Vaahaka: Tikaanaa
image
ވާހަކަ: ޓިކާނާ-
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ވާހަކަ: ޓިކާނާ

(ހަތަރުވަނަ ބައި)
ފުން ވިސްނުމެއްގެ ތެރެއަށް ގެނބިފައި ހުރެގެން ހަނީފު އޮފީހަށް ވަނެވެ.
"މޫނުމަތީގައި މާޔޫސް ކަމުގެ ސޭލް އަޅުވައިގެންތަ މިއަދު ތި އައީ؟" ހަނީފުގެ ރަހުމަތްތެރި، ސިރާޖަށް ހަނީފު ފެނުމާއެކު ބުނެލެވުނެވެ.
"ނޫނޭ. ހަމަ ވަރަށް ސަޅި،" ހަނީފު ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. "ރޭ މާ ލަހުން ނިދުނީމަ އަދި ނިދި ހަމަ ނުވާތީ ފެންނަ ގޮތެއްތި."
"އަނެއްކާ ރޭ ކަންތައް ގަނޑެއް ހިނގީތަ؟" ސިރާޖު ދިމާކޮށްލުމުގެ ރާގުގައި ބުނެލިއެވެ.

"އެހެންނެއް ނޫން. ފާޑެއްގެ ހުވަފެނެއް ފެނިގެން ހޭލެވުނު ގޮތަށް އެކަމާ ވިސްނަން އޮއްވާ ނިދި އުދުހިގަތީ." ހަނީފު ހޭންފެށިއެވެ.
"ތިވާނީ ބޮޑު ހުވަފެނަކަށްތާ. ހަނީފުގެ ނިންޖާ ކުޅެލެވޭނީ ވަރަށް ވަރުގަދަ ހުވަފެނަކަށް. ތިއީ އެއަށް ވުރެ މާ ވަރުގަދަ މީހެއް."
"ހުވަފެނުގެ ޒާތުން ހަމަ ވިސްނެނެވީ." ހަނީފުގެ މޫނު މަތިން އަބުއި ކަމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

"ކުރުކޮށް ކިޔައިލަބަލަ ވީ ގޮތެއް، މަށަށް ވެސް ތައުބީރުކޮށްދެވިދާނެ ކަން ނޭނގެ." ސިރާޖު ވެސް ހަނީފުގެ ވާހަކައިގެ ތެރެއަށް ގެނބެމުން ދިޔައެވެ.
"ބައްޕައާއި ބަފާބެޔާ، ރަށުގެ ދެތިން ކުދީން ފަރުމަހަށް ގޮސް އުޅެނިކޮށް، ކަނޑުގަދަވެގެން ރަށަށް ދާން ފުރިއިރަށް ރިސޯޓުން އައި ލޯންޗެއްގަ ޖެހުނީ،" ހަނީފު ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެއީ ފުރަތަމަ ފެނުނު ބައި."

"ދެން؟" ސިރާޖުގެ މޫނުމަތީން އަބުއިކަން ފާޅުވާ މިންވަރު އިތުރުވިއެވެ.
"ހޭލެވުނީމަ އެކަމާ ވިސްނަން އޮއްވާ އިރުގަނޑެއް ފަހުން ނިދުނީ."
"ފަހު ބައިގައި ވެސް އެ ހުވަފެނުގެ އަނެއް ބައިތަ ފެނުނީ؟" ސިރާޖު ބަލައިލީ ހަނީފުގެ މޫނަށެވެ.

ހަނީފު ވެސް ސިރާޖާ ދިމާއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ. އޭރު އޭނާގެ ދެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުންދާ މަންޒަރު ފެންނަމުން ދިޔައެވެ.
"ލޯންޗު ޖެހުމުން، ޑިންގީ ވިއްސައިގެން ދިޔައީ. ޑިންގީ ފަޅިފަޅިވެގެން. ލޯންޗުގައި ޖެހުނީ ސާރާގެ ބައްޕަ އިން ފަޅީ. އޭނާ އިނީ ޑިންގީގެ މެދުގައި. އެންމެން އެކި ދިމަދިމާއަށް ބުރަބުރައިގެން ދިޔައީ،" ހަނީފު ފުން ނޭވާއެއް ދޫކޮށްލިއެވެ. "ދެން ފެނުނީ ސިއްހީ މަރުކަޒަށް އެންމެން ޖަމާވަމުން ދިޔަ މަންޒަރު. އަހަންނަކަށް ނޭނގުނު އަހަރެން އެންމެން ފަހަތުގައި ހުންނަން ޖެހުނު ސަބަބެއް. މީހުންތަކުގެ ތެރެއިން ފުރޭނެމުން، ނެއްޓެމުން އައިސް މަރުކަޒު ތެރެއަށް ވަދެ ވޯޑާ ދިމާއަށް ދުއްވައި ގަނެވުނު. ފެނުނު މަންޒަރުން އަދި ވެސް ބޯ ސަކަރާތް ވެފަ މި އިންނަނީ. އެކަމާ އަސްލު މި ވިސްނެނީ ވެސް."

"ކޮން މަންޒަރެއް؟ ކިޔައިބަލަ. ކިޔައިދިނީމަ ވެސް ހަމަޖެހުމެއް ލިބިދާނެ." ސިރާޖު ލަފާ ދިނެވެ.
"އަހަންނަށް ފެނުނީ ޗިސްޗިސްވެފައި އޮތް ހަށިގަނޑެއް. ކާކުކަމެއް ސާފެއް ނުވޭ. މޫނުގެ އެއްފަޅި ވެސް ނެތް. މުޅި މޫނު އޮތީ ޗިސްޗިސް ވެފަ. ކަނާއަތް ފަރާތު ކޮނޑާއި ދިމާ ވެސް އޮތީ އެއްކޮށް ޗިސްޗިސް ވެފަ. އެމީހާ ބާއްވާފައި އޮތް އެނދުގައި ވެސް ހުސް ލޭ. ޖެހިގެން ހުރި އެނދަށް ބަލައިލެވުނު އިރު، އާދިލް އޮތް. އޭނާގެ އެއްވެސް ހަރަކާތެއް ވެސް ނެތް. އާދިލްގެ މޫނުމަތިން އެއްވެސް ގެއްލުމެއް ލިބިފަވާކަމެއް ފާހަގައެއް ނުކުރެވޭ. ނަމަވެސް ލޭގެ އަސަރު މޫނުމަތިން ފެންނަން ހުރި. އޭނާގެ އުނަގަނޑުން ތިރި ނެތް. އާދިލް ބާއްވާފައި އޮތް އެނދާ ޖެހިގެން އޮތް އެނދުގައި އޮތީ ބައްޕަކަން ޔަގީންވި." ހަނީފުގެ ލޮލުން ކަރުނަ ހިލެމުން، ލޮލުތެރެއަށް ކަރުނަތައް ގިނަވަމުން ދިޔައެވެ.

"ސާރާ ބައްޕަތަ ކުރިން ފެނުނީ؟" ސިރާޖު އަހައިލިއެވެ.
ހަނީފު ބޯ ޖަހައިލިއެވެ.
"އެންމެން މަރުވީތަ؟" އަނެއްކާ ވެސް ސިރާޖު އަހައިލިއެވެ.
"ނޫން. ސަލާމަތްވީ އަހަންނާއި ހަސަނާ." ހަނީފު ގަދަކަމުން ހިނިތުންވެލިއެވެ.

"ތިކަމާ މާ ބޮޑަށް ނުވިސްނާ. ހުވަފެނަކީ ބައެއް ފަހަރު އަހަރުމެންނަށް ލިބޭ މެސެޖެއް. އަނެއް ބައި ފަހަރު އެއީ ހަމަ ބިލާހެއް." ސިރާޖު އޯގާތެރިކަމާއެކު ބުނެލިއެވެ.
"އަހަންނަށް ވެސް މި ވިސްނެނީ ތިކަމާ،" ހަނީފު ފުން ނޭވާއެއް ދޫކޮށްލިއެވެ. "އާއްމުކޮށް އަހަންނަށް ފެންނަ ހުވަފެން ދިމާވަނީ އިދިކޮޅަށް. އެހެންވެ އެކަމާ މި ވިސްނެނީ."

"މާ ބޮޑަށް ހާސް ނުވޭ ހިނގާ މަސައްކަތައިގެން އުޅެން. އޭރުން ތިކަން ބޮލުން ލުހިގެން ނުކުމެދާނެ." ސިރާޖު ކޮޅަށް ތެދުވިއެވެ.
ސިރާޖުގެ ފަހަތުން ހަނީފު ވެސް ހިނގައިގަތެވެ.

"ކޮންތާކަށް ތި ދަނީ؟" ސިރާޖު ބާރަށް ގޮވައިލިއެވެ.
"ހިނގާބަލަ ކޮފީއަކަށް. މިހާރު ދޭއް ޖަހަނީ. ހެނދުނު ކޮފީއެއް ބުއި ގޮތަށް މި އުޅެނީ. ވަރަށް ހައި ވެސް ވެއްޖެ." ހަނީފު އަތުގައި އޮތް ރެންޗު ފޮށި ކައިރީގައި ހުރި މޭޒުމަތީގައި ބޭއްވިއެވެ.

ސިރާޖު ވެސް އަތް ސާފުކުރަން ގެންގުޅޭ ފޮތިގަނޑުން އަތް ސާފުކޮށްލަމުން ހަނީފާ ދިމާއަށް ހިނގައިގަތެވެ.
"ސާފު ވެލައިގެންނެއްނު ދެވޭނީ. ކޮފީއަކުން ނިންމާލެވޭ ވަރަށް ވުރެ މާ ހައިވެފަ މި ހުރީ." އަތުގައި ހުރި ތެޔޮތައް ސާފުކުރަމުން ސިރާޖު ބަލައިލީ ހަނީފުގެ މޫނަށެވެ.
"އާނ. އަހަރުމެން ކަޅުތެލާއި، އަޑީތެލާއި ޒާތްޒާތުގެ ތެޔޮތަކުގައި އަތް އުނގުޅުނަސް، ހަށިގަނޑަށް އެ ޒާތުގެ ތެޔޮ އެތެރެ ކޮށްގެން ނުވާނެ." ހަނީފު ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.

"އޭ މަށާ ދިމާކުރަނީދޯ،" ސިރާޖު ލާނެތް ރާގެއްގައި ބުނެލިއެވެ. "ހަނީފުގެ ހިތްވަރުންނޭ މަށަށް މިހެން މި ހުރެވެނީ."
"ދިމާ ވެސް ކުރަން ޖެހޭނެ. ބިޓެއް ކަޓާ އިރަށް އަވާމެންދުރު ފެންނަންޏާ ކޮބައި ސަލާމަތެއް. އަނެއްކާ ބިޓެއް ސަމުސަލަށް އަރާއިރަށް ނަފުސު ވަޔަށް ކެހެންޏާ ކޮބައި ކޮބާ އަމާންކަމެއް." ހަނީފު ލައިގެން ހުރި ޖެކެޓު ބޮލުން ނައްޓައިލިއެވެ.

"ތެޔޮތަކުގެ ތެރޭގައި އުނގުޅުނަސް އެތެރެއަށް އެންމެ ތެޔޮ ފޮދެއް ވެސް ދެން ނުވަންނާނެ. އެވަރަށް ގަޓު ހުންނާނެ މިހާރު." ސިރާޖު ހޭންފެށިއެވެ.
"އާން އަހަރުމެން ކިތައްމެ ހަޑި މަސައްކަތެއް ކުރިޔަސް އަހަރުމެންނަށް ލިބޭ ލާރިއަކުން އެކަމެއް ނުފެންނާނެދޯ." ހަނީފު ވެސް ހޭންފެށިއެވެ.
"އަދި ގެންގުޅޭ ކުދީން ވެސް ހަޑިއެއް ނުވާނެ ދޯ." ސިރާޖު ވެސް ބާރުބާރަށް ހޭންފެށިއެވެ.

މުޅި މާހަލުން އިވެމުންދިޔަ މަސްނޫއީ ތަކެތީގެ ބޫންއަޑުގެ މައްޗަށް ދެމީހުންގެ ސަކަރާތުގެ އަޑު ގަދަވަމުން ދިޔައެވެ.
"ކޮބައި އަދިވެސް ނިމޭ ވަރެއް ނުވޭ؟" ހަނީފު ބަލައިލީ ސިރާޖަށެވެ.

"ނޫނޭ އެއްޗެހި ބަދަލުކޮށްލީމަ އެ ނިމުނީ. މީހުންގެ ތެރެއަށްދާއިރު ސާފުކޮށްތާ ދާންވަނީ ދޯ." ސިރާޖު ޓީޝަރޓު ގަޔަށް ހެޔޮވަރުކޮށްލިއެވެ.
ސިރާޖުއާއި ހަނީފު އެމީހުންގެ މަސައްކަތު މާހައުލުން ނިކުތެވެ.

"އެބަ ހިތަށް އަރާ މި މަސައްކަތް ދޫކޮށްލައިފަ ވިޔަފާރީގެ ތެރެއަށް ވަންނަންވީއޭ." ހަނީފު ޖީބުން ފޯނު ނެގިއެވެ.
"އާނ، އަސްލު ހަނީ މެން ދެން ތެލުން ސަލާމަތްވާންވީއޭ. އަނެއްކާ ސާރާ ވެސް ބޭނުމެއް ނުވާނެ ފިރިމީހާގެ އަތުގައި ކަޅު ތެޔޮ އުނގުޅޭކަށް ދޯ." ސިރާޖު ދިމާކޮށްލިއެވެ.

"ކަލޯ ގެޔާ. ހާދަވަރަކަށް ގުޅައިފަ. ސަތޭކަ ސާޅީސް ހަ މިސްކޯލް،" ހަނީފު ހުއްޓުނެވެ. "ލޭންޑް ލައިންއަކުން ވެސް އެބަ އޮތް ސާޅީސް ހަ މިސްކޯލް. ސާރާ ބައްޕަ ވެސް، ސާރާ ބޭބެ ވެސް!"
"ފޯނު ނިއްވާލައިފަތަ ބޭއްވީ؟" ސިރާޖު ވެސް ހުއްޓުނެވެ.

"ނޫން. ވައިބުރޭޓަށް ލައިފަ ޖީންސްގެ ޖީބުގަ އޮތީ. އިންޖީނު ރޫމަށް ވަންނަމުން އެއްޗެހި ބަދަލުކުރި އިރު، ޖީންސުގެ ޖީބުގަ ފޯނު އޮތީ." ހަނީފު ދާހިއްލަން ފެށިއެވެ.

ހަނީފުގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ދައުރުކުރަމުން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ނޭވާ ކުރުވެ ހާސްކަން އިތުރުވަމުން ދިޔައެވެ.
"ސާރާ ބައްޕައަށް ގުޅައިބަލަ. ގުޅީމައެއްނު އެނގޭނީ." ސިރާޖު ލަފާދިނެވެ.

(ނުނިމޭ)
ހިޔާލު

އަސްލޭ

ވަރަށް ރިއަލް... ވަރަށް ހާޓް ޓަޗިން