Camera in negi finger print aa Haisham ge finger print aa dhimaavi: Heki
image
ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި: ފޮޓޯ / ސަން
0 ކޮމެންޓް
 

ކެމެރާއިން ނެގި ފިންގަޕްރިންޓާއި ހައިޝަމްގެ ފިންގަޕްރިންޓް ދިމާވި: ހެކި

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، އޭނާ ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ކެމެރާ އިން ފެނުނު ފިންގަޕްރިންޓާއި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަޕްރިންޓާއި ދިމާވާ ކަމަށް ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދީފިއެވެ.
ޔާމީން ރަޝީދު މަރާލީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ. މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ ހައިޝަމާއިި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދެ މީހެއްގެ ހެކިބަސް ނެގިއެވެ. އެއީ މައްސަލައިގެ ތަހުގީގުގެ ތެރޭގައި އުޅުނު ދެ ފުލުހެކެވެ. ހެކިބަސް ދިން ފުލުހަކީ އަދުހަމް ހަލީމެވެ. އަދުހަމް ބުނީ ޔާމީން ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ސީސީޓީވީ ކެމެރާއިން ފިންގަޕްރިންޓް ނަގައި، އެ ތަކެތި ތަހުލީލުކުރީ އޭނާ ކަމަށެވެ. އޭނާ ބުނިގޮތުގައި އެ ކެމެރާގެ ބޭރުގެ ކަވަރުން ނެގި ފިންގަޕްރިންޓް ދައުވާ ލިބޭ ހައިޝަމް ހައްޔަރު ކުރުމަށް ފަހު ނެގި އޭނާގެ ފިންގަޕްރިންޓާ ދިމާވާ ކަމަށެވެ. އެގޮތުން އަދުހަމް ބުނީ ހައިޝަމްގެ ފިންގަޕްރިންޓާއި ކެމެރާއިން ނެގި ފިންގަޕްރިންޓާއި ދިމާވާ 14 ސިފައެއް ހުރި ކަމަށެވެ.

ފިންގަޕްރިންޓް ދިމާވާ ކަމަށް ކަނޑައެޅުމުގައި އެކި ގައުމުތަކުގައި ބޭނުންވާ މިންގަނޑު ތަފާތުކަން ފާހަގަކުރަމުން އަދުހަމް ބުނީ ރާއްޖޭގައި އެކަން ކަނޑައަޅަނީ މަދުވެގެން އަށް ސިފައެއް ދިމާވުމުން ކަމަށެވެ. އެ މައްސަލާގައި ޝާމިލުވާ އެންމެންގެވެސް ފިންގަޕްރިންޓު ނަގާ އެކަމުގައި ދިމާވޭތޯ ބެލި ކަމަށާއި ނަމަވެސް ހަމައެކަނި ދިމާވީ ހައިޝަމްގެ ފިންގަޕްރިންޓާއި އެކަނި ކަމަށް އަދުހަމް ބުންޏެވެ. ފިންގަޕްރިންޓު ދިމާކުރަނީ މެނުއަލްކޮށް އެކަން ކޮށްގެން ކަމަށްވެސް އަދުހަމް ހެކިބަސް ދެމުން ބުންޏެވެ.

މިއަދު ދެވަނައަށް ހެކިބަސް ދިނީ ޔާމީން މަރާލާފައި އޮއްވާ ފެނުނު ސަރަހައްދަށް ދިޔަ އެހެން ފުލުހެކެވެ. އެއީ ސާޖެންޓް ސަރިއްޔާ ކިޔާ އޮފިސަރެކެވެ. އެކަމަކު އޭނާގެ ހެކިބަސް ނުނެގޭނެ ކަމަށް ވިދާޅުވެ، ހައިޝަމްގެ ވަކީލް އިއުތިރާޒް ކުރެއްވި އެވެ.

ވަކީލް ވިދާޅުވީ ކެމެރާއިން ނެގި ފިންގަޕްރިންޓް ޗެއިން އޮފް ކަސްޓަޑީ ފޯމް އެ ފުލުސް މީހާގެ ނަން ލިޔުމަށް ފަހު އެ ނަން ކަނޑާލައި، ލިޔެފައި އޮތީ އެހެން ފުލުހެއްގެ ނަން ކަމަށާއި އެހެންވެ އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ނިންމެވީ އެ ހުށަހެޅުން ބަލައިނުގަތުމަށެވެ.

ހެކިބަސް ދެމުން ސާޖެންޓު ސަރިއްޔާ ބުނީ ކެމެރާއިން ފިންގަޕްރިންޓް ނެގީ ކުރިން ހެކިބަސް ދިން އަދުހަމް ކަމަށެވެ. އަދި ޗެއިން އޮފް ކަސްޓަޑީގައި ސަރިއްޔާ ސޮއިކުރީ އެގޮތަށް ބައެއް ފަހަރުތަކުގައި އަމަލު ކުރާތީ ކަމަށައި ނަމަވެސް އޭނާގެ ނަން ލިޔެފައި ވަނިކޮށް ފިންގަޕްރިންޓް ނެގި ފުލުސް މީހާއަށް އެކަން ފާހަގަވުމުން އޭނާގެ ނަން ކަނޑާލުމަށް ފަހު އެ ފުލުސް މީހާގެ ނަން ލިޔެފައި އޮތީ ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގައި އިތުރަށް ފާހަގަކުރެވުނު އަނެއް ކަމަކީ ހައިޝަމްގެ ވަކީލު ނެންގެވި ނުކުތާއެކެވެ. އެއީ ދާދިފަހުން ހ. އަންނާރުމާގެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ވާހަކަތަކެވެ. އެދުވަހު އެގެެއިން މަރުވެފައި އޮއްވާ ފެނުނޫ ހައިޝަމްގެ ބޭބެ ހިޝާމްއެވެ. ފުލުހުން ބުނީ އޭނާގެ މަރުގައި ޝައްކު އުފެދޭ ކަމެއް ނެތް ކަމަށެވެ.

ހައިޝަމްގެ ވަކީލް ވިދާޅުވީ ހިޝާމްގެ މަރަކީ އިއްތިފާގެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އޭނާ ވަނީ އެހާ އަވަސް އަރުވާލައިގެން ހިޝާމް ވަޅުލުމުން ވެސް ސުވާލު އުފައްދާފައެވެ. އަދި އެކަމެއް ހިނގައިގެން ދިޔައީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހެކިންނަށް ބިރު ދައްކާ ކަމަށް ދައުލަތުން ކޯޓުގައި ބުނި ދުވަސް ނޫން އަނެއް ދުވަހު ކަމުން ހައިޝަމްގެ ވަކީލް ވަނީ އެ ނުކުތާވެސް ފާހަގަކޮށްފައެވެ.

މި މައްސަލާގައި ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވަނީ ހެކިންނަށް ބިރު ދައްކާ ކަމަށް ދައުލަތުން ބުނުމަށް ފަހު، އެކަމުގައި މިހާރު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ދައުލަތުން ބުނީ ހެކިންނަށް ބިރު ދައްކާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އޭގެ އިތުރު އެއްވެސް މައުލޫމާތެއް އެކަމާ ގުޅިގެން ލިިބިފައި ނެތް ކަމަށެވެ.

އެ މައްސަލާގެ ދެން އޮންނަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހުއެވެ.
ޔާމީން ރަޝީދު
ހިޔާލު