REPORT: Dr. Afraasheem avahaara kohlithaa 7 aharu, insaafu koba?
image
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ--
0 ކޮމެންޓް
 

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ހަތް އަހަރު: އިންސާފު ކޮބާ؟

އެއީ މީގެ ހަތް އަހަރު ކުރި އެވެ. ދަންވަރުގެ ވަގުތުގައި ނިދީގައި އޮއްވާ ފޯނަށް އައި މެސެޖަކާއެކު ހޭލެވިއްޖެ އެވެ. އެއީ އެކުވެރި ނޫސްވެރިއެއްގެ މެސެޖެކެވެ. އެ މެސެޖު ފެނުމާއެކު ލޮލުގައިވާ ނިދި ފިލައިފި އެވެ. ފުންމައިގެން ކޮޅަށް ތެދުވެ، އަވަހަށް ހަބަރުތައް ބަލަން ފެށުމާއެކު އެއީ ތެދުކަން ޔަގީންވެއްޖެ އެވެ. އެ ދަންވަރުގެ ވަގުތުގައި ނިދިން ހޭލައްވާލި މެސެޖުގައި އޮތީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލައިގެން އުޅޭ ވާހަކަ އެވެ.
ޑރ. އަފްރާޝީމްގެ ހަނދާން އާ ކޮށްލަމާ ހިނގާށެވެ. އެއީ މަޑުމައިތިރި މިޒާޖެއްގެ، ބަސްމަދު ބޭފުޅެކެވެ. ކޮންމެ ކަމެއްގައި ވެސް އިސްކުރެއްވީ މެދުމިނެވެ. ދީނީ އިލްމުވެރިއެއްގެ ގޮތުންނާއި، ސިޔާސީ ބޭފުޅެއްގެ ގޮތުގައި ވެސް މެއެވެ. އެ މަޑުމައިތިރި މިޒާޖުގެ ސަބަބުން އެތައް ބައެއްގެ އިހުތިރާމާއި ގަދަރު ލިބިވަޑައިގެންނެވި އެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކެންޑިޑޭޓަކަށް ވާނީ ޑރ. އަފްރާޝީމް ކަމަށް އަޑު ފެތުރެމުން ދިޔައީ ވެސް އާއްމުންގެ އިތުބާރު ލިބިފައިވާ މިންވަރު ބޮޑުކަމުންނެވެ.

އެގޮތަށް ދުވަސްތައް ދަނިކޮށް އައީ 1 އޮކްޓޯބަރު 2012 އެވެ. ރޭގަނޑު ޓީވީއެމްގައި ކުރިއަށް ދިޔަ ދީނީ ޕްރޮގްރާމެއްގެ މެހެމާނެއްގެ ގޮތުގައި ޑރ. އަފްރާޝީމް ބައިވެރިވެވަޑައިގެންނެވި އެވެ. ޓީވީއެމްއާ ޑރ. އަފްރާޝީމް ދިރިއުޅުއްވާ ގެއާ ހުންނަނީ މާ ދުރުގައެއް ނޫނެވެ. އެހެންކަމުން ޕްރޮގްރާމް ނިމުނުތާ ގިނައިރުތަކެއް ނުވެ ގެއަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަންވަރު 12 ޖަހައިގެން ދިޔައިރު ވެސް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެވަޑައެއް ނުގަންނަވެ އެވެ.

ޑރ. އަފްރާޝީމް ދިރިއުޅުއްވާ ގޭގެ ތެރެއަށް ވަނުމާއެކު ހަމަލާދީ ގަތުލުކޮށްލީ އެވެ. ރަހުމުކުޑަ ގޮތަކަށް ހަމަލާދީ ގަތުލުކޮށްލިއިރު އުމުރުން އެންމެ 46 އަހަރެވެ. އޭގެ ފަހުން މިހާރު ހަތް އަހަރުވީ އެވެ. އެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައި ވަނީ ހުސެއިން ހުމާމަށެވެ. މީގެ ތިން އަހަރު ކުރިން ސުޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދުކޮށްފައި ވާއިރު، ޑރ. އަފްރާޝީމްގެ އާއިލާއިން އެދިފައި ވަނީ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށެވެ.

އޭރުގެ އުއްތަމަ ފަނޑިޔާރަށް ޑރ. އަފްރާޝީމްގެ ބައްޕަ އާއި ބޭބެ ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ފުރިހަމަ ނުވާ ތަހުގީގަކަށް ފަހު ސުވާލު އުފެދޭ އެތައް ކަމެއް އޮއްވާ މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން އެ ގަތުލަށް ފަންޑު ކުރި ބަޔަކު ތިބި ކަމަށް ފުލުހުން ބުނާއިރު، އެކަމުގެ ފަހަތުގައިވާ މީހުން ނޭނގި ތިބެ، ހުމާމުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުން ނުވާ ކަމަށް އެ ސިޓީގައި ވެއެވެ.

މިއަދު އެ ގަތުލަށް ހަތް އަހަރު ވެފައި ވާއިރު، އިންސާފު ކޮބައި ހެއްޔެވެ؟ ހުމާމަކީ އަމަލީ ގޮތުން އެކަން ހިންގި ފަރާތް ނަމަ، އެކަމުގެ ފަހަތުގައިވާ ރޭވުން ރާވާ، ފައިސާ ދިން ފަރާތްތައް ކޮބައި ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް އާއްމުން އަދިވެސް އަންނަނީ އަޑު އުފުލަމުންނެވެ. އަދި ޖަވާބެއް ނުލިބި ތިބި ޑރ. އަފްރާޝީމްގެ އާއިލާއިން ވެސް ދަނީ ޖަވާބު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.









ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރުތައް ބަލާ ކޮމިޝަނުން އެންމެ ފަހުން ބުނީ ޑރ. އަފްރާޝީމް މައްސަލައިގައި ތަހުގީގު ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލް ރިޕޯޓު މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައީސަށް ލިބުނު ކަމަށް އެމަނިކުފާނު ވެސް ވިދާޅުވި އެވެ.

"ޑރ. އަފްރާޝީމް މައްސަލައިގައި ވަރަށް ތަފްސީލު ރިޕޯޓެއް އަޅުގަނޑަށް ލިބިފައި އެބައޮތް، ހަމަ އެއާއެކު [ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާން] ރިލްވާން މައްސަލައިގައި ވެސް ރިޕޯޓެއް އަޅުގަނޑާ ހަމައަށް އައިސްފައި އޮތީ،" ރައީސް ވިދާޅުވި އެވެ.

ރިލްވާން މައްސަލައިގެ ގިނަ މައުލޫމާތުތަކެއް އާއްމުކޮށްފައި ވާއިރު، ޑރ. އަފްރާޝީމް މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އާއްމުންނަކަށް ނޭނގެ އެވެ. ކެތްތެރިކަމާއެކު އިންސާފަށް އެދިއެދި ތިބި އެތައް ދިވެހިންގެ އުއްމީދަކީ ޑރ. އަފްރާޝީމަށް ވެސް އިންސާފު ލިބިގެން ދިޔުމެވެ.
ހިޔާލު