Haggu thah beynun kureveynee mujuthamau ge maslahathu nugehlley gothah: Foreign ministry
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ހައްގުތައް ބޭނުން ކުރެވޭނީ މުޖުތަމައުގެ މަސްލަހަތު ނުގެއްލޭ ގޮތަށް: ފޮރިން މިނިސްޓްރީ

ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް ބޭނުން ކުރާއިރު މުޅު މުޖުތަމައުގެ މަސްލަހަތު ނުގެއްލޭ ގޮތަށް ހައްގުތައް ބޭނުން ކުރުމަށް ފޮރިން މިނިސްޓްރީން ގޮވާލައިފިއެވެ.
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓަކާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރިއާޔަތްކޮށް ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ބޭނުން ކުރެވޭނީ ދީނުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން ކަމަށެވެ.

އެ ބަޔާނުގައި މިނިސްޓްރީއިން ބުނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް ދިފާއު ކުރުމުގައި ސަރުކާރުން ދެމި ހުންނާނެ ކަމަށެވެ. ނަމަވެސް އެ ހައްގުތައް ބޭނުން ކުރެވޭނީ މުޖުތަމައުގެ މަސްލަހަތު ނުގެއްލޭ ގޮތަށް އަދި، ދީނުގެ އިމުގެ ތެރެއިން ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

އޭގެ އިތުރުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުތައް ފަދަ ހައްގުތަކަކީ އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)އިންް ލިބޭ ހައްގެއް ނަމަވެސް، އެ މުއާހަދާތަކުގައިވެސް އެ ހައްގުތައް ހޭޓް ސްޕީޗްގެ ގޮތުގައި ނުވަތަ މުޖުތަމައުގެ މަސްލަހަތު ގެއްލޭ ގޮތަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައިވާކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާތީ އެކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ އެމްޑީއެން އުވާލަން ގޮވާލަމުންނެވެ. މިއަދު ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑު ވެސް ކޮށްފައެވެ.

އަދި އިސްލާމިކް މިނިސްޓްރީން އެ ޖަމިއްޔާއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ފުލުހުން ބަލަމުން އަންނައރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.
ފޮރިން މިނިސްޓްރީ
ހިޔާލު