Raajje cochin ferry dhathuraai medhu kanbodu vey: Immigration
image
މިއަދު ބޭއްވި ގައުމީ ސަލާމަތު ކޮމެޓީގެ ބައްދަލުވުން -- ފޮޓޯ / މަޖިލިސް
1 ކޮމެންޓް
 

ރާއްޖެ ކޮޗިން ފެރީ ދަތުރާއި މެދު ކަންބޮޑުވޭ: އިމިގްރޭޝަން

ރާއްޖެ އާއި ކޮޗިންއާ ދެމެދު ކަނޑު މަގުން ފަށަން އުޅޭ ފެރީ ދަތުރުގެ ހިދުމަތާ މެދު މޯލްޑިވްސް އިމިގްރޭޝަނުން ކަންބޮޑުވުންފާޅު ކޮށްފިއެވެ.
ރާއްޖެއާ އިންޑިއާ ސަރުކާރާއި ދެމެދު މިއަހަރުގެ ތެރޭގައި ސޮއިކުރި މި އެއްބަސްވުމުގައި ވަނީ އިންޑިއާގެ ކޮޗިންއާ ހދ. ކުޅުދުއްފުއްޓާއި ދެމެދު ޕަސިންޖަރުންނާއި މުދާ އުފުލާ ފެރީގެ ހިދުމަތް ފެށުމަށެވެ.

މިއަދު ބޭއްވި ގައުމީ ސަލާމަތު ކޮމެޓީގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިބްރާހިމް އަޝްރަފް ކުޅުދުއްފުށީގައި އިިމިގްރޭޝަނުގެ ކެޕޭސިޓީއަކީ މާ ވަރުގަދަ ކެޕޭސިޓީއެއް ނޫން ކަމަށާއި އެ ކެޕޭސިޓީގައި އެވަރުގެ މަސައްކަތެއް ކުރުމަށް އިމިގްރޭޝަނަށް ދަތިވާނެ ކަމަށެވެ. އަދި އެކަމުގެ ވާހަކަތައް ކަމާ ގުޅުންހުރި މުއައްސަސާތަކުގައި ދަންނަވާފައިވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވަނީ އެކަމުގައި އިމިގްރޭޝަނުން މިހާރު ގެންގުޅެމުން އަންނަ ވިސްނުން ކޮމެޓީގެ މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ.

"ކުރޫސްލައިނާ ކަހަލަ އެއްޗިހީގައި އިމިގްރޭޝަން އޮފިސަރުން އާންމުކޮށް އަރާނެ ލާސްޓް ސްޓޮޕުން އަރައި ޑެސްޓިނޭޝަނަށް އައުމުގެ ކުރިން ކްލިއަ ކުރުމުގެ ކަންކަން. އެކަމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން މިހާރު ކުރަމުން މި ދަނީ." އަޝްރަފް ވިދާޅުވިއެވެ.

ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު އަހުމަދު ޝިފާން ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމަށް މިހާރުވެސް މައްސަލަތައް ދިމާވެފައި ވަނިކޮށް ރާއްޖެ އާއި ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޝިފާން ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގައި ސީޕޯޓުން އެތެރެވާ މީހުންގެ މައުލޫމާތު ނުހުންނާނެ ކަމަށެވެ. މިހާރު ހުރި ބޯޑާ ސިސްޓަމްގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެ ޝިފާން ވިދާޅުވީ ސީޕޯޓުގައި ކުރަންޖެހޭ ކަންކަން އެ ސިސްޓަމްއިން ނުކުރެވޭ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި މިފަދަ މަސައްކަތެއް ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ކުރިއަށް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމުގެ މައުލޫމާތު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ދެއްވާފައިވާ ކަމަށެވެ.
ހިޔާލު

ވިސްލާރސް

ހެހެ. ތިޔައުޅެނީ އާ ބޯޑަރކޮންޓްރޯލް އެއް ގެންނަން. ތީ މި ފަހުން މެލޭޝިޔާ އަށް ކުރި ދަތުރުގެ ޑީލް ހަދަން. ބުނަން ހުރިހާ ކަމެއް ހުރީ ރެކޯރޑްކުރެވިފަ. ޒީރޯޓޮލަރެންސް އަށް ނުލާތި. ވީއާވިސްލްބްލޯވާރސް.