30 Million Rufiyaage aa imaaraatheh CHSE ah
image
30 މިލިއަން ރުފިޔާގެ އާ އިމާރާތެއް ސީއެޗްއެސްއީ އަށް އަޅަން ހަވާލުކުރުން--
0 ކޮމެންޓް
 

30 މިލިއަން ރުފިޔާގެ އަށް ބުރީގެ އާ އިމާރާތެއް ސީއެޗްއެސްއީ އަށް

ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 30 މިލިއަން ރުފިޔާގެ އާ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި ރަޝީދު ކާޕެންޓްރީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.

އެގޮތުން 30 މިލިއަން ރުފިޔާއަށް އެމަސައްކަތް ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސީއެޗްއެސްއީގެ އާ އިމާރާތް އަޅަނީ އެންމެ ފުރަތަމަ ސްކޫލު ހުޅުވިއިރު ހުރި ދެ ބުރި އިމާރާތް ތަޅާލުމަށް ފަހެވެ. އެތަން ބާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު އެތަނަކީ ރައްކާތެރި ތަނެއް ނޫން ކަމަށް އެމްޑީއެފުން އެންގުމާއެކު މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ވަނީ އެތަނުގައި ކިޔަވައިދިނުން ހުއްޓާލާފަ އެވެ. އެހެންވެ، 1500 ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލަށް ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފަ އެވެ.

އޭގެ އިތުރުން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިތުރު ދެ ސްކޫލެއްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެވެ. އެގޮތުން ގދ. ފިޔޯރި ސްކޫލް ގައި 2 ފަންގިފިލާގެ 6 ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 225 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ފަސް މިލިއަން ރުފިޔާ އަށެވެ.

ކ. ހުރާ ސްކޫލްގައި ދެ ފަންގިފިލާގެ ހަ ކްލާސްރޫމް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން 250 ދުވަހުގެ ތެރޭ ނިންމާގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހަތަރު މިލިޔަނަށްވުރެ ގިނަ ރުފިޔާ އަށެވެ.
ހިޔާލު