Majlis in sarukaaruge bill thah draftkurun bahusakah:
image
0 ކޮމެންޓް
 

މަޖިލީހުން ބިލު ޑްރާފްޓްކުރުން ބަހުސަކަށް!

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ދައުރު ހުށަހަޅަން ތާވަލުކޮށްފައިވާ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ކުރަން ފަށުމާއެކު އެކަން ސަރުކާރާ މަޖިލީސް މެންބަރުންގެ މެދުގަ ބަހުސަކަށް ވެއްޖެއެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިއްޔެ ވަނީ އިންކަމްް ޓެކްސް ނެގުމުގެ ބިލާއި މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމުގެ ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި ހުރިހާ ބިލަކީވެސް ސަރުކާރުން މި ދައުރު ހުށަހަޅާނެ ކަމަށް ބުނެފައިވާ ބިލުތަކެވެ.

ބިލްތައް ގުޅިފައިވަނީ ސަރުކާރުން ވެފައިވާ ވައުދުތަކާކަމަށާއި، ނަޒާހަތްތެރި މަޖިލީހަކުން އެ ބިލްތައް ހުށަހަޅާނެ ފުރުސަތު ދޭނެކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތެވެ. ނަޒާޙަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެއެވެ." ރިއްފަތު ކުރެއްވި ޓްވީޓެއްގަ ރޭ ވިދާޅުވިއެވެ.

އޭގެ ކުރިން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓްކުރާނީ އެޓާނީ ޖެނެރަލް އޮފީހުން ކަމަށް ވިދާޅުވެފައެވެ.



މަހުލޫފަށް ރައްދު ދެއްވާ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެފައިވަނީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަކޮށް ދެނީ މަޖިލިސް ގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންކަމަށެވެ.

"އަދި އެ ލެޖިސްލޭޓިވް އެޖެންޑާ މައިގަނޑު ގޮތެއްގަ ބިނާވެގެން ވަނީ އެމްޑީޕީގެ އެޖްނެޑާ 19 ގެ މައްޗަށް. ބިލް ޑްރާފްޓް ކުރިޔަސް އޭޖީ ކުރިއަސް އެ ކުރަނީ އެއްކަމެއް. މިހާރު ކުރަން މި އުޅެނީ އަވަސް ކުރުމަށްޓަކައި އެކުގައި" އިންތި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ ހިޔާލު

"މަޖިލިސް ނަޒާހަތްތެރިވާނީ އެމަޖިލިހުގައި ތިބޭ މެމްބަރުންނަށް ނަޒާހަތްތެރިވާން ދަސްވެގެން ނޫންތޯ؟
ތަޅުމުގައި އިމެއް މިނެއްނެތި ހިތުހުރިހާ އެއްޗެއް ކިޔާ، ރައްޔިތުންނަށް ފުރައްސާރަކުރާ ފެންވަރުގައި ބައެއް މެމްބަރުން ތިިބޭއިރު ހެޔޮބަދަލެއް ގެންނާނީ ކިހިނަކުންތޯ؟" ސޯޝަލް މީޑިއާގައި ހުމޭ ކިޔާ މިހާކު ބުނެފައިވެއެވެ.

އަދި އެހެން މީހަކު ބުނެފައިވަނީ ބިލުތަކުގެ ވާހަކަ ދެއްކީ ސަރުކާރުން ވިޔަކަސް އަދި އެޖެންޑާ19 ގައި ވިޔަސް ބިލު ހަދަން ވާނީ ރައްޔިތުންނަށް މައުލޫމާތު ދީ ހިޔާލު ހޯދައިގެން ކަމަށެވެ.

"ތިޔަ ބިލުތަކުގެ ވާހަކަދެއްކިޔަސް، ރައްޔިތުންގެ މައްޗަށް ހިންގަން ހަދާ ކޮންމެ ޤާނޫނެއް ހަދަން ޖެހޭނީ އެކަށީގެންވާވަރަށް ދިރާސާކޮށް، ފުޅާދާއިރާއެއްގައި ރައްޔިތުންނަށް މައުލޫމާތުދީ ހިޔާލު ހޯދުމަށްފަހު، އެހެންއެކަންވިތޯ؟" ސޯޝަލް މީޑިއާގައި މީހަކު ސުވާލު ކުރިއެވެ.

މިއީ ފަހުގެ ތާރީހުގައި ރައްޔިތުންގެ މަޖިލީޙުން ބިލްތައް ޑްރާފްޓްކޮށްގެން މަޖިލީހަށް ބިލް ހުށަހެޅުމުގެ މަސައްކަތް ހިންގާ ފުރަތަމަ ފަހަރު ކަމަށް ވެ އެވެ.
ހިޔާލު