Cargo ferry ge hidhumath 60 dhuvahuge therey fashaanan: India
image
0 ކޮމެންޓް
 

ކާގޯ ފެރީގެ ހިދުމަތް 60 ދުވަހުގެ ތެރޭ ފަށާނަން: އިންޑިއާ

ރާއްޖެއާއި އިންޑިއާއި ދެމެދު ފަށާ ކާގޯ ފެރީގެ ހިދުމަތް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގަ ފަށާނެކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ ފަރާތުން މިކަން ހާމަކުރީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖެއާއި އިންޑިއާއި ދެމެދު ކާގޯ ފެރީ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

"ރައީސް ސާލިހް ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅަކީ، ރާއްޖެއާއި އިންޑިއާގެ ގުޅުމުގައި އައު އުސްމިންތަކެއް ޙާސިލކުރަމުންދާ ދުވަސްވަރެއް،" ސަފީރު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ފަށާ ކާރގޯ ފެރީ ނިޒާމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް ވެސް އިންޑިއާ ސަފީރު ވިދާޅުވިއެވެ.

"މި މަސައްކަތް ބާރު ސްޕީޑެއްގަ މިދަނީ ކުރަމުން. ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް ހަދާ މި މަސައްކަތުގެ ފައިނަލް ރިޕޯޓުވެސް މިހާރު ވަނީ ތައްޔާރުކޮށްފަ،"


ރާއްޖެއަށް މުދާ އެތެރެކުރުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބޭނެކަން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މި ނިޒާމުގެ ސަބަބުން ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށްވުރެ ކުޑަ އަގެއްގައި މުދާ އެތެރެކުރެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ.
ހިޔާލު