Alhan ah hamalaa dhin meehaa 7 aharah jalah lumah hukum kohfi
image
އަލްހާން ފަހްމީ -- ދިއިސްލާމް
0 ކޮމެންޓް
 

އަލްހާނަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަށް ހަމަލާދިން މީހާގެ މައްޗަށް ކުށް ސާބިތުވެ އޭނާ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
މިމައްސަލައިގައި ކުށް ސާބިތުވެ ހުކުމްކޮށްފައިވަނީ ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމްގެ މައްޗަށެވެ. އަލްހާނަށް ހަމަލާދިނުމާ ގުޅިގެން ނަސީމުގެ އިތުރުން އެހެން މީހަކަށް ވެސް ދައުވާކުރަން ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި އެވެ. ނަމަވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެމީހާގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށާއި، ކުށް ކުރުމުގައި ތޫނު ހަތިޔާރު ބޭނުންކޮށްފައިވާ ކަން ނަސީމުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ފުރަތަމަ ކުށުގެ އަދަބެއްގެ ގޮތުގައި ހަތް އަހަރަށް އަދި ދެވަނަ ކުށުގެ އަދަބެއްގެ ގޮތުގައި ދެ އަހަރާ އެކު ޖުމްލަ ހަތް އަހަރަށް ނަސީމު ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.

ހުކުމްގައި ބުނެފައިވަނީ ނަސީމުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ބަލާއިރު އަލްހާނަށް ހަމަލާދިނީ ނަސީމު ކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަލްހާނަށް ހަމަލާދިން ސަރަހައްދުގައި ހުރި ގެއަކުން އަލްހާނަށް ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދިއިރު އެ ވަޅިން އަލްހާޏްގެ ޑީއެންއޭ ފެނިފައިވާ ކަމަށްވެސް ހުކުމްގައިވެ އެވެ. އަދި އަލްހާނަށް ހަމަލާ ދިން ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ މީހާއާއި ނަސީމާ ގުޅޭ ކަހަލަ ތިން ސިފައެއް ވީޑިއޯ އެނަލިސިސް އިން ފާހަގަކުރެވިފައިވާ ކަމަށްވެސް ހުކުމްގައިވެ އެވެ.

އާޓިފިޝަލް ބީޗުގައި ބްރޭކްވޯޓާގެ ނަމުގައި ހިންގި ރެސްޓޯރަންޓްގައި އިންނަވަނިކޮށް ތޫނު އެއްޗަކުން އަލްހާނަށް ހަމަލާދީފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މިހަމަލާއާއި ގުޅިގެން އަލްހާނަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އަލްހާން ވަނީ ރާއްޖެއިން ބޭރުން ފަރުވާ ވެސް ހޯއްދަވާފަ އެވެ.

ހިޔާލު