Uhthama fandiyaaru ge vaahaka thah hageegathaai khilaafu: JSC
image
އުއްތަމަ ފަނޑިޔާރު -- ފޮޓޯ / މިހާރު
2 ކޮމެންޓް
 

ހަގީގަތާއި ހިލާފު ވާހަކަތަކެއް އާއްމު ކުރެއްވުމުން އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބަލަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލަމުންދާ މައްސަލައަކާއި މެދު ހަގީގަތާއި ހިލާފު ވާހަކަތަކެއް އާއްމު ކުރެއްވުމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ސިޓީފުޅަކުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި މެދު ހަގީގަތާއި ހިލާފަށް ވާހަކަތަކެއް އާއްމު ކުރެއްވުމަކީ ޖޭއެސްސީގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅުއްވާ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ނިންމާ، އެ ކޮމިޝަނުން ފޮނުވި ނަސޭހަތުގެ ލިޔުމާއި ހަވާލުވާން އިންކާރު ކޮށްފައިވާތީ އެމަނިކުފާނުގެ ސުލޫކީ އިތުރު މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީން ބެލުމަކީ ގާނޫނުއަސާސީއާ ޚިލާފު ޣައިރު ދުސްތުރީ އަމަލެއް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ މިއަމަލު ހުއްޓުވައިދެއްވުމަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފަ އެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކޮށް ނަގަހައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މިބަޔާނުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށްވާތީ އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި، ސުޕްރީމް ކޯޓުގެ ނިންމުމުގެ ދުސްތޫރީ ނުވަތަ ގާނޫނީ ސައްހަ ކަމާމެދު ގޮތް ނިންމުމަށް ދައުލަތުގެ އެހެން އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުން ސައްހަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ގޮތުން ހިންގާ ކޮންމެ އިޖުރާތަކީ ބާތިލް ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ކޯޓަކުން ނެރޭ އެއްވެސް ނިންމުމެއްގެ ޝަރުއިއްޔަތާ އަދި ދުސްތޫރިއްޔަތާ މެދު ގޮތް ކަނޑައެޅުމާއި، ކޯޓެއްގެ އެއްވެސް ކަހަލަ ގަޟައީ ނިންމުމެއް މުރާޖައާ ކުރުމާއި، އޭގެ މެރިޓް ވަޒަންކުރުމާއި، މެރިޓަށް ބަލައިގެން އެއްވެސް ފަނޑިޔާރަކަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށްޓަކައި އެއްވެސް ކަހަލަ އިޖުރާއަތެއް ހިންގުމަކީ ޖޭއެސްސީއަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރެއް ނޫން ކަމަށެވެ. އެހެންކަމުން ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމުގައި ޖޭއެސްސީގެ އެއްވެސް މެމްބަރަކު ބައިވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އަދި އެއީ މެންބަރުން ކުރައްވައިގެން ތިއްބަވާ ހުވަޔާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށްވެސް ވިދާޅުވި އެވެ.
ހިޔާލު

ހުސެއިން

މައިހިގެންގޮސް އަގާއް އަތްވެދަގެ

ގުއިއްޒު

މަޑުން ހުއްޓަސް ނުލަފާ ބޭކަލެއް. ވަގުތުން ވަކިކުރަން ޖެހޭ.