Sarukaarun MNU akah nufoozeh nufoaruvaanan: Minister
image
އެމްއެންޔޫގެ އަލަށް އައްޔަން ކުރި ކައުންސިލާއި އެކު މިނިސްޓަރު ބައްދަލު ކުރައްވަނީ: ފޮޓޯ / އެމްއެންޔޫ
0 ކޮމެންޓް
 

ސަރުކާރުން އެމްއެންޔޫއަކަށް ނުފޫޒެއް ނުފޯރުވާނަން: މިނިސްޓަރު

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްބުނެ ދައްކަމުން ގެންދާ ވާހަކަތައް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދޮގު ކުރައްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެ ޔުނިވާސިޓީއަށް އަލަށް އައްޔަން ކުރި ކައުންސިލާ މިއަދު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެމްއެންޔޫ ހިންގުމުގެ ފަންނީ ކަންކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އެހެންނަމަވެސް މީހުން ބިނާ ކުރުމުގެ މަސައްކަތުގައި ވަކި ދާއިރާތަކުން މީހުން ބިނާ ކުރަން ބޭނުންވާ ކަމަށް ފެނިއްޖެނަމަ، އެކަމަށް އެދި ޔުނިވާސިޓީގައި ސަރުކާރުން ދަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް އެކަމަށް އަމަލު ކުރާނެ އުސޫލްތައް ނިންމަވާނީ ޔުނިވާސިޓީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ބައިބައިވެ ފިތުނަ އުފެދިދާނެ ހުރިހާ ކަމަކުން ގައުމީ ޔުނިވާސިޓީގެ ސްޓާފުންނާއި ދަރިވަރުން ދުރުހެލިވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގުޅިފައިވަނީ ހުރިހާ ފަރުދުންގެ ބަހާއި އަމަލުގެ މައްޗަށް ކަމަށާ އިލްމީ މަސައްކަތްތަކުގެ ނާރެހަށް އެމްއެންޔޫ ވުމަކީ ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން ސޯޝަލް މީޑިޔާގައި ވާހަކަ ނުދައްކަން ސަރުކާރުން އަންގާފައިވާ ކަމަށް ހަބަރުތައް ފެތުރިފައި ވަނިކޮށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން އަންނަނީ އެމްއެންޔޫއަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
ހިޔާލު