Dharifulhuge faraathun maabodethi kanthakah edheveytha?
image
0 ކޮމެންޓް
 

ދަރިފުޅުގެ ފަރާތުން މާބޮޑެތިކަންތަކަށް އެދެވޭތަ؟

ވަރަށް ގިނަފަހަރު އަހަރެމެންނަށް ތުއްތުދަރިފުޅުގެ ފަރާތުން މާގިނަ ކަންތައްތައް ނުވަތަ މާ ބޮޑެތި ކަންތައްތަކަށް އެދެވޭތަން އާދެއެވެ. މާއަވަހަށް މާ ބޮޑެތި އުންމީދުތައް ކުރެވެއެވެ.
މިސާލަކަށް ބުނަންޏާ، ދެއަހަރުގެ ދަރިފުޅު ކަމަކާ ބޮޑާހާކައިގަނެ ރޯން ފެށުމުން ވަރަށް އުނދަގޫވެއެވެ. ހާއްސަކޮށް މީހުން ގިނަތަނެއްގައި އެފަދަގޮތަކަށް ރޯން ފަށައިފިނަމަ ވަަރަށް ލަދުވެސް ގަނެއެވެ. އެފަދަ ވަގުތުގައި ދަރިފުޅަށް ނުވިސްނޭފަދަ ބަހުރުވައިން މުހާތަބުކުރެވޭތަން އާދެއެވެ. އަދި އަވަަހަށް ހުއްޓުވުމަށް އެކިކަންތައް ކުރެވެއެވެ. ދަރިފުޅަށްވުރެ ބޮޑަށް އެހެންމީހުންނާއި މެދު ވިސްނެއެވެ.

ހަގީގަތަކީ އެއުމުރުގެ ކުދިން، އެހެންމީހުން ދެކޭނެ ގޮތަކާއި މެދު ނުވިސްނާނެކަމެވެެ. އެފަދަވަގުތު ތަކުގައި ކުއްޖާއަށް ނުވިސްނޭފަދަ ބަސްބަސް ބުނެ، ކުއްޖާއަށް އެތަނުގައި ވާކަންތައް އެނގެންޖެހޭނެކަމަށް ބަލައިގެންނުވާނެއެވެ.

ބެލެނިވެރިންގެ ހައިސިއްޔަތުން ވިސްނަންވީ ކަމަކީ އެކުދިންނަކީ ބޮޑެތިމީހުންނޫންކަމެވެ. އަދި ބޮޑެތިމީހުން އުޅޭގޮތަށް ނުވެސް އުޅެވޭނެކަމެވެ. ކަަންކަމާ ބޮޑާހާނެކަމެވެ. އަބަދު ބަސްއަހައިގެން ނުތިބޭނެކަމެވެ.

ނަމަވެސް ބައެއްފަހަރު އެކަންތައް ހަނދާންނެތެއެވެ. ކުދިންގެ ފަރާތުން އެކުދިންގެ އުމުރާނުގުޅޭ ކަންތައްތައް އެކުދިންނަށް ކުރެވޭނެކަމަށް ހީވެއެވެ. މިސާލަކަށް ، ކުއްޖެއްގެ އަތުން ބިންމައްޗައް ކާއެއްޗެއް ނުވަތަ ފެންކަހަލަ އެއްޗެއް އެޅުމުން ، ހިތްހަމަނުޖެހޭވޭތަން އާދެއެވެ. އަދި ރުޅިއާދެވޭ ފަހަރުވެސް އާދެއެވެ. ކުއްޖާއަށް މިކުރެވުނީ ކިހާވަރެއްގެކަމެއްކަން ނޭނގިދާނެއެވެ. އަދި އެއީ ގަސްތުގައި ކުރިކަމަކަށްވެސް ނުވެދާނެއެވެ. އެހެންކަމުން އެފަދަވަގުތު ކުއްޖާދެކެ ރުޅިނައިސް އެތަން ސާފްކުރުމުގައި ކުއްޖާ ބައިވެރިކުރުން ރަނގަޅެވެ.

ކަންތައްތައް ދަސްކުރުމުގައި ވެސް ކުއްޖާގެ އުމުރާއި ނުގުޅޭކަންތައް ދަސްކުރުވަން އުޅެވެއެވެ. މިސާލަކަށް ބުޏާނަމަ އުމުރުން އެންމެ ދެއަހަރުވެސް ނުވަނީސް ޓިއުޝަން ކްލާސްތަކަށް ގެންގޮސް އަކުރު ދަސްކޮށް ލިޔަންކިޔަން ދަސްކުރުވަން އުޅެވެއެވެ. އަދި އެކަން ކާމިޔާބު ނުވާނަމަ މާޔޫސްވެއެވެ. ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ޒާތުގަ މޮޅުކުއްޖެކެވެ. އެކިކުދިންނަށް ދަސްވާނީ އެކި އުމުރުގައި އެކިމިންވަރަށެވެ.

އާންމުކޮށް ސްކޫލުތަކުގެ މުގައްރަރު ކަނޑައެޅިފައި އޮންނަނީ ކުދިންގެ އުމުރާއި ގުޅޭގޮތަށެވެ. އެހެންކަމުން އިސްކޫލުއުމުރުގެ ކުރިން ނުވަތަ އިސްކޫލުގެ އިތުރުން މާ އަވަސްއަރުވާލައިގެން، މާގިނައިން ދަސްކޮށްދޭން އުޅެފިނަމަ ކުއްޖާގެ ސިކުނޑީގެ ހެދިބޮޑުވުމަށް ހުރަސްއެޅި ތަފާތު މައްސަލަތަށް ދިމާވުން އެކަށީގެންވެއެވެ.

އެހެންކަމުން ކުދިންގެ ފަރާތުން ކިތަންމެ ފޮނި އުންމީދުތަކެއްކުރެވުނު ނަމަވެސް އެކުއްޖެއްގެ އުމުރާއި ހެދިބޮޑުވާގޮތުގެ މައްޗައް ނުވިސްނާ އެކުދިންގެ ފަރާތުން މާ ބޮޑެތި ކަންތައްތަކަށް އެދެވުމަކީ ރަނގަޅު ކަމެއްނޫނެވެ.
ކުޑަކުދިން
ހިޔާލު