރު، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ވަސީލަތްތައް ނެތުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭ ކަމެއް ކަމަށް ޖާބިރު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ރިސޯޓެއް އަޅާނަމަ ބައިނަލްއަގްވާމީ ފެންވަރަށް ވުރެ މަތީގައި ސަލާމަތީ ކަންކަން ބަހައްޓަން ޖެހޭއިރު، މާލޭގައި އެކަން އެގޮތަށް ނުކުރެވޭ ކަމަށެވެ.

"ކީއްވެގެންތޯ މި މާލޭގައި އެކަން ނުކޮށް މި އުޅެނީ؟،" ޖާބިރު ސުވާލުކުރެއްވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މާލޭގައި މާ މީހުން ގިނަ ވެއްޖެ ކަމަށާއި، އެކަމަކު ވެސް ސަރުކާރަށް އެކަމާ ގުޅޭ ޕްލޭނެއް ހެދިފައި ނުވާ ކަމަށެވެ.

"ކީއްވެގެންތޯ މާލެއިން މީހުން އޮފްލޯޑް ނުކުރެވިގެން މި އުޅެނީ؟ ކާށިދޫގައި އެއާޕޯޓެއް އަޅާފައި މި މާލެއިން 20 ޕަސެންޓް މީހުން ކާށިދީއަށް ބަދަލު ކުރަން ވީނުންތޯ؟... މާލޭގައި މީހުންތައް މާ ގިނަވެސް ވެއްޖެ، އެއްވެސް ޕްލޭނިންއެއް ނެތް. ބައްލަވާ ހަޔެއްކަ ގެ އަނދައިގެން ދިޔައީމަ 400 މީހުންނޭ އެ ހާލުގައި ޖެހުނީ! މިއީ ކުޑަކުޑަ ރަށެއްގެ އާބާދީ ނޫންތޯ މި ދައްކަނީ. 400 މީހުން! 400 މީހުންނަށް ލިބުނު ގެއްލުން ކިހިނއްތޯ އިޔާދަ ކުރަނީ؟،" ޖާބިރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ވަނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ތަހުގީގު ކުރުމަށް ވެސް ގޮވާލައްވާފަ އެވެ. ޖާބިރު ވަނީ މާލޭގެ ހުރިހާ މެމްބަރުން ރައްޔިތުންގެ ހައްގުގައި ތެދުވެ ވާހަކަ ދެއްކެވުމަށް ވެސް ގޮވާލައްވާފަ އެވެ.

ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދު ކުރިއަށްދާ ނަވާރަވަނަ މަޖިލީހުގެ ދައުރުން ބޭރުގެ ދެވަނަ ޖަލްސާއަށް ބަލައިގަތީ 50 މެމްބަރުންގެ ވޯޓާ އެކުގަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑި ފެތުރި ހަތަރު ގުދަނަކާއި، ހަތް ގެއެއް އަނދައި ހުލިވި އެވެ. އެ ހާދިސާގައި އެކަކު މަރުވިއިރު، 50 އަށް ވުރެ ގިނަ މީހުންނަށް ދުމުގެ އަސަރު ކުރި އެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ހިޔާލު

ޒަކީ

މީނާއަކީ ކޮންމެ ވެރިކަމެއްގައި އަޑު ގަދަކޮށް އުޅޭ މީހެއް.ޕްލޭންހަދަން ކިޔާ ނުދިނީ ކީއްވެ.ފައްކާ ރޯނު އެދުރެއް.