REPORT: Mudharrisunge dhuvas faahaga kuraa goiy badhalu kuran vejje!
image
މާލޭގެ އެކި ސްކޫލުތަށް މުދައްރިސުންގެ ދުވަހަށް ތައްޔާރުކޮށްފައި-- ފޮޓޯ: ފޭސްބުކް
ޝަހްޒާ މުޙައްމަދު
1 ކޮމެންޓް
 

މުދައްރިސުންގެ ދުވަސް ފާހަގަކުރާ ގޮތް ބަދަލުކުރަން ވެއްޖެ!

މުދައްރިސުންނަކީ، މުޖުތަމައުގެ އެންމެ ބޮޑު ރައުސުލްމާލު ކަމުގައިވާ ކުޑަކުދިން ބައްޓަންކުރުމުގައި އެންމެ އިސް އެއް ދައުރެއް އަދާ ކުރާ ފަރާތެވެ. ތަފާތު އެކި މިޒާޖުގެ އެކި ކަހަލަ ކުދިން ގޮވައިގެން ދުވާލު ހަތަރުދަމު ހޭދަކުރެ އެވެ. ހުކުރެއް ހޮނިހިރެއް ހައްޖެއް ރޯދައެއް ނޯވެއެވެ. އަބަދުވެސް ކޮންމެވެސް މަސައްކަތެއް އޮވެ އެވެ. ކޮންމެ ދުވަހަކު ކުލާހަށް ގޮސް ކިޔަވައި ދޭން ނުޖެހުނަސް، ޕޭޕަރު މާކު ކުރުން، ލެސަން ޕްލޭން ހެދުން، ނުުވަތަ ކޮންމެވެސް އިތުރު ހަކާތެއްގެ ކަންތައްތައް ބެލެހެއްޓުމުގައި ސައުވީސް ގަޑިއިރު އަވަދިނެތި އުޅުމަކީ ކިހާ ބުރަަ ކަމެއްކަން އިހްސާސް ވާނީ ހަމައެކަނި މުދައްރިސަކަށެވެ.
މިފަދަ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކާ އަހަރަކު އަންނަ އެންމެ ދުވަހެއް ފުދޭތޯ އެވެ. އަދި އެދުވަހު ކުޑަކުޑަ މާއްދީ ހަދިޔާއެއް ދިނުމުން ނިމުނީތޯ އެވެ. މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުރިހާ ސްކޫލެއްގައި ވެސް ތަފާތު އެކި ހަރަކާތްތައް ހިންގެއެވެ. ސުވާލަކީ މި ހިންގޭ ހަރަކާތްތަކަކީ ހަގީގަތުގައި ވެސް މުދައްރިސުންނަށް އެންމެ ފައިދާ ހުރި ހަރަކާތްތަކެއްތޯ އެވެ.

މުދައްރިސުންގެ ދުވަހަކީ މުދައްރިސުންގެ އަގު ވަަޒަންކުރުމަށްޓަކައި ފާހަގަކުރެވޭ ދުވަހެއް ކަމުގައި ވާއިރު، މި ދުވަސް ފާހަގަކުރެވޭގޮތަކީ މުދައްރިސުންނަށާއި ސްކޫލުގެ އިތުރުން ދަރިވަރުންނަށާއި މުޅި މުޖުތަމައުއަށް ވެސް ފައިދާ ހުރި ކަމަކަށް ވާން ޖެހެ އެވެ.

މި ޒަމާނަކީ، ހޭލުންތެރިކަމުގެ ޒަމާނަށް ވީ ހިނދު، މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ވައްޓަފާޅި ވެސް ޒަމާނާ އެއް ގޮތަށް ފައްތައިގެން ފައިދާ ހުރި ގޮތްތަކަކަށް ބަދަލުކުރަން ވެއްޖެ އެވެ. އަބަދު ކުރަމުން އައި އެއް ގޮތަކަށް، ކްލާހުގައި ކޭކު ފެޅުން، ކުލަކުލައިގެ ކަރުދާހާއި ޕްލާސްޓިކުން އިސްކޫލުތެރެ ޒީނަތްތެރި ކުރުން، ހެދިކާ އާއި ފިޒީ ބުއިންތައް އަތުރައިގެން ޕާޓީ ބޭއްވުމަކީ، ހަމަ ހަގީގަތުގައި ވެސް މުދައްރިސުންނަށް އެންމެ ރަނގަޅުގޮތްތޯ އެވެ.

މިހާރު މުދައްރިސުންގެ ދުވަހު މިކުރެވޭ ކަންތަކަށް ބަލާއިރު ގިނައިން ފެންނަނީ، ބޭކާރު ހަރަދު، މާބޮޑު އުފާވެރިކަމެއް ނުލިބި ކުރެވިގެންދާ ތަނެވެ. ހަމަ ޔަގީނުން ވެސް މިއީ އިލްމު އުގަންނައިދޭ އެނދުރުން އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނުވާނެ އެވެ. ފުރަތަމަ ކަމަކަށް ސްކޫލުތެރެ ޒީނަތްތެރި ކުރާ ކުރުމަށް ބަލާލާއިރު މުޅިންހެން ފެންނަނީ، ކަރުދާހުން ހަދާފައި ހުންނަ އެކި ސާމާނާއި ފުއްޕާހަން ފަދަ ތަކެތި މުޅި ސްކޫލުގައި އެލުވައިގެން ޒީނަތްތެރިކޮށްފައި ހުންނަ ތަނެވެ. މިތަކެތި ގަންނަން މާބޮޑު ހަރަދެއް ސްކޫލުން ނުވަތަ ޕީޓީއޭ ތަކުން ކުރާކަށް ނުޖެހެއެވެ. އެހެންކަމުން މިއީ މާބޮޑު ހަރަދެއްހެން ހީނުވެދާނެ އެވެ. ކޮންމެ ކުއްޖަކު ވަކި އަދަދަކަށް ތަކެތި ހަދައިގެން ގެންދަން ޖެހެއެވެ. ކޮންމެ ބެލެނިވެރިއަކު މިކަމަށްޓަކައި ހޭދަކުރަން ޖެހެއެވެ. އަދި ކޮންމެ ބެލެނިވެރިއަކު ވަގުތު ހުސްކޮށްގެން، އެތަކެތި ހެދުމުގެ މަސައްކަތް ކުރެއެވެ. ކިތަންމެ ދަތިކަމެއް ނަމަވެސް އެކަން ކުރަނީ ދަރިންނާއި އެ ކުދިންނަށް އުނގަންނައިދޭ މުދައްރިސުންނަށްޓަކައެވެ. އޮގޮތުން އިސްކޫލުން އަންގާ ކޮންމެ ކަމެއް ޝަކުވާއެއް ވިސްނުމެއް ނެތި ބެލެނިވެރިން ކުރާނެ އެވެ.

ނަމަވެސް މިއީ ހަގީގަތުގައި ވެސް ބޭނުން ކަމެއްތޯ އެވެ. މުދައްރިސުން ވިސްނަނީ، މިތަކެތި ލޮލަށް ފެނުމުން ލިބޭ ވަގުތީ އުފަލަށްތޯ އެވެ. ނުވަތަ އެންމެ ދުވަހެއްގެ އެންމެ ވަގުތުކޮޅަކަށްޓަކާ މިކުރެވޭ އިސްރާފުގެ މައްޗައްތޯ އެވެ.

އިސްރާފުގެ އިތުރުން، އަޅުގަަނޑުމެން ދިވެހިން އަޑުގަދަ ކޮށްފައި ތިމާވެށީގެ ވާހަކަ ދައްކާއިރު، މި ކުރެވެނީ ތިމާވެއްޓަށް ކޮންފަދަ ކަމެއްތޯ އެވެ. ބޭކާރު ކޮށްލެވޭ ކޮންމެ ކަރުދާސްކޮޅަކީ ތިމާވެއްޓަށް ދެވޭ އަނިޔާ އެކެވެ. އުކާލެވޭ ކޮންމެ ޕްލާސްޓިކް ކޮޅަކީ ތިމާވެށީގެ ދުޝްމިނެކެވެ. ނަމަވެސް ހަމަ އެންމެ ދުވަހަކަށްޓަކައި ބޭނުން ކުރާ މި ތަކެތި ޖެހިގެން އަންނަ ދުވަހު ހިޔާލެއް ފިކުރެއް ނެތި ނައްޓާލާ ހަލާކޮށްލާފަ އެއްލާލާއިރު މިކުރެވެނީ ހަގީގަތުގައި ވެސް މުދައްރިސުންނަށް ހެޔޮ އެދިގެން ކުރެވޭ ކަމެއްތޯ އެވެ.

ޕާޓީ ބޭއްވުމާއި، ކެއުންގަނޑު ތައްޔާރުކޮށްގެން ކެއުމަކީ ޒަމާނުއްސުރެ ދިވެހިން، ކޮންމެ ކަމަކާއި ގުޅިގެން ވެސް ކޮށްއުޅޭ ކަމެކެވެ. މުދައްރިސުންގެ ދުވަހު ބާއްވާ ޕާޓީތަކުން ގިނައިން ފެންނަނީ ހަށިގަނޑަށް ގެއްލުންދެނިވި، ތެޔޮ ހެދިކާތަކާއި، ފިޒީ ބުއިންތަކާއި، ފޮނި ކޭކުތަކެވެ. އަނގަޔަށް މީރުވެގެން ހަދާފަދެވޭ މިތަކެތިން ހަގީގަތުގައި ވެސް މުދައްރިސުންނަށާއި ދަރިވަރުންނަށް ދެވެނީ ފައިދާއެއްތޯ އެވެ. ހަމަގައިމު ވެސް ސިއްހީ މާހިރަކު އެއީ ފައިދާ ހުރި އެއްޗެއް ކަމަކަށް ނުބުނާނެ އެވެ.

ހަދިޔާ ބަދަލު ކުރުމަކީ، ރަނގަޅު ކަމެކެވެ. އޭގެން އުފާވެރިކަން، ދޭ ފަރާތަށާއި ލިބޭ ފަރާތަށް ވެސް ގެނުވައިދޭ ކަމެކެވެ. ނަވަމެސް ދެވޭ ހަދިޔާއަކީ ބޭނުންތެރި އެއްޗެއް ކަމުގައި ވާން ޖެހެއެވެ.

މުދައްރިސުންނަށް ހަދިޔާ ދިނުމާއި ބެހޭ ގޮތުން ބައެއް މުދައްރިސުންނާއި ބެލެނިވެރިންނާއި ސުވާލުކޮށްލީމެވެ.

"އަޅުގަނޑަށް އެންމެ ބޮޑު ހަދިޔާއަކަށް ވާނީ، ކުދިން ރަނގަޅު ނަތީޖާއެއް ނެރުން،" 30 އަށް ވުރެ ގިނަ އަހަރު މުދައްރިސުކަން ކުރައްވާފައިވާ ތަޖުރިބާ ކާރު މުދައްރިސަކު ވިދާޅުވި އެވެ.

"އަސްލުގައި ހަދިޔާ ދިނުމުން ވަރަށް ލަދުވެސް ގަނޭ. ކުދިން ކައިރީ ބުނަން ވެސް ބުނަން މިސްއަށް ހަދިޔާ ދޭނެ ކަމެއް ނެތޭ. ވަރަށް ގިނަ ޓީޗަރުން އެސްއެމްޓީ ގައި އެދޭ ތިފަދަ ކަންކަން ނުކުރުމަށް. އަހަރެމެންގެ މަސައްތަކަށް ކަނޑައަޅާފައިވާ ކަމަށް އެކަށީގެންވާ މުސާރައެއް ބަރާބަރަށް ލިބުނީމަ ނިމުނީ. ކޮންމެހެން ކުދިން އަތުން އެއްޗެއް ބޭނުމެއް ނުވޭ،" ދިވެހި ކިޔަވައި ދެއްވާ މުދައްރިސާއަކު ސީއެންއެމްއަށް ވިދާޅުވި އެވެ.

"މިހާރު ކިޔަވާ ދޭތާ ފަނަަރަ އަހަރު ވެއްޖެ. ކޮންމެ އަހަރަކު ކްލާހުގެ ގިނަ ކުދިން ހަދިޔާ ދޭނެ، އެހެން ގޮސް ކިތައް ކްލާސް ވެސް އޮންނާނެތޯ. ގިނަ ފަހަރު ދެނީ ކޮންމެވެސް ބަހައްޓާ އެއްޗެއް، އެ ހުރިހާ އެއްޗެއް އެއްކޮށްފަ ބަހައްޓަނީ ވެސް ކޮންތާކު؟ މާލޭގަ އުޅެން މި ޖެހެނީ ކުދިކުދި ތަންތަނުގަ، އެއްޗެހި ބަހައްޓާކަށް ޖާގައެއް ނުހުރޭ،.ދެން ވަރަށް ދެރަވޭ ކުދިން ލޯބިން ދީފަ ހުންނަ އެއްޗެހި އުކާލަން ޖެހޭތީ ވެސް. އެހެންވެ އަސްލު ހަދިޔާ ބޭނުމެއް ނޫން،" އެހެން ޓީޗަރަކު ވިދާޅުވި އެވެ.

"އާންޓީއަށް ފްލަރަވާސް ވަރަށް ކަމުދޭ އެކަމަކު ކޮންމެ ކުއްޖަކު މަލެއް ނޫނީ މާބޮޑިއެއް ދިނީމަ ކިހިނެއް ގެންދާނީ ވެސް. ވަރަށް ދެރަވޭ ހުރިހާ މާތައް ޑަސްޕިނަށް ލާން ޖެހޭތީ. އެހެންވެ ހިތަށް އަރާ ހުރިހާ ކުދިންވެގެން އެއް މާބޮޑި ދޭނަމައޭ ހަރަދުވެސް ކުޑަވާނެ ދޯ. އެކަމަކު އާންޓީ އަކަށް ނުކެރޭނެ އެއްނުން ބުނާކަށް،" ޕްރީސްކޫލް ކުދިންގެ މުދައްރިސަކު ވިދާޅުވި އެވެ.

"މިފަހަރު ގިނައިން ލިބިފަހުރީ ފޮތި. ހުރިހާ ފޮއްޗެއް ނުފެހޭނެ އަހަރު ނިމޭއިރު ވެސް. ހެދުން ފަހާދެނީ އެހާ އަގުބޮޑުކޮށް. ހިތަށް އަރާ ފޮތީގެ ބަދަލުގަ ފަހާފަ ހުންނަ ހެޔޮވަރު ހެދުމެއް ދޭނަމައޭ. އެކަމަކު އެހެންވެސް ނޭނގޭނެ ދޯ ކަމުދާ އެއްޗެއް. އަސްލު އެހާ މުހިންމު ކަމެއް ނޫން ހަދިޔާއަކީ،" އެހެން މުދައްރިސާއަކު ވިދާޅުވި އެވެ.

މުދައްރިސުންގެ ތަޖުރިބާއަށް ބަލާއިރު މާބޮޑު ބޭނުމެއް ނުހިފޭ ހަދިޔާ ދިނުމަކީ ބޭކާރު ކަމެއްކަން ވަރަށް ރަނގަޅަށް އެނގެ އެވެ. މީގެ އިތުރުން މިއީ ބެލެނިވެރިންނަށް ވެސް މާ ފަސޭހަ ކަމަކަށް ނުވެއެވެ.

"ޕާޓިއަށް ހެދިކާ ހަދާފަ އަދި މާގަނެފަ ހަދިޔާ ވެސް ގަންނަނީ އެހެން ހުރިހާ ޕޭރެންޓުން ވެސް އެގޮތަށް ހަދާތީ. އަސްލު ވަރަށް ދަތިވޭ. މީހެއްގެ އަތުން ދަރަންޏަށް ނަގައިގެން ވެސް ކުދިންގެ ކިޔެވުމާ ގުޅިފަހުރި ކަމެއް ވީމަ ކުރަނީ. އަސްލު ކުރެވިގެންނެއް ނޫން،" ބެލެނިވެރިއަކު ބުންޏެވެ.

"ހަދިޔާ ނުދެވިއްޖިއްޔާ ހީވަނީ، ޓީޗަރުން ވެސް އެ ކުއްޖާ ފާހަގަކޮށް ތަފާތު ކުރާނެ އޭ، އަދި އެހެން ބެލެނިވެރިން ވެސް ފާޑުފާޑު އެއްޗެހި ކިޔާނެއޭ،" އެހެން ބެލެނިވެރިއަކު ބުންޏެވެ.

"އަސްލު މިކަހަލަ ކުޑަ ހަދިޔާއެއް އެއީ އެއްވެސް އެއްޗެއް ނޫން ޓީޗާސް ކުރާ މަސައްކަތަށް ބަލާފަ،" އެހެން ބެލެނިވެރިއަކު ބުންޏެވެ.

"އަސްލު ހިޔެއް ނުވޭ މިއީ މިއީ މައްސަލައެއް ހެން. އެހާ ބޮޑު ކަމެއް ޓީޗަރުން އެ ކޮށްދެއްވަނީ އަސްލު ލޯބިން ދޭ ހިތުން ހަމަ މި ހަދިޔާ އެއް ދެނީ. މިކަހަލަ ގޮތަކަށް ދޯ އެޕްރިޝިއޭޓް ކުރެވޭނީ. މިސްމެން ވެސް އުފާވާނެ ދޯ،" އެހެން ބެލެނިވެރިޔަކު އޭނާ ހަދިޔާ ހަދާ ސަބަބު ބުންޏެވެ.

ހަގީގަތުގައި ދެވޭ ހަދިޔާތަކަކީ މާބޮޑު ބޭނުމެއް ނުކުރެވޭ އެއްޗެއް ކަމަށް ވަންޏާ ޓީޗަރުން ބުނި ފަދައިން އެއީ ބޭކާރު އެއްޗަކަށް ވެދާނެ އެވެ. ޕާޓީ ބޭއްވުމާއި ހަދިޔާ ދިނުމުގެ ބަދަލުގައި އެ ހުރިހާ ކަމަކަށް ހަރަދުވާ ލާރި ނުވަތަ އެ ކުއްޖަކަށް ދެވެން އޮތް މިންވަރެއް އެއްކޮށްފައި މުދައްރިސަށް ދިނުން ކީއްތޯ އެވެ. ހަމަގައިމު ވެސް މުދައްރިސް އަމިއްލައަށް ބޭނުން އެއްޗެއް ގަނެވިދާނެ އެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށްޓަކައި އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަންކަމަށް ބަލާއިރު، އެ ދުވަހު މުދައްރިސުންނަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ޗުއްޓީ ދުވަހެއްގެ ގޮތުގައި ހަދާ ދިނުން، މުދައްރިސުން އާއިލާ އާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކުރުމަށްޓަކާ ދަތުރެއް ފަދަ ކަމެއް ރާވައިދިނުން، މުދައްރިސުންނަކީ ބުރަކޮށް އުޅޭ ބަޔަކަށްވެފައި ގިނަ ފަހަރު ކެއުމަށް ވެސް މާބޮޑު ސަމާލުކަމެއް ނުދެވޭ ބަޔަކަށް ވާތީ، މުދައްރިސުންނަށްޓަކައި ސިއްހަތަށް ފައިދާ ހުރި 'މީލް ޕްލޭނެއް' ތައްޔާރުކޮށްދިނުން ފަދަ ކުދިކުދި އެހެނަސް އޭގެ ފައިދާ ކުރާނެ ކަންކަން ކުރެވިދާނެ އެވެ. މީގެ އިތުރުން ވެސް ވިސްނާލާފައި ރާވާލެވިދާނެ ކިތަންމެ ކަމެއް ހުންނާނެ އެވެ.

ނަމަވެސް މުދައްރިސަކަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދަރިވަރުން މުދައްރިސުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެ ކުއްޖަކަށްވީ އެންމެ ރަނގަޅު ނަތީޖާއެއް ނެރެ، މުދައްރިސުން ދެއްވާ ނަސޭހަތްތަކުގައި ހިފާ އަހްލާގު ރަނގަޅު ދަރިވަރުންތަކެއް ކަމުގައި ވުމެވެ. މިކަމުގައި އެންމެ ބޮޑު އެހީއެއް ވެދެވޭނީ ބެލެނިވެރިންނަށެވެ. މީގެ އިތުރުން، މުދައްރިސުންނަށްޓަކައި ހެޔޮ ދުއާ ކުރުމަށް ވުރެ ބޮޑު ހަދިޔާއެއް ދެވޭނެތޯ އެވެ.
ހިޔާލު

ޒުހޫ

އަސްލުގަވެސް ވަރަށް ބޮޑުތެދެއް . އެޑިއުކޭސަނުންވީ މިކަމަށް ވިސްނަން