Raajje ge Democracy ah takaa Supreme Court ge fandiyaarun vaki kuran jehey: Report
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން--
0 ކޮމެންޓް
 

ސުޕްރީމް ކޯޓު ފަނޑިޔާރުން މަގާމުގައި ބޭތިއްބުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް: ރިޕޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންތައް ފަހަނަ އަޅާ ގޮސްފައި ކަމަށާއި، އެމީހުން މަގާމުގައި ބޭއްތިއްބުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލި "އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި ބުނެފި އެވެ.
މިއީ މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހެދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އައްޔަންކުރި ކޮންސަލްޓަންޓް، ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާގެ ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރެއްވުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ވައުދުވެފައިވާ ކަމެކެވެ.

އެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން "ނަމަހަ" ގޮތުގައި އެ ކޯޓުގެ ފަނޑިޔާރުން ހިފާފައިވާ ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

އެ ރިޕޯޓުގައި ޝަރުއީ ދާއިރާއަށް ރާއްޖޭގެ ރައްޔިތުން އިތުބާރު ނުކުރާ އަދި އިތުބާރު ގެއްލިފައިވާ ވެސް އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓު ކަމަށް ވަނީ ބުނެފައެވެ. އަދި ސިޔާސީ އެތަކެއް ކަމެއް ކުރުމަށް ވެރިކަމުގައި އޭރު ހުންނަވާ ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބޭނުން ހިފާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން، އޭރު ރާއްޖޭގައި އުފެދިގެން ދިޔަ ސިޔާސީ ހަލަބޮލި ކަމުގެ ފުރިހަމަ ޒިންމާ ސުޕްރީމް ކޯޓުން ނަގަން ޖެހޭނެ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކްރީގްލާގެ ރިޕޯޓުގައި 2018ވަނަ އަހަރުގެ ތެރޭގައި ހިނގާދިޔަ އެ ކަންކަމާއި ގުޅޭ ގޮތުން ފަނޑިޔާރުންނާއި ވެސް ވާހަކަދައްކަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެދޭ ޖަވާބެއް ފަނޑިޔާރުންގެ ފަރާތުން ނުލިބޭ ކަމަށް ރިޕޯޓުގައިވެއެވެ. ހަމަ އެއާއެކުގައި މިހާރު ފަނޑިޔާރުކަމުން ރިޓަޔާޑު ކުރައްވާފައިވާ ބޭފުޅުންނާއި ވެސް އެކަމުގައި ކްރީގްލާ ވަނީ ބައްދަލު ކުރައްވާފައެވެ.

އެހެންކަމުން އޭނާ ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ކޮންމެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށް ގެންދިޔަ ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރު ކުރުމަށް އިސްކަން ދިނުމުގެ މައްޗަށް ރިޕޯޓުގައި އަލިއަޅުވާލައިފައެވެ.

ރިޕޯޓުގައި ބުނީ ފާއިތުވެގެން ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ގާނޫނާއި ހިލާފު އެތައް އަމަލެއް ކޮށްފައިވާ ކަމަށެވެ. އަދި އެކޯޓަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބިރެއްގެ ގޮތުގައި ކްރީގްލާގެ ރިޕޯޓުގައި ވަނީ ސިފަ ކޮށްފައެވެ.

ދިވެހިރާއްޖޭގެ ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ޝަރުއީ ދާއިރާ މިނިވަން ކުރުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓުސް (އައިސީޖޭ) އިން ނާއި ސައުތު އޭޝިޔަން ފޯ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރު) ގުޅިގެން 2015 ވަނަ އަހަރު ނެރުނު ފެކްޓް ފައިންޑިން ރިޕޯޓްގައި ގޮވާލާފައި ވީނަމަވެސް، އެކަންކަން އިސްލާހުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކްރީގްލާގެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގާ މައްސަލަތަކާއި އެކޯޓުން އަމަލު ކުރަމުންދާ ގޮތްތަކާއި ގުޅޭގޮތުން ވެސް ވަނީ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އެކޯޓުގައި ހިނގާ ބައެއް މައްސަލަތަކަށް ވާނުވާ ނޭނގި ހުއްޓެމުންދާ ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

ރިޕޯޓުގައި ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތައް ބަލައި، އެކަށީގެންވާ ހެކި ހުރެއްޖެނަމަ، ފަނޑިޔާރުންނާ ދެކޮޅަށް ދައުވާ ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލަފާދީފަ އެވެ.
ޝަރުއީ ދާއިރާ
ހިޔާލު