Kunikosheege masahkai kuriyahdhaa goiy belumah Fazul suvaalu kuree kunikoshi ninmaafaivanikoh
image
ފަޒުލް ރަޝީދު
1 ކޮމެންޓް
 

ކުނިކޮށީގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ފަޒުލް ސުވާލުކުރީ ކުނިކޮށި ނިންމާފައި ވަނިކޮށް

ވ. ފުލިދޫ ކުނިކޮށި ނިންމާ އެ ރަށު ކައުންސިލާ ހަވާލުކޮށްފައި ވަނިކޮށް ފުލިދޫ ކުނިކޮށީގެ މަސައްކަތް ކުރިއަށްދާ ގޮތް ސާފުކުރެއްވުމަށް ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލީހުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާ ސުވާލުކުރައްވައިފި އެވެ.
މެންބަރު ފަޒުލް މިނިސްޓަރާ ކުރެއްވި ސުވާލުގައި ވަނީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުގެ ގޮތުގައި ފުލިދޫގެ ކުނިކޮށި މިއަހަރަށް ބަޖެޓު ކުރެވިފައިވާއިރު މިމަސައްކަތް ކޮންޓްރެކްޓްގެ އުސޫލުން ހަވާލުކުރާނެ ތާރީހެއް ސާފުކުރުމަށެވެ. އަދި ފުލިދޫގެ ކުނިކޮށި މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެތޯ ވެސް ސުވާލުކޮށްފައިވެ އެވެ. މީގެއިތުރުން ފުލިދޫގައި ކުނިކޮށި ގާއިމުކުރުމަށްޓަކައި މިހާރު ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރުމަށް ވެސް ފަޒުލްގެ ސުވާލުގައި އެދިވަޑައިގެންފައިވެ އެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ މިސުވާލު ލިބިވަޑައިގެންނެވިއިރު ވެސް ފުލިދޫގެ ކުނިކޮށީގެ މަސައްކަތް ނިންމާ، އެރަށު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޑރ. ހުސައިން ވިދާޅުވީ ފުލިދޫ ކުނިކޮށްޓާ ގުޅޭގޮތުން ފަޒުލްގެ ސުވާލު ލިބިވަޑައިގެންނެވީ މިދިޔަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. ސުވާލު ލިބިވަޑައިގެންނެވިއިރު ފުލިދޫ ކުނިކޮށި ނިންމާ އެ ރަށު ކައުންސިލާ ހަވާލުކުރި ފަހުން 160 ދުވަސް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން އެއްވެސް ކަހަލަ އޮޅުމެއް އުޅޭތޯ މިކަމާ ގުޅޭގޮތުން ވ. ފުލިދޫ ކައުންސިލްގެ ރައީސާއަށް ގުޅުމުން އެކަމަނާ ވިދާޅުވީ ފެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ފަޒުލް ރަޝީދު ވ. ފުލިދޫ ކުނިކޮށްޓާ ބެހޭ ގޮތުން ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނެތް ކަމަށް. އަޅުގަނޑު މިސުވާލުކުރީ އަޅުގަނޑުމެންނަށް އޮޅިގެން އެއްވެސް އުޅޭތޯ ބެލުމަށްޓަކައި. އެހެންވީމާ މިކަން ހިނގާދިޔަ ގޮތް މިދެންނެވީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ ފުލިދޫގައި ކުނިކޮށި ހެދުމަށް ނީވިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކޮށްފައިވަނީ 28 ސެޕްޓެމްބަރު 2017 ގައި ކަމަށެވެ. އަދި އެމަސައްކަތް ނިންމާ 6 އޮކްޓޫބަރު 2018 ގައި ފުލިދޫ ކުނިކޮށި މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިމަސައްކަތް 75 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި ނަމަވެސް ބިން ހަވާލުކުރުން ލަސްވުމާ ގުޅިގެން މިމަސައްކަތް މުޅިން ނިމުނީ 95 ދުވަހުން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ ފުލިދޫ ކުނިކޮށި އެ ރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. މިމަސައްކަތް ހަވާލުކުރީ 1.56 މިލިއަން ރުފިޔާ އަށް ކަމަށްވީ ނަމަވެސް ބައެއް ސަބަބުތަކާ ގުޅިގެން މިމަޝްރޫއަށް އިތުރުކުރެވުނު 35،000 ރުފިޔާ އާއި އެކު މި މަޝްރޫއުގެ ޖުމްލަ އަގު 1.91 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޒޯން ތިނެއްގައި ހިމެނޭ ރަށްތަކުގައި ތެރޭގައި ފުލިދޫ ހިމެނޭއިރު އެ ޒޯންގައި ހިމެނޭ ރަށްތަކުގެ ކުނިކޮށިތަކަށް އިކުއިމަންޓް ހޯދިފައި ނުވާ ކަމަށެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުގައި ފުލިދޫގެ ކުނިކޮށްޓަށް ބޭނުންވާ އިކުއިމަންޓް ހޯދުމަށް ފައިސާ ހިމަނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. ހުސައިން އިތުރަށް ވިދާޅުވީ ފުލިދޫ ކުނިކޮށްޓާ ގުޅިގެން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ ހަމައެކަނި ރިޓެންޝަން ފައިސާ ކަމަށެވެ. އެއީ 54،000 ރުފިޔާ ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު

ލަކީ

ޙެހެ އެހެން ނޫންވާނީ ހުންނަނީ ހަމައިގަ އެއްނޫން ރޭގަންޑު ސަ ފާރީތަކުގަ އުޅުެްވަނީ ކިހިނެއް އެންގޭނީ