Fandiyaarun ayyan kuraane aa qavaidhakah amalu kuran fashaifi
image
ފަނޑިޔާރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ -- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ފަނޑިޔާރުން އައްޔަންކުރާނެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި

ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރާނެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި އެވެ.
ފަނޑިޔާރުން އައްޔަން ކުރުމުގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށާފައި މިވަނީ މީގެކުރިން ބައެއް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުުރުމުގައި ވަކިވަކި ގަވައިދުތަކަކަށް އަމަލުކުރަމުން ދިޔަ ގޮތް ނިމުމަކަށް ގެނައުމަށްފަހު އެވެ.

ޖޭއެސްސީން 14 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ގަވައިދަށް އަމަލުކުރަން ފެށީ އިއްޔެ އިން ފެށިގެންނެވެ.

އާ ގަވައިދުގައި ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންނަށް މާކްސް ދިނުމުގައި ކްރައިޓީރިއާތައް ވަނީ ތަފާތުކޮށްފަ އެވެ. އެގޮތުން އާ ގަވާއިދުގައި ތައުލީމު އަދި ތަޖުރިބާގެ ބައިގެ އިތުރުން އިންޓެގްރިޓީގެ ބަޔަށް މާކްސް ދިނުމަށްވެސް ވަނީ ހިމަނާފަ އެވެ. ކުރިން އަމަލުކުރަމުން ދިޔަ ގަވައިދުތަކުގެ ދަށުން މާކްސް ދޭއިރު ދުސްތޫރީ، ގާނޫނީ އަދި ޝަރީއާގެ ބައިން ވަކިވަކިން މާކްސް ދީފައިވެ އެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އެ ބޭފުޅުންނާ މެދު ގޮތް ނިންމޭނެ ތިން ދަރަޖައެއް ވެސް އާ ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހައިލީ ރެކޮމަންޑަޑް ނުވަތަ ރެކޮމަންޑަޑް ނުވަތަ ނޮޓް ރެކޮމަންޑަޑް ދަރަޖައިން ކުރެ ކޮންމެވެސް އެއް ދަރަޖައެއް ދިނުމަށް ގަވައިދުގައި ލާޒިމުކޮށްފައިވެ އެވެ.

މިގަވައިދުގައި ބުނެފައިވަނީ ފަނޑިޔާރު ކަމަށް އައްޔަންކުރާނީ އިންޓަވިއުއަށް ފަހު އެންމެ މަތީ ދަރަޖަ ލިބޭ ބޭފުޅުން ލިސްޓްކުރުމަށްފަހު ލިސްޓުގައިވާ ތަރުތީބުން ސިއްރު ނޫން ވޯޓެއް ނަގައިގެން ކަމަށެވެ.

ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރާނެ އާ ގަވާއިދަކަށް އަމަލުކުރަން ފަށާފައި މިވަނީ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއްޔެ އިއުލާންކުރުމަށްފަހު އެވެ.
ހިޔާލު