Dhaulathun badhalu dheynjehey minvaru ekashaelhumah minivan audit firm eh ayyan kuranee
image
ބަންޑާރަނައިބް އިބްރާހީމް ރިފްއަތު -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ދައުލަތުން ބަދަލު ދޭންޖެހޭ އަދަދު ކަނޑައަޅަން މިނިވަން އޮޑިޓް ފާމެއް އައްޔަންކުރަނީ

ދިވެހި ސަރުކާރުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ދޭންޖެހޭ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި މިނިވަން އޮޑިޓް ފާމެއް އައްޔަންކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ދިވެހި ސަރުކާރު ޝާމިލްވާ އެކިއެކި މައްސަލަތަކާއި، ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ހަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫއުތަކާއި، އެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ކޮމިޓީއެއް ވެސް އެކުލަވާލަފައިވާ ކަމަށެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ކޮމިޓީގެ ބޭނުމަށް އައްޔަންކުރާ އޮޑިޓް ފާމްތަކުގެ މައިގަނޑު މަގުސަދަކަށް ވާނީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި، ލިޔެކިޔުންތައް މުސްތަގިއްލު ކަމާއެކު އިވެލުއޭޓްކޮށް، އެމައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާ އެރުވުން ކަމަށެވެ.

ކޯޓުން ބޭރުގައި ހައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަގުސަދަކީ އެކިއެކި ފަރާތްތަކަށް ގެެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލުވެރި މިންވަރެއް ކަން ޔަގީންކޮށް ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުން ކަމަށްވެސް ބަޔާނުގައިވެ އެވެ. މިމަސައްްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ ބީލަމުގެ އުސޫލުން ކަމުގައިވާތީ މަސައްކަތުގެ ތަފްސީލް ހިމެނޭ ޓާމްސް އޮފް ރިފަރެންސާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް ވަރަށް އަވަހަށް ގެޒެޓްގައި ޝާއިއުކުރާނެ ކަމަށްވެސް ބަންޑާރަނައިބްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ދިވެހި ސަރުކާރުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ދޭންޖެހޭ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި މިނިވަން އޮޑިޓް ފާމެއް އައްޔަންކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައި މިވަނީ ދައުލަތުން އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ކޯޓުތަކުން ހުކުމްކޮށްފައި ވަނިކޮށެވެ.

ދައުލަތުން އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަހަރުގެ މިހާތަނަށް ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިމަހުގެ އަށްވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު