Settlement committee ge masahkai haama kuran jehey: Transparency Maldives
image
ރައީސް އޮފީސް
0 ކޮމެންޓް
 

ސެޓްލްމަންޓް ކޮމިޓީގެ މަސައްކަތް ހާމަކުރަންޖެހޭ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

ދައުލަތުން ބަދަލު ދޭން ޖެހޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށްގެން ބަދަލުދިނުމުގައި ލަފާދިނުމަށް އެކުލަވާލާފައިވާ ސެޓްލްމަންޓް ކޮމިޓީގެ މަސައްކަތްތައް ހާމަކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ދައުލަތާ އެކު އެކިއެކި ފަރާތްތަކުން ހަދާފައިވާ ބައެއް އެއްބަސްވުންތައް ނިމިދިޔަ ސަރުކާރުތަކުން ބާތިލްކުރުމާ ގުޅިގެން ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވެ އެވެ. ބަދަލު ދިނުމުގެ މައްސަލަތައް ކޯޓުން ބޭރުން ހައްލުކޮށް، ދައުލަތަށް ވީހާވެސް ގެއްލުން ކުޑަވާ ގޮތަކަށް މިފަދަ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ލަފާ އެރުވުމަށް ސެޓްލްމަންޓް ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފެއްދެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދައުލަތުން ބަދަލުގެ ގޮތުގައި ހަމައެކަނި މިއަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ އަމިއްލަ ކުންފުނިތަކަށް ދީފައިވާ ކަމަށެވެ. އެހެންކަމުން ސެޓްލްމަންޓް ކޮމިޓީގެ މަސައްކަތްތަކާއި ހިންގުން ހާމަކުރުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަ އެވެ.

ކޮމިޓީގެ ހިންގުމުގައި ޖަވާބުދާރީކުރުވަނިވި އުސޫލުތަކެއް ތަންފީޒު ކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ. އަދި މިފަދަ ގެއްލުން ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި ނުވާނެ ކަން ޔަގީންކުރުމަށް އަޅާ ފިޔަވަޅުތައް އިސްނެގުމާ އެކު ހާމަކުރުމަށްވެސް އެދިފައިވެ އެވެ. މީގެއިތުރުން ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށްވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ގޮވާލާފަ އެވެ.



ދައުލަތުން ބަދަލު ދެމުންދާ ގޮތާ މެދު އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާއިރު ސެޓްލްމަންޓް ކޮމިޓީއަށް ލަފާ ދިނުމަށް މިނިވަން އޮޑިޓަރަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބަންޑާރަނައިބް އޮފީހުން ދާދިފަހުން ވަނީ ބުނެފަ އެވެ.

ދައުލަތުން ބަދަލު ދޭން ޖެހޭ ބައެއް މައްސަލަތަކުގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް ދައުލަތުން ބައެއް ފަރާތްތަކަށް ބަދަލު ދީފައިވާތީ އެކަމުގައިވެސް ބައެއް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ހިޔާލު