VAAHAKA: Shakuwa
image
އައިމިނަތު ފަޒްނާ ރަޝީދު
1 ކޮމެންޓް
 

ވާހަކަ: ޝަކުވާ

ޝަކުވާ(3 ވަނަ ބައި)
ދައްކަމުން ދިޔަ ފުޓްބޯޅަ މެޗަށް ގެއްލި ހުސްވެފައި އޮތް އިމާޒު ސިހުނީ ކުއްލިއަކަށް މަންމައާއި ބައްޕަގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށް ފަހު ނުކުތް މަންމަ ފެނުމުންނެވެ.

މަންމައަށް ވެސް އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށް ތެދުވަން އެނގުނީ މިއަދު ހެއްޔެވެ؟ އަދި ގައިމު ވެސް ނަވްޔާމެންނަށް ސައިހަދައި ނުނިންމޭނެކަން އިމާޒަށް އެނގެއެވެ.

"މަންމާ!." މަންމަގެ މިސްރާބު ހުރީ ބަދިގެއާ ދިމާއަށް ކަން އެނގުމުން ހާސްވެފައި އިމާޒު ގޮވައިލިއެވެ.

"ކިހިނެއްވީ؟" އަނބުރާލައިފައި އައިސް އިމާޒު ގާތަށް ހުއްޓެމުން ނަސީމާ އެހިއެވެ.

"މަންމާ، ނިކަން މި ފައިގައި ތެޔޮ ކޮޅެއް ދަމާ ދީބަލަ. މި އުޅެނީ މިއަދު ކުޅެން ދިޔަ ފަހުން ތަދު ވާ ވަރުން."

އިމާޒު ކަނާތު ފައި ދައްކާލަމުން ބުންޏެވެ. އިމާޒުގެ ފަޔަށް ބަލައިލުމަށްފަހު ނަސީމާ އެނބުރި ކޮޓަރިއަށް ދިޔައެވެ. އިރުކޮޅެއް ނުވެ ތެޔޮފުޅިއެއް ހިފައިގެން ނުކުމެ ސޯފާގައި، އިމާޒުގެ މަގަތުން އިށީނދެ ހަމަޖެހިލިއެވެ.

"ކިތައް ދުވަހު ބުނާނީ ކުޅެން ނުދާށޭ. އަޑެއް ނާހާނެ. ދޮންބެ ވެސް އެ ހުންނަނީ ނު. އަބަދު ތިހެން ނޫޅެއެއްނު." ނަސީމާ ބުންޏެވެ.

"އެހެންވެއޭ ދޮންބެ ޗަސްކޮށް އެ ހުންނަނީ. މަންމައަށް ފެނެއެއްނު ދޮންބެގެ ބަނޑު. ބައެއް ފަހަރު މަ ހިތަށްއަރާ ބަނޑަށް ހަތަރު މަހުގެ ދޮންބެދައްތަގެ ބަނޑުބާވައޭ ބޮޑީ ނޫނީ ދޮންބެގެ ބާވައޭ." ހެވިފައި އޮވެ އިމާޒު ބުންޏެވެ.

"އެއްޗެކޭ ބުނާކަށް ނުވާނެ މި މާޒް ގާތަކު." ނަސީމާ ތެޔޮ އުނގުޅަމުން ބުންޏެވެ.

"މަންމަ، ކީއްވެތަ މާ އަވަސް އަރުވާލާފައި ތި އުޅެނީ. އަޅެ ތަންކޮޅެއް ގިނައިރު އުނގުޅާ ދީބަލަ. މަންމަގެ އަތް ޖެހުނީމާ ހާދަ ހިތްހަމަޖެހެއޭ." ނަސީމާ ތެޔޮހާކައި ނިންމާލަން އުޅޭހެން ހީވެގެން އިމާޒު ބުންޏެވެ.

"މި އުޅެނީ ސައިބޯން ދާން ވެގެން. ނިދާކަށް ވެސް ނޯވެވުނު ބަނޑުހައިވެގެން. އަދި ނޭނގޭ އެ ނީވިޔާ އަކު ތެދުވި ކަމެއް ވެސް." ނަސީމާ ބުންޏެވެ.

"މަންމާ، އޭނައަށް ކިޔަނީ ނަވްޔާ އޭ. ނީވިޔާއެއް ނޫން." އިމާޒު ބުންޏެވެ.

"މަށަށް ހެޔޮ ކޮންމު ކުރީމެކޭ ކިޔަސް." ނަސީމާ އަނގައަށް ވައްތަރެއް ޖައްސާފައި ބުންޏެވެ.

ނަސީމާ ތެދުވަން އުޅެން ފެށުމުން އިމާޒު އަވަސްއަވަހަށް ޓީ.ވީގެ ޗެނަލް ބަދަލުކޮށްލާފައި ސްޓާރ ޕްލަސް އެޅުވިއެވެ. ތެދުވެތެދުވެ ހުރި ނަސީމާއަށް ލަސް ލަހުން އިށީނދެވުނެވެ. އިސާހިތަކު ދައްކަމުން ދިޔަ ޑްރާމާއަށް ގެއްލި ހުސްވި އިރު މޫނަށް އެތައް ކުލަވަރެއް އަރާ ފައިބަމުން ދިޔައެވެ.

ހިނިއައިސްފައި އޮވެ އިމާޒު ފޯނު ނަގާ ހާވަން ފެށިއެވެ. ނަސީމާއަށް އިންތަނުން ހިރިލަން ވެސް އެނގުނީ އެއްގަޑި އިރު ފަހުން ނިޒާރު ނުކުމެ ސައިބޯން ދާކަށް ނުވޭހޭ ބުނުމުންނެވެ. އޭރު އިޔާދާއި އިޔާދުގެ އަންހެނުން، ޝަމްނާ ވެސް ކޮޓަރިން ނުކުންނަނީއެވެ.

އިޔާދާ ކައިވެނިކޮށްގެން ޝަމްނާ އެގެއަށް އައިތާ މިހާރު އަހަރެއް ވަނީއެވެ. އަމިއްލަ ގޭގައި އުޅުނުއިރު ބަދިގެއަށް ވަދެ މަސައްކަތްކޮށް ހެދި ނަމަވެސް މިގެއަށް އައިފަހުން އެއްވެސް ކަމެއް ކުރަން ނުޖެހުމީ ނަސީބުކަމުގައި ޝަމްނާ ދެކެއެވެ. މައިދައިތަގެ ރުންކުރުކަން ދޭތެރެއަކުން ތަޖުރިބާކުރަން ޖެހުނު ނަމަވެސް އަތުންފައިން މަސައްކަތެއް ނުކޮށް ބޭނުން އެއްޗެއް ކައިގެން ބޮއިގެން އުޅުވޭތީ އެއީ މާ ބޮޑުކަމަކަށް ޝަމްނާއަކަށް ނުވެއެވެ.

ނަސީމާމެންގެ ފަހަތުން ޝަމްނާމެން ކާގެއަށް ދާން ހިނގައިގަތުމުން އިމާޒު ވެސް ތެދުވިއެވެ. އޭރު އިމާޒު ބަނޑުހައިވެގެން ގޮސް އަވަދި ވަނީއެވެ. މި އަދު ވީ ގޮތުން ކޮފީތައްޓެއްހާ ހިސާބު ވެސް ނުލިބޭތީ ބޮލަށް ބަރުވެފައިވިއެވެ. ނަސީބަކުން ދިޔައިރު މޭޒު މައްޗަށް ތަރުތީބުކަމާ އެކު ސައި ހަދާފައި ހުއްޓެވެ. އިމާޒު އިށީންތަނާ އަޒްކާ ބަދިގެ ތެރެއިން ދުވެފައި ކަހަލަ ގޮތަކަށް އައިސް ކާގެއަށް ވަނެވެ. ޝަމްނާގެ ގައިގައި ލައިނުގަތީ ކިރިޔާއެވެ.

"އަޒްކާ، ތަންކޮޅެއް ބަލައިގެން އުޅެބަލަ." އިޔާދު ނުރުހިފައި ބުންޏެވެ.

"ސޮރީ ދޮންބޭ." އަޒްކާ ދެރަވެލާފައި ބުންޏެވެ.

"އެއީ ދެން އެވަރު ކަމެއް ނޫނެއްނު." ނަސީމާ ބުންޏެވެ.

"މަންމަގެ ބޭބީ ދެންވެސް އިށީނދެބަލަ." އިމާޒު ބުނެލިއެވެ.

އިމާޒާ ދިމާއަށް ލޯ އަޅައިލުމަށް ފަހު އަޒްކާ ވެސް އިށީނީ ޖެހިލުންވެ އިނދެއެވެ. ހީ ކުރި ގޮތަށް ފިހެފައި ހުރި ރޮށިތައް ފެނުމުން ނަސީމާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

"މިހިރީ ކޮން ޖެއްސުމެއް ކޮށްފަ؟" ހަތަރެސް ކަނަށް އޮތް ރޮއްޓެއް ނަގާފައި ރުޅި އައިސް ރަތްވެ އިނދެ ނަސީމާ ބުންޏެވެ.

"ޔަޤީން، ހަމަ އަހަރެންގެ އަނގަ ގޮއްވަން ވެގެން އެ ނީވިޔާއަކު ހަދާފައި ހުރި ގޮތެއް."

"މަންމާ ރޮށި ދެމީ އަހަންނޭ." އަޒްކާ ބުންޏެވެ.

"މިހާރު އަޒްކާ ލައްވާ މަސައްކަތް ކުރުވަން ފެށީތަ؟" ނަސީމާގެ ރުޅި ހައްތަހާ ގަދަވިއެވެ.

"މަންމަ އަސްލު އަޒްކޮއަށް ވުރެ ނަވްޔާ ދެކެ މާ ލޯބިވޭ ދޯ." ހިނިއައިސްފައި އިނދެ އިމާޒު ބުނެލިއެވެ.

"މާޒް ކީކޭ ކިޔާނަމޭ ހިތާ ތި އުޅެނީ." ލޯ ހަނިކޮށްލަމުން ނަސީމާ އެހިއެވެ.

"މަންމަ ކިތަންމެ ބޭބީ ކޮށްގެން އުޅުނަސް އަޒްކޮ މިހާރު އެހެރީ މީހަކާ އިންނަވަރު ވެފަ. އެކަމަކު ހައްދަވައިގެން އެއްވެސް ކަމެއް ކުރާކަށް ނޭނގޭ. މަންމަ ހުރިހާ ކަމެއް ވެސް ދަސްކޮށްދީފައި ތި ހިރީ ނަވްޔާއަށް. ދެން އިންނާނެ ރަނގަޅު މީހަކު ވެސް ލިބޭނީ ނަވްޔާ އަކަށްނު. ކާކު މި ބޭބީ ގަނޑާ އިންނާނީ؟" އަޒްކާގެ ބޮލުގައި އަޅާ ކޮއްޕާލަމުން އިމާޒު ބުންޏެވެ.

"މަންމާ، ތުއްތުބޭ ކައިރީ ބުނޭ އެހެން ނުކިޔާށޭ." ތުންދަމާފައި އަޒްކާ ބުންޏެވެ.

މި ހުރިހާ އިރު އަނގައިން ނުބުނެ ސައި ބޮމުން ދިޔަ ނިޒާރު އިސް އުފުލައި ނަސީމާއަށް ބަލައިލިއެވެ. އެ ބެލެމުން ނިޒާރު ވެސް އިމާޒުގެ ވާހަކައަށް ތާއީދުކުރާކަން ނަސީމާއަށް ދޭހަވިއެވެ.

"ބަލައިބަލަ މި އޮށް ރޮއްޓެއް ވެސް. މިއީ ކޮން ރަށެއްގެ ޗާޓެއްތަ؟" ފުރުޞަތުގެ ބޭނުން ހިފަމުން ކޮން ބައްޓަމެއް ކަން ނޭނގޭ ޒާތުގެ ރޮއްޓެއް ދައްކާލާފައި ހެމުން އިމާޒު ބުންޏެވެ.

"ދެން ތުއްތުބޭ ނުކައިބަލަ." އިމާޒު އަތުން ރޮށި ޖަހައިގަންނަމުން އަޒްކާ ބުންޏެވެ.

"މަންމާ ދެންވެސް ނަވްޔާ ގާތަށް ފޮނުވައިގެން ނަމަވެސް އަޒްކޮއަށް ކަންތައް ކުރަން ދަސްކޮށްދީ. އެހެން ނޫނީ ނަވްޔާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވާނީ. ނަވްޔާއަށް ހުރިހާ މޮޅެއް ވާނީ." އިމާޒު ދޫކުރާކަށް ނޫޅުނެވެ.

"އެއީ ތެދެއް މަންމާ." ޢާންމުކޮށް ކަންތައްތަކާ ގޮތްކިޔައި ނުހެދިޔަސް މިފަހަރު އިޔާދު ވެސް ބައިވެރިވެލިއެވެ.

ނަސީމާ ހޫން އެއް ލައްވާލާފައި އަޒްކާއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ވަރަށް ހަމަޖެހިލާފައި ކުޅިމަހާއި ރޮއްޓާއި ކާން އަޒްކާ އިނެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑު ހިމަ ބޭންޑަކުން ހައްޔަރުކޮށްފައި ވީ އިރު އެ މޫނު އިތުރަށް ވަށްވެފައި އުމުރުން ހަގުކަމަށް ދައްކައެވެ. އިމާޒުކީ އެއްޗެއްސަށް އަޒްކާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. ކޮންމެ އެއްޗެއް ކިޔަސް އަޒްކާގެ ހިތުގައި އެއްވެސް ބުރަކަމެއް ނޯވެއެވެ. އެ ދެމެދުގައި ވަނީ އެއަށް ވުރެ މާ އެކުވެރި، ގާތް ގުޅުމެކެވެ. އެތެރެއަށް ހީނލަހީނލާ އިމާޒު އިނީ އެއްދޮނުގައި ދެބުޅި ޖެހޭހެން ހީވާތީއެވެ. އިމާޒު ބޭނުންވީ މަންމަގެ ރުޅިވެރި ބަސްތައް ނަވްޔާއަށް އަމާޒުވިޔަ ނުދޭށެވެ. އެކަންވެސް ވެފައި އަޒްކާ ބަދިގެއަށް ފޮނުވަން ފަށައިފިނަމަ ނަވްޔާއަށް ލުއި ވެސް ވާނެތާއެވެ.

އެންމެން ސައިބޮއި ނިމޭހާ އިރު ކޮށްފައި ނަވްޔާ ކާގެއަށް ވަން އިރު އަޒްކާ ތަށިތައް ނެގުމުގައި އުޅެއެވެ. ހައިރާންވެފައި ނަވްޔާ ބަލަހައްޓައިގެން ހުރީ އެއީ ދުވަހަކު ވެސް ވީ ކަމެއް ނޫން ވީމައެވެ. ޝަމްނާ ވެސް އެންމެ ކުޑަމިނުން ކާތަށި ވެސް ދޮވެނުލާނެއެވެ.

"މަންމަ ބުނީ މިއަދުން ފެށިގެން ނަވްއާ އެކު ބަދިގޭގަ އުޅޭށޯ." ނަވްޔާ ފެނިގެން ހުރިހާ ދަތްތަކެއް ދައްކާލަމުން އަޒްކާ ބުންޏެވެ.

ޤަބޫލުނުކުރެވިފައި ނަވްޔާ ހުންނަން ފެށުމުން މިއަދު ކަންތައް ވީ ގޮތް އަޒްކާ ކިޔައިދިނެވެ.

އެ ދުވަހު މެންދުރަށާއި ރޭގަނޑު ކައްކަން ވެސް އަޒްކާ އެހީތެރިވެދިނެވެ. މާގިނަ ކަންތައް ކުރަން ނޭނގުނަސް ކުދިކުދި ކަންތައް ކޮށްދީ ހަދައިދޭން ފެށުމުން ނަވްޔާއަށް ވަރަށް ފަސޭހަވިއެވެ. އެއަށް ވުރެ ބޮޑަށް ނަވްޔާ ހިތްހަމަޖެހިފައި ހުރީ އަޒްކާއާ އެކު ވަގުތު ހޭދަކުރަން ލިބުނީތީއެވެ. އަޒްކާގެ މަޖާ ވާހަކަތަކުން ނަވްޔާގެ މޫނު މައްޗަށް ހިނިތުންވުން ވެރިވެފައިވެއެވެ. ދެތިން ފަހަރަކު ބަދިގެ އަށް ބޯ ދިއްކޮށްލާފައި ނުރުހުމުގެ ނަޒަރަކުން ނަވްޔާއަށް ބަލައިލުން ފިޔަވައި އިތުރު އެހެން ކަމެއް ނަސީމާގެ ފަރާތުން ވެސް ކުރިމައްޗެއް ނުވެއެވެ.

ރޭގަނޑު އެންމެން ކައި ނިމުމުން ނަވްޔާ ތަށިތައް ނަގާފައި އެއްޗެހި ހޫނު ކުރަން ހުއްޓާ އިމާޒު އައިސް ވަދެފައި ދެ ތަށި ކޮފީ ހަދައިގެން ސިޓިންގްރޫމަށް ގެނެސް ދޭން އެދުނެވެ.

"އެކަމަކު މިއަދު ހެނދުނު ހެދި ކަހަލަ ކޮފީއެއް ނޫން އިނގޭ. ހައްޔާނު އަހަރެންހާ ކެތްގަދައެއް ނުވާނެ" ދަމުން ދަމުން ފަހަތަށް އެނބުރިފައި އިމާޒު އެއް ލޯ މަރައިލަމުން ބުންޏެވެ.

އިމާޒާ ދިމާއަށް ލޯ އަޅައިލި ނަމަވެސް ހައްޔާންގެ ނަން އަޑު އިވުމުން ނަވްޔާގެ ހިތަށް ގޮތެއްވިހެން ހީވިއެވެ. ހައްޔާންގެ ކުރިމައްޗަށް އަރަން ޖެހިލުންވުމާ އެއްވަރަށް އެ ހިތްގައިމު ސޫރަ ދެކިލަން ވެސް ހިތް އެދެން ފެށިއެވެ. ނަވްޔާއަށް ވީ އެންމެ ރަނގަޅަކަށް ކޮފީ ގިރުމަށް ފަހު ތަބަކެއްގައި ދެ ޖޯޑު ބެހެއްޓިއެވެ. ދެން އަތުން ބޯ އޮމާންކޮށްލާފައި ހެދުން ވެސް ރަނގަޅުކޮށްލިއެވެ. އުޅެވޭ ގޮތް ހިތަށްއެރުމުން ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ތަބައް ހިފައިގެން ދިޔަ އިރު އިމާޒާއި ހައްޔާން ކޮފީ މޭޒު މައްޗަށް ފައި އަރުވައިގެން ފުޓްބޯޅަ މެޗެއް ބަލަން ތިއްބެވެ. ނަވްޔާ ގޮސް ހުއްޓުމުން ތަން ދެއްކުމުގެ ގޮތުން ހައްޔާން ފައި ނެގިއެވެ. މެޗުގެ ފޯރީގައި އިން އިމާޒަށް ނަވްޔާ އައިކަން އެނގުނުހެން ވެސް ހިޔެއް ނުވެއެވެ. ތަބައް ބަހައްޓާފައި ނަވްޔާ އިސް އުފުލައިލި ވަގުތު ހައްޔާނާ ހަތަރުކަޅި ހަމަވިއެވެ. ހައްޔާންގެ ތޫނު ބެލުމުން ނަވްޔާގެ މޫނަށް ޖަންބު ކުލަ ވެރިވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އަވަސް އަވަހަށް ސިޓިންގެރޫމުން ނުކުމެގެން ދިޔައިރު ނަވްޔާގެ މޫނުމަތީގައި ރަކި ހިނިތުން ވުމެއްވިއެވެ.

ކޮޓަރިން ނުކުމެ ނުކުމެ ހުރި ނަސީމާއަށް މި މަންޒަރުތައް ފެނުމާ އެކު މަޑުޖެހިލެވުނެވެ. ނިތަށް ރޫތައް ގިނަވީ މާ ކުރިން ވެސް ނަސީމާ ދެކެމުން އައި ހުވަފެނެއް ނަވްޔާގެ ސަބަބުން ވިއްސިވިހާލި ވެދާނެކަމަށް ސިކުނޑި އިންޒާރު ދިނުމުންނެވެ.

(ނުނިމޭ)
ހިޔާލު

ވާހަކަ ކިޔާ މީހާ

ރާއްޖޭގެ ގެތަކުގައި ކަންހިނގާ ގޮތް ސިފަވަމުން ދިޔައީ ވާހަކަ ކިޔަމުން ދިޔައިރު. ވަރަށް ރީތި ވާހަކަ. ކުރިޔަށް ހިރިބައި ތަކުގެ އިންތިޒާރުގައި ހުރިން....