REPORT: AC thakun fenn feybun, manaa ekamaku huhdha kameh!?
image
މަގުމަތީގައި ހަރުކޮށްފައި ހުރި އޭސީތަކުން ފައިބާ ފެނުން މަގުގައި ފެން ހެދިފައި--
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

އޭސީތަކުން ފެން ފޭބުން: މަނާ އެކަމަކު ހުއްދަ ކަމެއް!؟

ދުވަހަކީ ވަރަށް މޫސުން ރީތި ދުވަހެކެވެ. އެހެން ދުވަސްތަކާ އެއްފަދައިން މިއަދު ވެސް އޮފީހަށް ދާން ނިކުތީ 08:20 ގައެވެ. އެގަޑިއަކީ މަގުގެ ޕޭމެންޓު މަތީގައި ވެސް އެހާ މީހުން ގިނަ ގަޑިއެއް ނޫނެވެ. ނަމަވެސް މަގުމަތީގައި ހިނގާފައި ދާއިރު ދޭ ސަމާލުކަން އެތަނުގައި ހިނގާފައި ދާއިރު ވެސް އެބަ ދޭން ޖެހެއެވެ. ސައިކަލެއް އައިސް ޖައްސަފާނެތީއެއް ނޫނެވެ. ގެތަކުގައި ހަރުކޮށްފައި ހުންނަ އޭސީތަކުން ގަޔަށް ފެން ތިކި ޖަހާ، ނުވަތަ އޭސީތަކުން ފައިބާ ފެނުން ހެދިފައިވާ "ކޯރަކަށް" ވެއްޓި ދާނެތީ އެވެ.
މީއީ އަޅުގަނޑަށް އެކަނި ދިމާވާ މައްސަލައެއް ނޫނެވެ. މިއީ މާލޭ މަގުގެ ޕޭމެންޓު މަތީގައި ހިނގާ އެންމެންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އެވެ. އެ ޖަހާ ފެންތިކިން ސަލާމަތް ވާން ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރަން ޖެހެ އެވެ. ކިތައްމަ މަސައްކަތެއް ކުރިޔަސް، އޭސީގެ ފެންތިއްކަކުން ސަލާމަތް ވެވޭނީ މަދު ފަހަރަކު އެވެ.



"އަބަދުވެސް ޖެހޭ މައްސަލައެއް މިއީ އަސްލު. ކިތަންމެ ބަލައިގެން ދިއަސް އެ ފެންތިކިތަކުން ސަލާމަތެއް ނުވެވޭނެ. އާންމުކޮށް އަދި މަޖީދީ މަގުގައި ހުންނަ އޭސީތަކުން ފެން ފައިބާނީ ވެސް. މިކަމަށް އަވަސް ހައްލެއް ބޭނުން،" ސީއެންއެމް އަށް މައުލޫމާތު ދެމުން މީހަކު ބުންޏެވެ.

"ވަރަށް ބޮޑުވެއްޖެ ކަމެއް މިއީ، ހަމަޖެހިލައިގެން ޕޭމެންޓު މަތިން ހިނގާވެސް ނުލެވޭ. އެއްކޮޅުން ޖަހާ ފެންތިކިން ސަލާމަތްވާން އަނެއް ފަރާތަށް ޖެހުމުން އަނެއްކާ އަނެއްކޮޅުން ވެސް ފެންތިކި. މިއީ ގަވައިދާ ހިލާފު ކަމެއް އަސްލު، ފިޔަވަޅު އަޅަން ޖެހޭ އެބަ،" އިތުރު މީހަކު ބުންޏެވެ.



"ވަރަށް ރެޑީ ވެގެން ދާއިރުވެސް ބޮލަށް ފެންތިއްކެއް ޖަހާފާނެ. މައްޗަށް ބަލާއިރު ހީވަނީ ކުޅުތިއްކެއް ޖަހާހެން. އާންމުކޮށް މީހުން ކުޅުތިކިވެސް ޖަހާ ވިއްޔަ އެހެން ދާއިރު. ދެން ދާން މި ޖެހެނީ ފަކުރުން އެދާން ޖެހޭ ތާކަށް. ވަރަށް ފޫހިވޭ،" އިތުރު މީހަކު ބުންޏެވެ.



އޭސީ މަގުމަތީގައި ހަރުކުރުމަކީ މަނާ ކަމެއް:

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވީ މަގުމައްޗަށްވާ ގޮތަށް އިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ އޭސީތަކުން ގަޔަށް ފެންތިކި ޖެހުމަކީ އެންމެ ގިނައިން ކައުންސިލަށް ލިބޭ އެއް ޝަކުވާ ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި އެއީ ކުރިން ފެށިގެން ވެސް ގާނޫނާއި ގަވާއިދާއި އުސޫލު ހެދިގެން، ޖޫރިމަނާ ކުރެވޭނެ މިންގަނޑުތަކެއް ވެސް ކަނޑައަޅާފައިވާ މައްސަލަ އެކެވެ. އެކަމަކު އެކި ސަރުކާރުތަކުގައި އެކަށީގެންވާ މިންވަރަށް ކަންކަން ތަންފީޒު ކުރަމުން ނުދާތީ މައްސަލަ ބޮޑުވެގެން ގޮސް، މިއަދު އާއްމުންނަށް ތުރާލަކަށް ވެފައި ވަނީ އެވެ.

ގިނަ އާއްމުންނަށް އެއީ މަނާ ކަމެއް ކަން ވެސް ނޭނގެނީ އެވެ. ގާނޫނާއި ގަވާއިދުތަކާއި އުސޫލުތައް ހެދިފައި ހުރި ނަމަވެސް، އެކަންކަން ރަނގަޅަށް ތަންފީޒު ނުކޮށް، ރަނގަޅު މޮނިޓަރިން މެކޭނިޒަމެއް ނެތް ނަމަ ވާނީ ވެސް އެހެންނެވެ. ކޮށްގެން ނުވާނެ ކަންކަން ވެސް، މައްސަލައެއް ނެތް ކަމެއް ކަމުގައި އެންމެ ބަލައިގަންނާނީ އެވެ.



ޒަމީރު ވިދާޅުވީ އިމާރާތުގެ އިމުން ބޭރަށް އެއްވެސް އެއްޗެއް ހަރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެގޮތުން އެކަމަށް ގަވާއިދު އެބަހުރި ކަމަށާއި ޖޫރިމަނާ ކުރާނެ ގޮތްތައް ވެސް އެބަހުރި ކަމަށެވެ.

"އިމާރާތެއްގެ އިމުން ބޭރަށް، ކަނޑައެޅިގެން އޭސީއޭ ލިޔެފައި އިންނާނެ ގަވައިދުގައި، އޭސީއެއް ހަރުކުރުމަކީ މަނާ ކަމެއް. ފުރަތަމަ ފަހަރު ޖޫރިމަނާއެއްގެ ގޮތުގައި 500 ރުފިޔާ ނެގޭނެ ކަމަށް ވެސް ލިޔެފައި އެބަވޭ،" ޒަމީރު ވިދާޅުވި އެވެ.



އެހެން ނަމަވެސް އެކަންތައްތައް އަޅާނުލެވި ދޫކޮށްލެވިފައި އެތައް ޒަމާނެއް ވީމާ ސަރުކާރުގެ އިމާރާތްތަކުގައި ވެސް ބޭރުގައި އޭސީތައް ހަރުކުރެވިފައިވާ ކަން ފާހަގަ ކުރައްވަމުން ޒަމީރު ވިދާޅުވީ އެކަންތައްތައް ހައްލު ކުރަން ނިކުންނައިރު ގިނަ ގޮންޖެހުންތަކެއް މިހާރު އެބަ ހުރި ކަމަށެވެ.

"ކުއްލިއަކަށް ހުއްޓުވައެއް ނުލެވޭނެ، އެހާ ގިނަ ދުވަސް ވަންދެން ކަމެއް އާންމުވެފަ އޮތީމަ، އެހުރީ އެތައް ބައިވަރު އިމާރާތްތަކެއްގަިއ ބޭރުގައި އެސީ ހަރުކުރެވިފައި، އެކަމަކު އެއީ ހަރު ނުކުރެވޭނެ އެއްޗެއް، ކޮށްފިއްޔާ ޖޫރިމަނާ ވެސް ކަނޑައެޅޭ، އެކަމަކު ކުއްލިއަކަށް ކިހިނެތްތޯ އަޅުގަނޑުމެން އެ ހުރިހާ އިމާރާތެއްގެ ބޭރުގައި ހުރި އޭސީތައް ޖޫރިމަނާ ކޮށް އެކަން ހުއްޓުވާނީ،" ޒަމީރު ވިދާޅުވި އެވެ.



ޒަމީރު ވިދާޅުވީ އެކަމާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ޝަކުވާ އަންނަ ތަންތަނުގެ ވެރިން ހާޒިރުކޮށް އެމީހުންނަށް ލިޔުމުން ވެސް އެއީ މަނާ ކަމެއް ކަން އެންގުމަށް ފަހު އެކަން އިސްލާހު ކުރުމަށް އަންގާފައި ވާނެ ކަމަށެވެ.

ގޮންޖެހުންތަކާ އެކުވެސް އެކަންތައްތައް ހައްލުކުރަމުންދާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

މާލޭ ސިޓީއަކީ 140،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ތަނެކެވެ. ތިއްޖެހިފައިވާ މި މާހައުލުގައި މިފަދަ އެތައް މައްސަލައެއް އެބަ އޮތެވެ. މިއީ ވަގުތުން ވަގުތަށް ހައްލު ކުރެވޭނެ މައްސަލައަކަށް ނުވި ނަމަވެސް މިހާރުން ފެށިގެން މަސައްކަތް ކޮށްފި ނަމަ، މުސްތަގުބަލުގައި ހެޔޮ ނަތީޖާ ފެންނާނެ އެވެ.

މިއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. ރައްޔިތުންގެ އަމިއްލަ ޒިންމާވެސް ބޮޑެވެ. ވަކިވަކި ފަރުދުންނަށް ވާ ފައިދާއަށް ވުރެ، މުޅި މުޖުތަމައަށް ލިބޭ ގެއްލުން ބޮޑު ނަމަ، އެކަމެއް ކުރުމުން ކޮންމެ މީހަކު ވެސް ދުރުހެލިވާން ޖެހެ އެވެ. އަދި ހެދިފައި ހުންނަ ގަވާއިދުތަކަށް ބޯލެނބުމަކީ އެންމެންގެވެސް ޒިންމާއެކެވެ.
ހިޔާލު

ާކޮލެޖް ބޯއި

ނުކެރޭނެ އެއްކަމެއްވެސް ކުރާކަށް. ހަރުކުރިއަސް ކުރެވޭނީ ކީއް

މިހާދު

މުއްދަތެއް ދީފަ 10،000 ޖޫރިމަނާ ފީ އަކަށް ހަދާ