Income Tax negumuge bill majileehah hushahalhaifi
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

އިންކަމް ޓެކްސް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

އިންކަމް ޓެކްސް ނުވަތަ އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިބިލް ތައާރަފްކޮށް މިބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފަ އެވެ.

ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.

އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 40،000 ރުފިޔާ ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީގެ އެޖެންޑާ 19ގައި އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ކަނޑައަޅާފައިވަނީ 60،000 ރުފިޔާ އެވެ. އެހެންކަމުން އިންކަމް ޓެކްސް ނެގުމުގައި ބަލާނެ އެންމެ ދަށް ސީލިންއަކާ ގުޅޭގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.


އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އުސޫލުން އިންކަމް ޓެކްސް ނަގާނަމަ އެ ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 6،000 ގައި ހުންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ތިން ގިންތިއަކުންނެވެ. އެގޮތުން 40،000 ރުފިޔާ އާއި 60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 8 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި 60،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 10 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް އިންކަމް ޓެކްސް ނަގާނަމަ އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.


ހިޔާލު